Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޔުނިވަރސިޓީން ވަޒީފާ ނުދިނީ އިސްރާއީލުގެ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ދިރާސާކުރާތީ

ބައިނަލްއަޤުވާމީ ގުޅުންތައް ދިރާސާކުރާ ޢިލްމުވެރިއަކަށް ޓޮރޮންޓޯ ޔުުނިވަރސިޓީން ވަޒީފާއެއް ދިނުމަށްފަހު އެ ހުށަހެޅުން އަނބުރައި ގެނައުމާ ގުޅިގެން އަނބުރާ އޭނާއަށް ވަޒީފާ ދިނުމަށް އެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުދައްރިސުން ގޮވާލައިފިއެވެ.މި ޢިލްމުވެރިޔާއަށް ވަޒީފާ ހުށަހެޅުމަށްފަހު ހުށަހެޅުން އަނބުރާ ގެނެސްފައިވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ސަރަހައްދުތަކުގައި އެ ޤައުމުން ހިންގާ ލާއިންސާނީ ކަންކަން ދިރާސާކުރާތީއެވެ.
ޓޮރޮންޓޯ ޔުނިވަރސިޓީގެ ލޯ ސްކޫލުގައި ހިންގާ އިންޓަރނޭޝަނަލް ހިއުމަން ރައިޓްސް ޕްރޮގުރާމް (އައިއެޗްއާރްޕީ)ގެ ޑައިރެކްޓަރެއްގެ މަޤާމު ވެލެންޓީނާ އަޒަރޯވާއަށް ހުށަހެޅުމަށްފަހު، އެ ހުށަހެޅުން އަނބުރާ ގެނެސްފައިވަނީ ކެނެޑާގެ ފެޑަރަލް ކޯޓެއްގެ ފަނޑިޔާރެއްގެ ފިއްތުންތަކުގެ ސަބަބުން ކަމަށް ތުހުމަތުވެއެވެ. މި ފަނޑިޔާރަކީ މި ކޮލެޖަށް ގިަނ ޢަދަދެއްގެ ފައިސާ ހަދިޔާކުރާ މީހެއް ކަމުގައިވެސް ތުހުމަތުވެއެވެ.
ޓޮރޮންޓޯގެ ނޫހަކުން ބުނި ގޮތުގައި އެ ނޫހަށް ލިބިފައިވާ އީމެއިލުތަކުން އެނގޭ ގޮތުގައި އެ ފެކަލްޓީގެ ޑީން ކަމުގައިވާ އެޑްވާޑް އިއޮކޮބުޗީ އަށް ސެޕްޓެންބަރު 12 ވަނަ ދުވަހު ފޮނުވާފައިވާ އީމެއިލުން އެނގޭ ގޮތުގައި އަޒަރޯވާއަށްއައިއެޗްއާރްޕީގެ ޑައިރެކްޓާގެ މަޤާމު ހުށަހެޅުމުން އޭނާ އެ މަޤާމު ޤަބޫލުކޮށްފައިވާ ކަމުގައި އެ ޕްރޮގުރާމުގެ ކުރީގެ ދެ ޑައިރެކްޓަރެއް ބުނެފައިވެއެވެ.
އެހެންނަމަވެސް ކެނަޑާގެ ޓެކްސް ކޯޓުގެ ފަނޑިޔާރެއް އަޒަރޯވާއާމެދު ހުރި ކަންބޮޑުވުންތަކެއް ހިއްސާކުރުމާއެކު އޭނާއަށް ހުށަހެޅި ހުށަހެޅުން އަނބުރާ ގެންގޮސްފައިވެއެވެ. މި ހުށަހެޅުން އަނބުރާ ގެންދިއުމަށް އެ ފެކަލްޓީއަށް ފިއްތުން ކުރިމަތިކުރުވި ފަނޑިޔާރުގެ ނަން މިހާތަނަށް މީޑިޔާތުން ހާމަކޮށްފައިނުވެއެވެ.
ޔުނިވަރސިޓީގެ މި ނިންމުމާއެކު، އެ ޔުނިވަރސިޓީގައި މަސައްކަތްކުރާ ވަރަށް ގިނަ ފަރާތްތައް ވަނީ އިސްތިއުފާދީފައެވެ. އޭގެ ތެރޭގައި އަޒަރޯވާއަށް އެ މަޤާމު ދޭން ފެންނަ ކަމަށް އިއްތިފާޤުން ކަނޑައެޅި ކޮމިޓީގެ މެންބަރު އަދި ޤާނޫނުގެ ޕްރޮފެސަރު އައުޑްރޭ މެކްލިން ހިމެނެއެވެ. އަދި އެ ކޮމިޓީގެ އިތުރު މެންބަރެއް ކަމުގައިވާ ވިންސެންޓް ވޮންގވަނީ ބުރާސްފަތިދުވަހު މަޤާމުން އިސްތިއުފާދެއްވާފައެވެ.
އައިއެޗްއާރްޕީ ގެ އިސްތިޝާރީ ބޯޑުގެ ތިން މެންބަރުން ކަމުގައިވާ ވިންސެންޓް ޗާއޯއާއި ޓްރޫޑޯ ލެމެންސްއާއި އަންނާ ސޫވެސްވަނީ މަޤާމުން އިސްތިއުފާދީފައެވެ.
އައިއެޗްއާރްޕީގެ 100 އަށްވުރެ ގިނަ ދަރިވަރުންނާއި ޚިއްރީޖުން ލޯ ފެކަލްޓީގެ ޑީނަށް ފޮނުވި ސިޓީއެއްގައި އެދިފައިވަނީ އަޒަރޯވާ ކިބައިން މަޢާފަށް އެދުމާއެކު އޭނާއަށް އަނބުރާ ވަޒީފާ ދިނުމަށެވެ. އަދި ބޭރުން އަންނަ ނުފޫޒުތަކުން ޔުނިވަރސިޓީ ސަލާމަތްކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.
އޭގެ އިތުރުން އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ޑރ.ވެލެންޓީނާ އަޒަރޯވާ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނު ސަރަހައްދުތަކުގައި ކަން ހިނގާ ގޮތާ ގުޅޭ ގޮތުން ކުރައްވާފައިވާ ދިރާސާތަކަކީ އެ ދާއިރާގައި އިހުތިރާމު ލިބިގެންވާ މަސައްކަތްތަކެކެވެ. އަދި އެ މަސައްކަތްތަކަކީ ހަމަތަކާއި އުޞޫލުތަކުގެ މަތީގައި ކޮށްފައިވާ މަސައްކަތްތަކެކެވެ.
މި ލިއުމާއި ގުޅޭ