Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޗައިނާ އިސްވެ އުފެއްދި އޭއައިއައިބީއިން 1.25 ބިލިއަން ޑޮލަރުގެ ލޯނު އިންޑިޔާއިން ނަގައިފި

ޗައިނާ އިސްވެ އުފައްދާފައިވާ އޭޝިޔަން އިންފްރަސްޓްރަކްޗާ އިންވެސްޓުމެންޓު ބޭންކުން އިންޑިޔާއިން 1.24 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާކަން ހާމަވެއްޖެއެވެ.
އޭއައިއައިބީން 1.24 ބިލިއަން ޑޮލަރުގެ ލޯނު އިންޑިޔާއިން ނެގިކަން ހާމަކުރެއްވީ އެ ޤައުމުގެ ފައިނޭންސް މިނިސްޓަރު އަނޫރާގް ޓާކުރު އިއްޔެ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގައެވެ. މި ލޯނުތައް އިންޑިޔާއިން ނަގާފައިވަނީ ދެ ފަހަރެއްގެ މަތިން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން މި އަހަރުގެ މޭ މަހުގެ 8 ވަނަ ދުވަހު އިންޑިޔާއިންވަނީ އެ ބޭންކުން 500 މިލިއަން ޑޮލަރު ނެގުމަށް ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ފައިސާގެ ތެރެއިން 250 މިލިއަން ޑޮލަރު މިހާރު އިންޑިޔާއަށް ވަނީ ލިބިފައެވެ. މި ފައިސާއަކީ ކޮވިޑް-19 ކާރިސާއިން އަރައިގަތުމަށް ނަގާފައިވާ ފައިސާއެކެވެ. އެ ފައިސާ ޚަރުދުކުރަން ނިންމާފައިވަނީ އިންޑިޔާގެ ޞިއްޙީ ނިޒާމު ކޮވިޑް-19 ކާރިސާއާ ކުރިމަތިލުމަށް ތައްޔާރުކުރުމަށެވެ.
ދެވަނަ ލޯނުގެ އެއްބަސްވުމުގައި އިންޑިޔާއިން ސޮއިކޮށްފައިވަނީ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. އެ ލޯނަކީ 750 މިލިއަން ޑޮލަރުގެ ލޯނެކެވެ. މި ލޯނު ނަގާފައިވަނީ ކޮވިޑް-19އާ ގުޅިގެން އިންޑިޔާއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށާއި، އިންޑިޔާ ރައްޔިތުންނަށް މެދުވެރިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ.
މި ލޯނުތައް ދޫކުރި އޭޝިޔާ އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓު ބޭންކަކީ އެ ބޭންކުގެ މުއައްސިސުންގެ ތެރޭގައި ރާއްޖެވެސް ހިމެނޭ ބޭންކެކެވެ. މި ބޭންކުން އިންޑިޔާއިން ބޮޑެތި ލޯނުތައް ނަގާފައިވާއިރު، އިންޑިޔާއާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެ، ދެ ޤައުމުގެ ސިފައިންގެ މެދުގައި ހަމަނުޖެހުންތައްވެސް ހިނގާފައިވެއެވެ.
އޭއައިއައިބީގެ އިތުރަށް އިންޑިޔާއިންވަނީ ވޯލްޑު ބޭންކުންވެސް ލޯނު ނަގާފައެވެ. އެގޮތުން އިންޑިޔާއިންވަނީ އެ ބޭންކުން 2.5 ބިލިއަން ޑޮލަރުގެ ތިން ލޯނެއް ނަގާފައެވެ.
މި ލިއުމާއި ގުޅޭ