ޢަރަބި ޤައުމުތަކުން އިސްރާއީލާ ގުޅުން ޤާއިމުކުރުމުން ފަލަސްޠީނު ރައްޔިތުން އިހުތިޖާޖުކޮށްފި

އިބްރާހިމް އާދަމް 16 ސެޕްޓެމްބަރު 2020 08:02
Flowers
ފަލަސްޠީނު ރައްޔިތުންގެ އިހުތިޖާޖުގެ ތެރެއިން

އެކުވެރި ޢަރަބި އިމާރާތާއި ބަޙުރައިނުން އިސްރާއީލާއެކު ސިޔާސީ ގުޅުން ޤާއިމުކުރުމާ ގުޅިގެން ޣައްޒާއާއި އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި އެތައް ސަތޭކަ ފަލަސްޠީނު ރައްޔިތުން ނުރުހުން ފާޅުކޮށް އިހުތިޖާޖުކޮށްފިއެވެ. 

ބަޙުރައިން އަދި އިމާރާތާއި އިސްރާއީލުގެ މެދުގައި އެކުލަވައިލެވުނު އެއްބަސްވުންތަކަކީ އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެކުލަވައިލި އެއްބަސްވުންތަކެކެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ އަންގާރަދުވަހު އެމެރިކާގެ ވައިޓްހައުސްގައެވެ. އިސްރާއީލުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ. 

މާސްކު އަޅައިގެން ފަލަސްޠީނު ދިދަ އުފުލަމުން، ހުޅަނގު އައްސޭރީގެ ނާބުލުސްއާއި ހިބްރޫނާއި ޣައްޒާގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ފަލަސްޠީނު ރައްޔިތުންވަނީ ބަޙްރައިނާއި އިމާރާތަކީ ޚާއިނުން ކަމުގައި އަޑުއުފުލާފައެވެ. މުޒާހަރާވެރިން އުފުލި ކާޑުތަކާއި ބެނާތަކުގައި އިސްތިއުމާރާއެކު ގުޅުން ޤާއިމުނުކުރުމަށާއި، މި އެއްބަސްވުންތަކަކީ ލަދެއް ކަމުގައި ލިޔެފައި ހުއްޓެވެ. 

އަލްޖަޒީރާއަށް ބަސްދީގަތުމެއް ދެމުން ޣައްޒާގެ އިހުތިޖާޖުގައި ބައިވެރިވި ޢިމާދު ޢީސާ ބުނެފައިވަނީ ޣައްޒާގެ އައްސޭރިފަށުގައި ހިނގައިލުމުން އިސްރާއީލުގެ އިސްތިޢުމާރާއި ޣައްޒާ ހިޞާރަކޮށްފައިވާތީ އިހުތިޖާޖުކުރުމުން، އެކަމުގެ އަދަބެއްގެ ގޮތުގައި ފައި ގެއްލި ނުކުޅެދުންތެރިވެފައިވާ ޒުވާނުން ފެންނާނެ ކަމުގައެވެ. އަދި މިހާރުވެސް ހުޅަނގު އައްސޭރިއާއި ޤުދުސްގައި އިސްރާއީލުން ބުލްޑޯޒަރުތައް މެދުވެރިކޮށް ފަލަސްޠީނު ރައްޔިތުންގެ ގެތައް ތަޅައި ސުންނާފަތިކުރަމުންދާ ކަމުގައިވެސް ބުންޏެވެ. 

އޭގެ އިތުރަށް ޢީސާ ބުނީ މިއީ އިސްރާއީލުން ފަލަސްޠީނު ރައްޔިތުންނާމެދު ހިންގާ ޖަރީމާތަކުގެ ތެރެއިން ހަމައެކަނި ފެންނަ މިންވަރު ކަމަށެވެ. މިފަދަ ޙާލަތެއްގައި ފަލަސްޠީނު ރައްޔިތުން ތިއްބައި އިމާރާއި ބަޙްރައިންނުން އިސްރާއީލާއެކު އެއްބަސްވުންތައް ހެދުމަކީ، ފަލަސްޠީނު މައްސަލަ ވަރަށް ދެރަވަރު އަގަކަށް ވިއްކައިލުން ކަމަށްވެސް އޭނާ ބުންޏެވެ. 

އިއްޔެ އޮތް މުޒާހަރާގައި ނަތަންޔާހޫއާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ބަޙްރައިނުގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އަލް-ޚަލީފާއާި އަބޫދާބީގެ ވަލީޢަހްދު މުޙައްމަދު ބިން ޒާއިދް އައްނަޙްޔާންގެ ފޮޓޯތައްވަނީ އަންދާފައެވެ. 

ކިޔުންތެރިންގެ ހިޔާލު