އިރުމަތީ ޤުދުސްގެ މިސްކިތެއް ތަޅައިލަން އިސްރާއީލު ކޯޓަކުން އަމުރުކޮށްފި

އައިޝަތު ހަނާ 15 ސެޕްޓެމްބަރު 2020 12:55
Flowers
އިރުމަތީ ޤުދުސްގައި އިސްރާއީލުންދަނީ ގިނަ ޢިމާރާތްތަކެއް ތަޅައި ސުންނާފަތިކުރަމުން

އިރުމަތީ ޤުދުސްގައި ހުންނަ މިސްކިތެއް، އެ މިސްކިތް ބިނާކުރުމުގެ ހުއްދަ ނެތި ބިނާކުރި ކަމުގައި ބުނެ،  ތަޅައިލުމަށް އިސްރާއީލުގެ ކޯޓަކުން އަމުރުކޮށްފި ކަމަށް ފަލަސްޠީނުގެ މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ. 

އިސްރާއީލުގެ ކޯޓަކުން އެ މިސްކިތް ތަޅައިލުމަށް އަމުރުކުރުމާ ގުޅިގެން ޣައްޒާގެ ދީނީ ކަންކަމާއި އައުޤާފާއި ބެހޭ ވުޒާރާއިން އެ ނިންމުން ކުށްވެރިކޮށް މިސްކިތް ތަޅައިލުމާ ދެކޮޅަށް އިންޒާރުދީ ނެރެފައިވާ ބަޔާނެއް ފަލަސްޠީނުގެ މީޑިޔާތަކުންވަނީ ޢާންމުކޮށްފައެވެ. 

އަދި އެ ބަޔާނުގައި ޤުދުސްގައި ހުރި މުޤައްދަސް ތަންތަނާއި، އަޅުކަންކުރާ ތަންތަން ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢާއި ޢަރަބި ލީގާއި އޯއައިސީއަށް ގޮވާލާފައިވެއެވެ. 

އިސްރާއީލުގެ އިދާރާތަކުންވަނީ އެ މިސްކިތް ހުރި ސަރހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ކޯޓު އަމުރު އިސްތިއުނާފުކުރުމަށް 21 ދުވަހުގެ މުހުލަތެއް ދީފައެވެ. ތަޅައިލަން އިސްރާއީލު ކޯޓުން އަމުރުކުރި ޤައުޤާ ބިން ޢަމްރޫ މިސްކިތަކީ ޤުދުސްގެ ސިލްވާނޭ ކިޔާ އަވަށުގައި ހުންނަ މިސްކިތެކެވެ. 

މި މިސްކިތަކީ 2012 ވަނަ އަހަރު ބިނާކޮށްފަިއވާ އެއް ފަހަރާ އެތައް ސަތޭކަ ބަޔަކަށް އަޅުކަންކުރެވޭ މިސްކިތެއް ކަމުގައި އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. މީގެ ކުރިން 2015 ވަނަ އަހަރުގައިވެސް މި މިސްކިތް ތަޅައިލުމަށް އިސްރާއީލުގެ ކޯޓަކުން އަމުރުކުރިއެވެ. ނަމަވެސް އެ އަމުރު ތަންފީޒުކޮށްފައިނުވެއެވެ. 

އަޤުޞާ މިސްކިތާ ވަރަށް ކައިރީގައި ހުންނަ ސިލްވާން އަވަށުގެ އެތައް ގެއެއް، ފާއިތުވި އަހަރުތަކުގައި އިސްރާއީލުގެ އިސްތިއުމާރީ އާބާދުވުން ކުރިއަށް ގެންދިއުމަށް ފޭރިގަނެއްފައިވާ ކަމުގައިވެސް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. 

އިސްރާއިޅުންވަނީ ފާއިތުވި ހަފުތާތަކުގައި ގެތަކާއި އިމާރާތްތައް ތަޅައި ސުންނާފަތިކުރުމުގެ ބޮޑު ކެމްޕޭނެއް އިރުމަތީ ޤުދުސްގައި ހިންގާފައެވެ. ޚާއްޞަކޮށް ސިލްވާނުގައި މި ހަރަކާތުގެ ތެރެއިން ގިނަ ޢަދަދެއްގެ އިމާރާތްތައް ސުންނާފަތިކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު