ބަޙްރައިނާއި އެމިރޭޓްސްއިން 500 މިލިއަން ޑޮލަރު ލިބޭނެކަމަށް އިސްރާއީލުން އަންދާޒާކުރޭ

އިބްރާހިމް އާދަމް 15 ސެޕްޓެމްބަރު 2020 10:47
Flowers
އިސްރާއީލާއެކު އެކުވެރި ޢަރަބި އިމާރާތާއި ބަޙްރައިނުން ގުޅުން ޤާއިމުކުރުމާއެކު ޢަރަބި ގިނަ ޤައުމުތަކުގެ ފާޑުކިޔުން އެ ދެޤައުމަށް އަމާޒުވެފައިވޭ

އެކުވެރި ޢަރަބި އިމާރާތާއި ބަޙުރައިނާއެކު ސިޔާސީ ގުޅުން ޤާއިމުކުރުމަށް އެ ދެ ޤައުމުން ވެފައިވާ އެއްބަސްވުންތަކަށް އަމަލުކުރަން ފެށުމުން އިސްރާއީލަށް 500 މިލިއަން ޑޮލަރުގެ ވިޔަފާރި ލިބޭނެ ކަމަށް އެ ޤައުމުން އަންދާޒާކޮށްފިއެވެ. 

އިސްރާއީލުގެ ސަރަހައްދީ އެއްބާރުލުމާ ބެހޭ ވަޒީރު އޯފިރް އަކުނިސް ބުނެފައިވަނީ އެ ޤައުމުން ބަޙްރައިނާއި އެކުވެރި ޢަރަބި އިމާރާތާއެކު ސިޔާސީ ގުޅުން ޤާއިމުކުރުމަށް އެއްބަސްވި އެއްބަސްވުމުގެ ތެރެިއން ވިޔަފާރިއާއި އިންވެސްޓުމެންޓުގެ ގޮތުން ހުރިހާ ފަރާތަކެއް އެތައް ބިލިއަން ޑޮލަރެއް ލިބޭނެ ކަމުގައި އަންދާޒާކުރާ ކަމަށެވެ. އެގޮތުން ބަޙުރައިނާއި އިމާރާތަށް އިސްރާއީލުން ދަނޑުވެރިކަމާއި ފެން ސާފުކުރުމުގެ ދާއިރާގެ ތަޖުރިބާ ހިއްސާކުރާނެއެވެ. 

މި އެއްބަސްވުންތައް އެ ޤައުމުތަކުގެ ބަރުލަމާނުތަކުން ފާސްވުމާއެކު، ޓެކްނޮލޮޖީއާއި ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާގައި މި ޤައުމުތަކުގެ މެދުގައި އެއްބާރުލުމާއެކު މަސައްކަތްކުރަން ފަށާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި މި އެއްބަސްވުންތައް އިސްރާއީލުގެ ބަރުލަމާނުން ފާސްކުރާނެ ކަމުގައި ބެލެވެނީ އޮކްޓޯބަރު މަހުގެ މެދު ތެރޭގައި ޔަހޫދީންގެ ރަސްމީ ޗުއްޓީ ދުވަސްތައް ނިމުމުންނެވެ. 

ފައިނޭންޝަލް ޓައިމްސް ނޫހާ ވާހަކަދައްކަމަނުން އަކޫނިސް ބުނެފައިވަނީ މި އެއްބަސްވުންތަކާ ގުޅިގެން އިސްރާއީލުގެ މައިގަނޑު ވިސްނުމަކީ ޞުލްޙައިން ތަނަވަސްކަމަށް މަގު ކޮށުން ކަމުގައެވެ. އަދި އެކުވެރި ޢަރަބި އިމާރާތާއި ބަޙުރައިނާއެކު އިސްރާއީލުން ބިނާކުރާ އިޤުތިޞާދީ ގުޅުމުގެ ތެރެއިން އައު މެދުއިރުމައްޗެއް ބިނާކުރުން ކަމުގައިވެސް އޭނާ ބުންޏެވެ. 

އިސްރާއީލާއި އިމާރާތުގެ މަތީ ތައުލީމުދޭ ދެ މުއައްސަސާއަކުން އާދީއްތަދުވަހުގައި ވަނީ އާޓިފިޝަލް އިންޓަލިޖެންސްގެ ދާއިރާގައި އެކީ މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ މި ދެޤައުމުގެ ދިރާސީ މުއައްސަސާތަކެއްގެ މެދުގައި މިފަދަ އެއްބަސްވުމެއް އެކުލަވައިލެވުނު ފުރަތަމަ ފަހަރެވެ. 

އަދި އެކުވެރި ޢަރަބި އިމާރާތުގެ އެންމެ ބޮޑު އެއް ބޭންކު ކަމުގައިވާ އެންބީޑީއާއި އިސްރާއީލުގެ އެންމެ ބޮޑު އެއް ބޭންކު ކަމުގައިވާ ހަޕޯލިއަމްގެ މެދުގައި ހޯމަދުވަހު ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށް ދެ ޤައުމުގެ މެދުގައި މެދުވެރިއެއް ނެތި ފައިސާގެ މުއާމަލާތްކުރެވޭނެ އިންތިޒާމުވެސް ޤާއިމުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު