Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ތެޔޮ މަރުކަޒުތަކަށް ދިން ޙަމަލާއާ ގުޅިގެން އިރާނާ މެދު ފިޔަވަޅު އެޅުމަށް އެދެނީ

ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ މަރުކަޒުތަކަށް ދިން ހަމަލާއާ ގުޅިގެން އީރާނާ ދެކޮޅަށް ފިޔަވަޅު އެޅައިދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެއްވުމުގައި ދައުލަތްތަކުގެ ކިބައިން އެދުމަށް ސަޢޫދީން ނިންމައިފިއެވެ. ސަޢޫދީގެ މުހިއްމު ދެ ތެޔޮ މަރުކަޒަކަށް ދީފައިވާ ހަމަލާގެ ސަބަބުން އީރާނާ ސަޢޫދީގެ ކުރިންވެސް ހީނަރުވެފައިވާ ގުޅުން އިތުރަށް ހީނަރުވެ ސަރަހައްދީ ނުތަނަވަސްކަން އިތުރުވެފައިވެއެވެ. ސަޢޫދީއާއި އެމެރިކާއިން މިހަމަލާތަކުގެ ފަހަތުގައިވަނީ އީރާނުކަމަށް ތުހުމަތުކޮށްފައިވީ ނަމަވެސް އީރާނުން އެކަން ދޮގުކޮށްފައިވެއެވެ.
ޑިޕްލޮމެޓުންނާ ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވަނީ ސަޢޫދީގެ މައި އެކުވެރިން ކަމުގައިވާ އެމެރިކާއާއި އިމާރާތުންވެސް ޢަސްކަރީ ފިޔަވަޅުތަކެއް އަޅަން ޖެހިލުންވާ ކަމުގައެވެ. އެއީ އެފަދަ ހަނގުރާމައެއް ފެށިއްޖެނަމަ، ތެލުގެ އަގަށް އަތުވެދާނެ ބަދަލަކާއި ތެޔޮ ފޯރުކޮށްދޭ އިތުރު ދައުލަތްތައް އެހަނގުރާމައިގެ ތެރެއަށް މެހިގެން ހިނގައިދާނެ ކަމުގެ ބިރަށްޓަކައެވެ.
ސެޕްޓެންބަރު މަހުގެ 14ވަނަ ދުވަހުގެ ޙަމަލާގެ ފަހަތުގައިވަނީ އީރާނުކަން ސާބިތުކުރެވޭނެ ހެކި އ.ދގެ ޢާންމު ބައްދަލުވުމަށް ހުށަހެޅުމަށް ސަޢޫދީން ތައްޔާރުވަމުންދެއެވެ. އަދި އެހެކީގެ އެހީގައި އީރާނާ ދެކޮޅު އިއްތިޙާދެއް ޤާއިމުކުރުމަށް ސަޢޫދީއިން އުންމީދުކުރާ ކަމުގައިވެސް ރޮއިޓަރސްއިން ބުނެފައިވެއެވެ. ސަޢޫދީން ބުނެފައިވަނީ އީރާނުގެ ހަތިޔާރުތައް އުދުއްސާފައިވަނީ އުތުރުން ކަމުގައެވެ. އަދި އެހަމަލާތައް އައި ސީދާ ތަނެއް ޔަޤީންކުރުމަށް އެޤައުމުން މަސައްކަތްކުރާ ކަމުގައިވެސް ސަޢޫދީން ބުނެފައިވެއެވެ.
އީރާނުންވަނީ މިހަމަލާގައި އެޤައުމުގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމުގައި ބުނެފައެވެ. އަދި އެއްވެސް މިންވަރެއްގެ ފިޔަވަޅެއް އަތުވެއްޖެނަމަ، އެޤައުމުން ރައްދު ހަމަލާދޭނެ ކަމުގައިވެސް އީރާނުން އިންޒާރުދީފައިވެއެވެ. އެޤައުމުން ބުނެފައިވަނީ މިހަމަލާތަކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކަކީ އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނާލްޑު ޓްރަމްޕް ގެންގުޅުއްވާ ފިއްތުންތައް ވީ އެންމެ ބޮޑަކަށް އިތުރުކުރުމުގެ ސިޔާސަތުގެ ބައެއް ކަމުގައެވެ. މިސިޔާސަތަކީ 2015ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެކުލަވައިލެވުނު އީރާނުގެ ނިއުކްލިއަރ ހަތިޔާރާ ގުޅޭ އެއްބަސްވުމުން އެމެރިކާ ނެރުއްވުމަށްފަހު ޓްރަމްޕު އިޢުލާނުކުރެއްވި ސިޔާސަތެކެވެ. އަދި އެސިޔާސަތުގެ ދަށުން އީރާނުގެ ތެޔޮ ބޭރުކުރުމަށް ހުރަސް އެޅުމަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އަޅާފައިވެއެވެ. ސަޢޫދީއިން ބޭނުންވަނީ އީރާނަށް އިތުރު އަދަބުތަކެއް ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރިމަތިކުރުވުމެވެ.
މި ލިއުމާއި ގުޅޭ