މުސާރަ ކުޑަވެގެން މުޒާހަރާ ކުރި ސިއްހީ މަސައްކަތްތެރިންނަށް އިންޑިއާގައި ދައުވާކޮށްފި

ނާހިލް އަހްމަދު 12 އޯގަސްޓު 2020 11:55
Flowers
ސިއްހީ މަސައްކަތްތެރިން މުޒާހަރާ ކުރަނީ

މުސާރަ ކުޑަވުމާއި އެހެނިހެން ތަފާތު ގިނަ މައްސަލަތަކާއި ގުޅިގެން އިންޑިއާގައި މުޒާހަރާކުރި ސިއްހީ މަސައްކަތްތެރިންނަށް ދައުވާ ކޮށްފިއެެވެ. 

އިންޑިއާގެ ވެރިރަށް ދިއްލީގައި މުޒާހަރާކުރި 100 އަށްވުރެ ގިނަ ސިއްހީ މަސައްކަތްތެރިންނަށް ދައުވާ ކޮށްފައިވާއިރު އެއީ ހުސް އަންހެނުންނެވެ. އެމީހުން މުޒާހަރާ ކޮށްފައިވަނީ މުސާރަ ކުޑަވެގެންނާއި، މަސައްކަތުގެ މާހައުލުގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް މަހެއްގެ މައްޗަށް އާމްދަނީއަށް ލިބެނީ 26.74 ޑޮލަރެވެ. އަދި ކޮވިޑު-19 ގެ ހާލަތުގައިވެސް ރައްކާތެރިވުމަށް ބޭނުންކުރާ ސާމާނުވެސް އެމީހުންނަށް ނުލިބެއެވެ. 

މުޒާހަރާ ކުރި ސިއްހީ މަސައްކަތްތެރިންނަކީ ޕަބްލިކް ހެލްތުގެ ދާއިރާގައި އެންމެ އިސްސަފުގައި ހަރަކާތްތެރިވާ މީހުންނެވެ. މިގޮތުން ވެކްސިން އާއި ގުޅޭ ކެމްޕެއިން ހިންގުމައި ދަރިމައިވުމާ ގުޅޭ މައުލޫމާތު ދިނުންފަދަ ގިނަ ކަންކަމުގައި އެމީހުން ހަރަކާތްތެރިވެއެވެ. އަދި ކޮވިޑު-19 ގެ ހާލަތުގައި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި، އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި އެމީހުން ހަރަކާތްތެރިވެއެވެ. 

މި ހަފްތާގެ އާދީއްތަ ދުވަހު މުޒާހަރާ ކުރި ފަރާތްތަކަށް ދިއްލީގެ ފުލުހުން ވަނީ ހުއްދަ ނުހޯދައި މުޒާހަރާ ކުރި ކަމަށް ބުނެ ދައުވާ ކުރަން ފޮނުވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު