އެއް ދުވަސްތެރޭ 292،527 މީހުންނަށް ކޮރޯނާ ވައިރަސް ޖެހިއްޖެ

އައިޝަތު ހަނާ 1 އޯގަސްޓު 2020 11:40
Flowers
ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ/ ފޮޓޯ: ރޮއިޓާސް

ހުކިުރު ދުވަހު އެކަނި މުޅި ދުނިޔޭގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 292،527 އަށް އަރާފައިވާ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެފިއެވެ. މިއީ މިހާތަނަށް 24 ގަޑިއިރު ތެރޭގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު އެންމެ އިތުރުވި ދުވަހެވެ. 

ހުކުރު ދުވަހު އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ އެމެރިކާއާއި، ބްރެޒިލްއާއި އިންޑިޔާގެ އިތުރަށް ދެކުނު އެފުރިކާގައެވެ. އަދި ހުކުރުދުވަހު މުޅި ދުނިޔޭގައި މިބަލީގަިއ މަރުވި މީހުންގެ އަދަދުވަނީ 6،812 އަށް އަރާފައެވެ. ދުނިޔޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުން އެންމެ ގިނަ ހަތަރު ޤައުމުގެ ގޮތުގައި ފާހަގަވެފައިވަނީ ކުރިން ބުނި ހަތަރު ޤައުމެވެ. 

މީގެ ކުރިން އެއް ދުވަހެއްގައި އެންމެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހުނު ދުވަހެއްގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 284،196 މީހުންނަށް ބަލިޖެހުނު ޖުލައި މަހުގެ 24 ވަނަ ދުވަހެވެ. އެދުވަހު މަރުވި މީހުންގެ ޢަދަދު 9،753 މީހުންނަށް އުފުލުނެވެ. އެއީ މިހާތަނަށް ދެވަނައަށް އެންމެ ގިނައިން މީހުން މަރުވި ދުވަހެވެ. ޖުލައި މަހުގައި ކޮންމެ ދުވަހަކުވެސް އެވެރެޖު ގޮތެއްގައި 5،200 މީހުން މިބަލީގައި މަރުވެއެވެ. 

ގާތްގަނޑަކަށް 40 ޤައުމެއްގައި ކޮރޯނާ ވައިރަހަށް މީހުން ޕޮޒިޓިވްވާ މިންވަރު އެއް ދުވަސްތެރޭ ވަރަށް ބޮޑަށް އިތުރުވެފައިވާކަން ރިޕޯޓުކޮށްފައިވާ ކަމުގައި ރޮއިޓާސްއިން ބުނެއެވެ. އަދި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާ ކަމުގައިވެސް ރޮއިޓާސްއިން ބުނެފައިވެއެވެ. 

އެގޮތުން އޮސްޓްރޭލިއާ، ޖަޕާން، ހޮންކޮންގު ބޮލީވިއާ، ސޫދާން، އިތޯޕިއާ އިސްރާއީލް ފަދަ އެތައް  ޤައުމެއްގައި ބައްޔަށް މީހުން ޕޮޒިޓިވްވާ މިންވަރު އިތުރުވަމުންދާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކުރިއެވެ. 

ރޮއިޓާސްއިން ބުނި ގޮތުގައި ދެކުނު އެމެރިކާގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެމެރިކާ އަދި ކެނަޑާގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދުގެ ޖުމްލައަށްވުރެ ގިނަވެފައިވެއެވެ. އެމެރިކާ ފިޔަވައި ބަލިޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އެންމެ ގިނަ ޤައުމަކީ ބްރެޒިލެވެ. 

ޖުމްލަ މިހާތަނަށް ބަލިޖެހުނު މީހުންގެ ޢަދަދަކީ 17.4 މިލިއަން މީހުންނެވެ. އަދި މިހާތަނަށް 675،000 މީހުން މިބަލީގައި މަރުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު