Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކޮރޯނާވައިރަސް ވައިން ފެތުރޭ ކަމުގެ ހެކި ތިލަވަމުންދާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފި

ވައިގެ ޒަރީޔާއިން ކޮރޯނާވައިރަސް ފެތުރޭ ކަމުގެ ހެކިތައް ތިލަވަމުންދާ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެފިއެވެ. އެޖަްޢިއްޔާއިން މިފަދައިން ބުނެފައިވަނީ ކޮރޯނާ ވައިރަސް ފެތުރޭ ގޮތް ކަމުގައި އެޖަމްޢިއްޔާއިން މިހާތަނަށް ބުނަމުން އައި ގޮތް ބަދަލުކުރުމަށް ސައެންސްވެރިންގެ ގުރޫޕަކުން ގޮވާލާފައިވަނިކޮށެވެ.
ވައިގެ ޒަރީޔާއިން ކޮރޯނާވައިރަސް ފެތުރުމުގެ ފުރުޞަތު އޮތުމާ މެދު ވާހަކަދައްކަމުން އަންނަ ކަމުގައި ކޮވިޑް-19އާ ގުޅޭ ޑަބްލިއުއެޗްއޯގެ ފަންނީ މާހިރުންގެ އެންމެ އިސްވެރިޔާ މާރިޔާ ވަން ކަރްކޯވް ވިދާޅުވީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
މީގެ ކުރިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެފައިވާ ގޮތުން މިވައިރަސް ފެތުރެނީ ހަމައެކަނި ބޭރުވާ ތިކިތަކެއްގެ ޒަރީޔާއިންނެވެ. އަދި އެތިކިތަކަކީ ވައިގައި ހަރުލާފައި ހުންނަ މިންވަރަށްވުރެ ބަރު ތިކިތަކެއް ކަމުގައާއި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބިމަށް އެތިކިތައް ވެއްޓޭ ކަމަށްވެސް ކުރިން އެޖަމްޢިއްޔާއިން ބުނެފައިވެއެވެ.
ކްލިނިކަލް އިންފެކްޝަސް ޑިޒީޒަސް މަޖައްލާގައި ޝާއިޢުކޮށްފައިވާ ހުޅުވާލެވިފައިވާ ސިޓީއެއްގައި 32 ޤައުމަކުން 239 ސައެންސްވެރިން ބުނެފައިވަނީ، ކޮރޯނާ ވައިރަސް ވައިގެ ތެރެއިން ފެތުރޭ ކަމުގެ ހެކިތައް ފެނިފައިވާ ކަމުގައެވެ. އަދި ވައިރަސްގެ ޕާޓިކަލްތައް ވައިގެ ތެރޭގައި ހަރުލައި ނޭވާލުމުން އެވައިރަސް ހަށިގަނޑުގެ ތެރެއަށް ވަންނަ ކަމަށެވެ.
އަދި ނޭވާލާއިރުއާއި ކެއްސައި ކިނބިހި އަޅާއިރުއާއި ވާހަކަދެއްކުމުގެ ތެރޭގައި ޖައްވުގެ ތެރެއަށް ނުކުންނަ ވައިރަސްގެ ޕާޓިކަލްތައް ވައިގެ ތެރޭގައި ހަރުލާފައި ހުންނަކަމަށް ޤަބޫލުކުރެވޭތީ ޑަބްލިއުއެޗްއޯއިން ދެމުންދާ ލަފާއާއި އިރުޝާދު އިސްލާހުކޮށް އައުކުރުމަށް އެ ސައެންސްވެރިންވަނީ ގޮވާލާފައެވެ.
ޑަބްލިއުއެޗްއޯ ބަލި ފެތުރުން ހުއްޓުވުމާއި ހަންމަތަކުރުމާ ގުޅޭ ފަންނީ އެންމެ އިސްވެރިޔާ ބެނެޑެޓާ އަލެގްރާންޒީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮރޯނާ ވައިރަސް ވައިގެ ޒަރީޔާއިން ފެތުރޭ ކަމުގެ ބައެއް ހެކިތައް ތިލަވެފައިވާ ކަމުގައެވެ. ނަމަވެސް އެހެކިތަކަކީ އެންމެ ފަހުގެ ނިންމުން އެމައްޗަށް ނިންމޭ މިންވަރުގެ ހެކިތަކެއް ނޫން ކަމުގައި އޭނާ ވިދާޅުވއިެެވެ.
އޭނާ އިތުރަށް ވިދާޅުވީ ވަރަށް ޚާއްޞަ ޙާލަތްތަކެއްގައި ކޮރޯނާ ވައިރަސް ވައިގެ ޒަރީޔާއިން ފެތުރޭ ކަމުގެ ބައެއް ހެކި ލިބިފައިވާ ކަމުގައެވެ. އެގޮތުން މީހުން، ގިނަ، ބަންދުވެފައި ހުންނަ، އަދި އެތަންތަނުގެ ވައިގެ ދައުރުވުން ބަލިކަށި ތަންތަނުގައި ވައިގެ ތެރެއިން ކޮރޯނާ ވައިރަސް ފެތުރުމަކީ ނުވާ ކަމެއް ކަމުގައި ބުނެވެން ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ.
ނަމަވެސް މިކަމާ ގުޅޭ ހެކި އެއްކޮށް އެހެކިތައް އެކަށީގެންވާ ގޮތެއްގައި މާނަކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބައެއް ސައެންސްވެރިން ވިދާޅުވި ގޮތުގައި މިބަލި ވައިގެ ޒަރީޔާއިން ފެތުރޭ ކަމަށް ޤަބޫލުކުރުމަށް ޞިއްޙީ ބައެއް މާހިރުން ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އެކަން ބަލައިގަތުމަށް ހެކި ޤަބޫލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑަކީ މާ މަތީ މިންގަނޑެއް ކަމުގައިވެސް އެސައެންސްވެރިން ފާހަގަކުރެއްވިއެވެ. އޭގެ އިތުރަށް ވައިގެ ޒަރީޔާއިން ކޮރޯނާވައިރަސް ފެތުރޭކަން ބެލުމަށް ޑަބްލިއުއެޗްއޯއިން އެކުލަވައިލި ޕެނަލުގައި ވައިގެ ޒަރީޔާއިން ބަލި ފެތުރުން ދިރާސާކުރާ ސައެންސްވެރިން ނެތް ކަމުގައިވެސް އެބޭފުޅުން ވިދާޅުވެއެވެ.
ބަލި ފެތުރޭ ގޮތް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މުރާޖަޢާކޮށް އެކަމަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ މިހާރު ގައިދުރުކުރުމުގައި 1 މީޓަރުގެ ދުރުމިން ހިފަަހެއްޓުމަށް އެޖަމްޢިއްޔާއިން ދޭ އިރުޝާދަށް ބޮޑު ބަދެލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
މި ލިއުމާއި ގުޅޭ