އެމްސްޓަރޑާމް ގެ ބައެއް ސަރަހައްދުތަކުން އެއަރބީއެންބީ މެދުވެރިކޮށް ކޮޓަރި ކުއްޔަށް ދިނުން މަނާކޮށްފި

އާމިނަތު ޝިމާ 4 ޖުލައި 2020 13:22
Flowers
އެމްސްޓަރޑާމް: ފޮޓޯ:ދިޔަރެސް

މުޅި ދުނިޔޭގައިވެސް ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު އެއް ސިޓީކަމަށްވާ ނެދަލޭންޑްސްގެ ވެރިރަށް އެމްސްޓަރޑާމްގެ ބައެއް ހިސާބުތަކުން އެއަރބީއެންބީ މެދުވެރިކޮށް ކޮޓަރިތައް ކުއްޔަށް ދިނުން މަނާކޮށްފިއެވެ.

އެއަރބީއެންބީއަކީ އޮންލައިންކޮށް އަމިއްލަ ގެއިން ކޮޓަރި ކުއްޔަށް ދޫކުރެވޭ ވެބްސައިޓެކެވެ. އެމްސްޓަރޑާމްގެ ސިޓީ ކައުންސިލުން އިއުލާންކޮށްފައިވާ ގޮތުގައި އެ ސިޓީގެ ތިން ސަރަހައްދަކުން ދެން އެއަރބީއެންބީ މެދުވެރިކޮށް ކޮޓަރި ކުއްޔަށް ދޫކުރާނަމަ ހާއްސަ ހުއްދައެއް ނަގަން ޖެހޭނެއެވެ. އަދި ހުއްދައިގެ ދަށުންވެސް ކޮންމެ މީހަކަށް އަމިއްލަ ގެއިން ކޮޓަރި ކުއްޔަށް ދޫކުރެވޭނީ އަހަރަރު 30 ދުވަހަށެވެ. އަދި އެއްފަހަރާ 4 މީހުންނަށްވުރެ ގިނަ ނުވާގޮތަށެވެ.

އެމްސްޓަރޑާމް އިން މިގޮތަށް ނިންމީ، ފާއިތުވި އަހަރުތަކުގައި އެ ސިޓީއަށް އަންނަ ފަތުރުވެރިން ވަރަށް ގިނަވެ، އެ ސިޓީގެ ރައްޔިތުންނަށްވެސް އުނދަގޫތަކާއި ކުރިމަތިލާން ޖެހުމުންނެވެ. އެއަރބީއެންބީ މެދުވެރިކޮށް ވަރަށް ކުޑަ އަގުގައި ކޮޓަރިތައް ކުއްޔަށް ދެވޭތީ، މާބޮޑަށް ހަރަދު ނުކުރާ، ފަތުރުވެރިންގެ އަދަދު އެމްސްޓަރޑާމްއަށް ވަރަށް ގިނައިން ޒިޔާރަތް ކުރެއެވެ. އަލަށް މި އެޅި ފިޔަވަޅާއި އެކު ދެން އެ ސިޓީއަށް އަންނަން ބޭނުންވާ މީހުން ޖެހޭނީ ބޮޑު އަގުގައި ހޮޓެލް ތަކުގައި ތިބޭށެވެ. އެހެން ކަމުން، ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތެރޭގައި މުއްސަނދިންގެ ނިސްބަތް އިތުރުވާނެ ކަމަށް އެ ސިޓީގެ ޓުއަރިޒަމް ބޯޑުން ލަފާކުރެއެވެ. 

ޖުލައި 1 އިން ފެށިގެން އެމްސްޓަރޑާމްގެ މައި 3 ސަރަހައްދަކުން އެއާބީއެންބީ މަނާކުރެވިފައިވާއިރު ކޮންމެ 15 ގެއަކުން 1 ގެ ވަނީ އެއަރބީއެންބީގައި ރެޖިސްޓަރކުރެވިފައެވެ. އެ ސިޓީއިން މި ނިންމުން ނިންމީ އެ ސިޓީގެ ރައްޔިތުންގެ މެދުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓަކަށްވެސް ފަހުގައެވެ. އެ ވޯޓުން ދައްކާގޮތުން 75 އިންސައްތަ ރައްޔިތުން އެ ނިންމުމަށް ތާއީދު ކުރެއެވެ. 

އެމްސްޓަރޑާމް އަކީ މަސްތުވާތަކެތީގެ ބައެއް ބާވަތްތައް ބޭނުން ކުރުން ހުއްދަ ސިޓީއެކެވެ. އަދި ހަށިވިއްކުން ވެސް އެ ސިޓީގައި ހުއްދަ އިރު އެކަންކަކަން ކުރުމަށް އެތައް މިލިއަން ބަޔަކު އެ ސިޓީއަށް ކޮންމެ އަހަރަކުވެސް ޒިޔާރަތް ކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު