Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޓިކްޓޮކާއެކު ޗައިނާގެ ގިނަ އެޕުތަކެއް ބޭނުންކުރުން އިންޑިޔާއިން މަނާކޮށްފި

ޓިކްޓޮކާއި ވީ-ޗެޓު ހިމެނޭ ގޮތަށް ޗައިނާގެ 59 ފޯނު އެޕެއް ބޭނުންކުރުން އިންޑިޔާއިން މަނާކޮށްފިއެވެ. އެއެޕުތައް ބޭނުންކުރުން މަނާކުރީ އެއެޕުތަކަކީ އެޤައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ބުނެއެވެ.
އިންޑިޔާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޯމޭޝަން ޓެކްނޮލޮޖީން ބުނެފައިވާ ގޮތުގައި މިހުރިހާ އެޕުތަކަކީ އިންޑިޔާ ރައްޔިތުންގެ ޒާތީ ދާއިރާއަށް ވަދެ މައުލޫމާތު އެއްކުރުމަށް ބޭނުންކުރާ އެޕުތަކެކެވެ. އިންޑިޔާގެ ޤައުމީ ސަލާމަތާއި އިންޑިޔާގެ ރައްކާތެރިކަމާ ދެކޮޅު ފަރާތްތަކުން މިއެޕުތައް ބޭނުންކޮށްގެން އިންޑިޔާ ރައްޔިތުންގެ މައުލޫމާތު އެއްކުރުމަކީ ކަންބޮޑުވާ މިހާރުން މިހާރަށް ފިޔަވަޅުއަޅަންޖެހޭ ކަމެއް ކަމުގައި އެމިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ފައިނޭންޝަލް ޓައިމްސް ނޫހުން އެޕަލްއާ ހަވާލާދީ ބުނެފައިވަނީ މިއެޕުތަކާ ގުޅޭ ގޮތުން މުރާޖައާކުރަންޖެހޭ ކަންކަން މިހާރު މުރާޖައާ ކުރަމުންދާ ކަމުގައެވެ. ނަމަވެސް އެކުންފުނީގެ އެޕް ސްޓޯރުން އެއެޕުތައް އުނިކުރަން އިންޑިޔާއިން އަމުރުކުރުމުން އެކަމަށް އެކުންފުނިން ބޯލަބާނެ ކަމުގައި ލަފާކުރެވެއެވެ. ފައިނޭންޝަލް ޓައިމްސުން ބަހެއް ހޯދަން އެދުނު ނަމަވެސް ގޫގުލުގެ ބަހެއް ލިބިފައިނުވާ ކަމަށް އެނޫހުން ބުނެފައިވެއެވެ.
އިންޑިޔާއިން މިއެޕުތައް މަނާކުރުމަކީ އެޤައުމުން ބޭރު ޤައުމެއްގެ ގިނަ އަދަދެއްގެ އެޕުތައް މަނާކުރި ފުރަތަމަ ފަހަރެވެ. އިންޑިޔާއިން މިފަދައިން އެދިފައިވަނީ އިންޑިޔާގެ އަސްކަރިއްޔާއާއި ޗައިނާގެ އަސްކަރިއްޔާގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކެއްގައި އިންޑިޔާގެ 20 ސިފައިން މަރުވިތާ ދުވަސްކޮޅެއް ފަހުންނެވެ. މިހާދިސާގެ ސަބަބުން އެޤައުމުގައި ޗައިނާއާ ދެކޮޅު ޝުޢޫރުތައް ވަރަށް ބޮޑަށް ހުޅު ހިފާފައިވެއެވެ.
މިގޮތަށް އެޕުތައް އުނިކުރާކުރުމުގެ ސަބަބުން އެންމެބޮޑު އަސަރެއް ކުރާނެ އެއް ކުންފުންޏަކީ ޓިކްޓޮކްއެވެ. ޗައިނާއިން ބޭރުގައި މިއެޕު ބޭނުންކުރާ މީހުން އެންމެ ގިނަ ޤައުމަކީ އިންޑިޔާއެވެ. އިންޑިޔާގައި މިއެޕު ބޭނުންކުރާ މީހުންގެ ޢަދަދަކީ 200 މިލިއަން މީހުންނެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޑިޔާގެ ސަގާފަތަށް އުނިކަން ލިބޭތީއާއި އޮރިޔާން ކާޑު ފަތުރާތީ ކަމަށް ބުނެ މިއެޕު ބޭނުންކުރުން މަނާކޮށްފައިެވއެވެ.
ޓިކްޓޮކުގެ ފަރާތުން އެކުންފުނީގެ ތަރުޖަމާނެއް ބުނެފައިވަނީ އިންޑިޔާގައި ތިބި އެކުންފުނީގެ 2،000 އެއްހައި މުވައްޒަފުން ތިބީ އެއެޕުން މީހުންގެ ޒާތީ ޝަޚުޞީ މައުލޫމާތު ރައްކާތެރިކޮށްދޭ ކަމާއި އިންޑިޔާއަށް އިތުބާރުކޮށްފައިވާ ކަމުގެ ޔަގީންކަން ދޭން ތައްޔާރަށް ކަމުގައެވެ.
އަދި މީގެ އިތުރުން އިންޑިޔާއަށް ޗައިނާއިން އެތެރެކުރާ ބައެއް މުދާ ބޭރުކުރުން އިންޑިޔާ ސަރުކާރުން ލަސްކުރުމުގެ ސަބަބުން މޯބައިލް ފޯނާއި އިތުރު މުވާސަލާތީ ވަސީލަތްތައް އުފައްދާ ކުންފުނިތަކަށް ވަރަށް ބޮޑު އުދަގުލެއް ކުރިމަތިވެފައިވާ ކަމުގައިވެސް ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފައިވެއެވެ. މިފަދަ ޓެކްނޮލޮޖީއާ ގުޅުންހުރި ގިނަ ވަސީލަތްތައް އުފެއްދުމުގައި އިންޑިޔާ ކުންފުނިތަކުން ބަރޯސާވަނީ ޗައިނާއިން އެތެރެކުރާ ތަކެއްޗަށެވެ.
މި ލިއުމާއި ގުޅޭ