ފަރުވާކުޑަ މިނިސްޓަރުންނަށް ފިޔަވަޅު އަޅާނަން: ވިޑޯޑޯ

ލިއުޝާ ހަސަން 29 ޖޫން 2020 11:04
Flowers
އިންޑޮނީޝިއާގެ ރައީސް

އިންޑޮނީޝިޔާގައި ހަލުވިކަމާއިއެކު ކޮރޯނާވައިރަސް ފެތުރެމުންދާއިރު ބައްޔާދެކޮޅަށް ކުރާ މަސައްކަތުގައި ފަރުވާކުޑަކުރާ ކެބިނެޓުގެ ވަޒީރުން ވަކިކޮށްފާނެކަމުގެ އިންޒާރު އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ، ވީޑިއޯއެގެ ޒަރީއްޔާއިން ދީފިއެވެ. 

މިއަދުގެ ވަގުތެއްގައި ވިޑޯޑޯގެ އޮފީހުން މި ވީޑިއޯ އާއްމުކުރެއްވި ނަމަވެސް މިއީ އޭނާ މި މަހުގެ 18 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްލުވުމެއްގަ ދެއްކެވި ވާހަކަތަކެކެވެ.

 ވީޑިއޯގައި ވިޑޯޑޯ ވިދާޅުވަނީ "އަޅުގަނޑަށް ފެންނަމުންދަނީ ސަރުކާރުގެ އިސް މަގާމުތަކުގައި މަސައްކަތްކުރައްވަމުންދާ ބޭފުޅުން ކުރިއެކޭވެސް އެއްފަދައިން ބޮޑު ކާރިސާއެއް ކުރިމަތިވެފަވާ ނުވާ ފަދަ ގޮތަކަށް މަސައްކަތް ކުރައްވަމުން ގެންދަވާތަން. އަޅުގަނޑަށް މިކަމާ ވަރަށް އުނދަގޫވޭ. ތި ބޭފުޅުންނަށް މިކަންތައްތައް އިހުސާސް ނުވަނީތޯ؟ އަޅުގަނޑުމެން އުޅެމުންމިދަނީ ބޮޑު ކާރިސާއެއްގައި. މި ހާއްސަ ހާލަތުގައި އަޅުގަނޑުމެންގެ 267 މިލިޔަން މީހުންގެ ހައްޤުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ފަސްނުޖެހި އަޅާނަން، މިގޮތުން އުވާލަންޖެހޭ އޮފިސްތައް އުވާލުމާއި، ވަޒީރުން ބަދަލުކުރުމާއި، އާ ކުއްލި ހާލްތަތައް ހިމެނޭހެން ފިޔަވަޅު އެޅުމާއި ދޭތެރޭ އަޅުގަނޑު އެބަ ވިސްނަން."

ވިޑޯޑޯ ވަނީ ވުޒާރާތަކުން ކުރަންޖެހޭ ހަރަދުތައް ކުރާލެއްލަސްކަމުންވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އިންޑޮނީޝިޔާގައި ވަނީ މިދިޔަ ހޮނިހިރު ދުވަހު 1،385 ފައްސި ކޭސް އަދި ޖެހިގެން އައި ހޮނިހިރު ދުވަހު 1،198 ފައްސި ކޭސް އިއުލާން ކޮށްފައެވެ. މިއީ ފުރަބަންދަށްފަހު އެގައުމު ހުޅުވިފަހުން އެންމެ ގިނައިން ކޭސް ރެކޯޑް ކުރެވެނު ދުވަހެވެ. އިންޑޮނީޝިޔާގައި ޖުމްލަ 54,010 ކޭސް ވަނީ ރެކޯޑް ކުރެވިފައެވެ، އަދި 2,754 މަރު ރެކޯޑްކުރެވިފައެވެ، މިއީ ދެކުނު އޭޝިޔާގައި، ޗައިނާ ފިޔަވާ އެންމެ ބޮޑަށް ކޮރޯނާ ވައިރަސްފެނިފައިވާ ޤައުމެވެ. 

ކިޔުންތެރިންގެ ހިޔާލު