ޓްރަމްޕުގެ ކެމްޕޭން އެޕްލިކޭޝަނުން މީހުންގެ ޒާތީ މަޢުލޫމާތު އެއްކުރާ ކަމުގެ ތުހުމަތު

އިބްރާހިމް އާދަމް 28 ޖޫން 2020 15:52
Flowers
ރައީސް ޑޮނާލްޑު ޓުރަމްޕު

ކުރިއަށް އޮތް 2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑޮނާލްޑު ޓުރަމްޕު އަލުން މަޤާމަށް އިންތިޚާބުރަންކުރާ ކެމްޕޭނަށް ބޭނުންކުރާ އެޕުން މީހުންގެ ޒާތީ މަޢުލޫމާތު އެއްކުރާ ކަމަށް މާހިރުން ތުހުމަތުކޮށްފިއެވެ. 

"ޓުރަމްޕު 2020 ރަސްމީ އެޕު" މިހާރުވަނީ ގޫގުލްއާއި އެޕަލްގެ އެޕްލިކޭޝަން ފިހާރައިގައި ޝާއިޢުކޮށް ޢާންމުކޮށްފައެވެ. ސައިބާ ސަލާމަތާ ގުޅޭ މާހިރުން ވަނީ މިއެޕު ބޭނުންކުރާ ފަރާތްތަކުގެ އަމިއްލަ ޝަޚުޞީ މައުލޫމާތު އެއްކުރާ ކަމަށް ބުނެ އެއެޕަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. 

މިއެޕްލިކޭޝަން ފޯނަށް ނުވަތަ އެނޫންވެސް އާލަތަކަށް އެޅުމަށްފަހު ފޯނު ނަންބަރާއި ނަމާއި، އެޑުރެހާއި މެއިލު އެޑުރެހާއި ޕޯސްޓަލް ކޯޑު ފަދަ މައުލޫމާތު ހިއްސާކުރަން އެދެއެވެ. އަދި ހަމައެހެންމެ އެ އެޕްލިކޭޝަން ބޭނުންކުރާ ފަރާތް ހުންނަ ތަންވެސް އަބަދުވެސް އެއިން ބަލަމުންދެއެވެ. އެގޮތުން އެއެޕްލިކޭޝަން އެޅުމާއެކު، އެޕްލިކޭޝަން ބޭނުންނުކުރާ ވަގުތުތަކުގައިވެސް އެއިން މީހުން ތިބޭ ތަންތަން ދެނެގަންނަމުންދާ ކަމުގެ އިންޒާރު ފޯނުގެ އޮޕަރޭޓިން ސިސްޓަމުން ހާމަކުރެއެވެ. 

މިހުރިހާ މަޢުލޫމާތުތަކެއް އެއްކުރުމުން ޓުރަމްޕުގެ ކެމްޕެއިނު ޓީމަށް މީހުންނާ ހަމައަށް ވާސިލުވުމާއި އަސަރު ފޯރުވުމުގައި އިތުރު ބާރުވެރިކަމެއް ލިބިގެންދާ ކަމަށްވެސް މާހިރުން ވިދާޅުވެފައިވެއެވެ. ނިއުޔޯކު މެގެޒިންއަށް ދިން ބަސްދީގަތުމެއްގައި ސައިބާ ސެކިއުރިޓީގެ މާހިރެއް ކަމުގައިވާ ޝޯން ރައިޓް ބުނެފައިވަނީ ސިޔާސީ ގޮތުން ކޮންމެ ވިސްނުމެއްގެ މީހެއް ނަމަވެސް މިއެޕްލިކޭޝަނުން ޒާތީ ދާއިރާއާއި އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިރުތަކެއް އުފެދޭ ކަމުގައެވެ.

އަދި އޭގެ އިތުރަށް އޭނާ ބުނެފައިވަނީ ސިޔާސީ ގޮތުން ތަންދޮރު އެނގިގެން ނިންމާ ނިންމުމެއް ނިންމުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށްވެ ބޮޑަށް މިއެޕްލިކޭޝަން މަސައްކަތްކުރާ ގޮތް ގާތީ ޖީބުގައި އޮންނަ ޖާސޫސީ  އާލަތެއް މަސައްކަތްކުރާ ގޮތާ ކަމުގައެވެ. 

ޓެކްސަސް ޔުނިވަރސިޓީއެއްގައި ހެދި ދިރާސާއަކުން ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ ކަނޑައެޅުމުގައި ކޮންމެ ކެނޑިޑޭޓެއްގެ ކެމްޕެއިނަށް ބޭނުންކުރާ މިފަދަ ޚާއްޞަ އެޕްލިކޭޝަންތަކުގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު