ބެއިޖިންގައި އިތުރު 9 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވް ވެއްޖެ

މަރިޔަމް ލީނާ 22 ޖޫން 2020 08:11
Flowers

އާދީއްތަ ދުވަހުގެ ނިޔަލަށް ޗައިނާގެ ވެރިރަށް ބެއިޖިން ގައި އިތުރު 9 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބެއިޖިން ގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. 

ބެއިޖިންގައި ކޮވިޑު-19 ކޭސްއެއް ނުފެނި 2 މަހަށްވުރެ ގިނަ ދުވަސް ފަހުން އަނެއްކާވެސް ކޮވިޑު-19 ފެނިފައިވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިން ކާބޯތަކެތި ވިއްކާ ބާޒާރަކުންނެވެ. އެފަހުން މިހާތަނަށް 236 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ. އަލަށް ބެއިޖިން އިން ފެނިފައިވާ ކޮރޯނާ ވައިރަސް ގެ ސްޓްރެއިން އައިސްފައިވަނީ ޔޫރަޕުން ކަމަށް ދިރާސާތަކުން ދައްކައެވެ. 

ކޮވިޑު-19 އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސްތެރޭ ޗައިނާގެ ވުހާން އިންނެވެ. އެއަށްފަހު ޗައިނާގައިވެސް އެ ބަލި ފެތުރުމަށްފަހު ފަހުން ވަނީ ކޮންޓްރޯލްވެފައެވެ. 

ނަމަވެސް އަލުން ބެއިޖިން އިން ކޮވިޑު-19 ފެނުމާއި ގުޅިގެން ޗައިނާގައި ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަނެއްކާވެސް އަޅާފައެވެ. މިގޮތުން ގިނަ އަދަދެއްގެ ފްލައިޓުތައް ކެންސަލްކޮށް ސްކޫލްތަކާއި ބައެއް ވިޔަފާރިތައްވެސް ވަނީ ބަންދުކޮށްފައެވެ. 


ކިޔުންތެރިންގެ ހިޔާލު