Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ވޯޓު ގަތްކަމުގެ ތުހުމަތުގައި ޖަޕާނުގެ ކުރީގެ ޖަސްޓިސް މިނިސްޓަރާއި އަނބިކަނބަލުން ހައްޔަރުކޮށްފި

ޖަޕާނުގެ ކުރީގެ ޖަސްޓިސް މިނިސްޓަރާއި އޭނާގެ އަނބިކަނބަލުން ވޯޓު ބައްލަވައިގަތް ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ޖަޕާނުގެ ކުރީގެ ޖަސްޓިސް މިނިސްޓަރު އަދި ބަރުލަމާނުގެ މެންބަރުކަން ކުރައްވާ އޭނާގެ އަނބިކަނބަލުން ބުރާސްފަތިދުވަހު ހައްޔަރުކުރުމަކީ އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައި ޖަޕާނުގެ ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ.
ކޮރޯނާ ވައިރަސް ވަބާގެ ކަންކަން ހައްލުކުރެއްވުމުގައި ޖަޕާނުގެ ބޮޑުވަޒީރު އަބޭ ގެންގުޅުއްވި ސިޔާސަތުތަކުގެ ސަބަބުން ވޯޓު ދޭ މީހުންގެ މެދުގައި އޭނާގެ މަޤުބޫލުކަންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ޖަޕާނުގެ ކުރީގެ ޖަސްޓިސް މިނިސްޓަރަކީ އަބޭއާއި ގާތް ގުޅުމެއް އޮތް ބޭފުޅެކެވެ. އޭނާ ހައްޔަރުކުރުމާ ގުޅިގެން އެއްވެސް ބަސްފުޅެއް އަބޭ މިހާތަނަށް ވިދާޅުވެފައިނުވެއެވެ.
ޖަޕާނުގެ މީޑިޔާތަކުން ރިޕޯޓުކުރި ގޮތުގައި، ކުރީގެ ޖަސްޓިސް މިނިސްޓަރު ކަސުޔޫކީ ކަވާއީއާއި އޭނާގެ އަނބިކަނބަލުން އަދި ޖަޕާނުގެ ބަރުލަމާނުގެ މަތިގޭ މެންބަރު އަންރީ ކަވާއީ އެތައް މިލިއަން ޔެން 100 ވަރަކަށް މީހުންނަށް ނަޤުދު ފައިސާއިން ދިނުމަށް، 2019 ވަނަ އަހަރުގެ ބަރުލަމާނީ އިންތިޚާބުގެ ކުރިން، ހުށަހެޅުއްވި ކަމަށް، ޕްރޮސެކިއުޓަރުން ތުހުމަތުކުރައްވައެވެ.
ބޮޑުވަޒީރު އަބޭގެ ޚާރިޖީ ސިޔާސަތުތަކާ ގުޅޭ މުސްތަޝާރެއްގެ މަޤާމުގައި ހުންނެވި ކަސުޔޫކީ ކަވާއީވަނީ އޮކްޓޯބަރު މަހު އޭނާ ހުންނެވި މަޤާމުން އިސްތިއުފާދެއްވާފައެވެ. އިސްތިއުފާދެއްވީ އޭނާގެ އަންހެން އިންތިޚާބުވިއިރު ރަނގަޅު ނޫން ކަންތައްތަކެއް ހިނގިކަމުގެ ރިޕޯޓުތައް ޢާންމުވުމާ ގުޅިގެންނެވެ.
ބުދަދުވަހު ކަސުޔުކީ ކަވާއީ ވިދާޅުވި ކަމަށް ކްޔޯޑޯ ނޫސް އެޖެންސީން ރިޕޯޓުކުރީ، ދުވަހެއްގެ ކޮޅުމަތިންވެސް ލަދުވަތި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމުގައެވެ. އަދި އޭނާގެ ޟަމީރާއި ޚިލާފު ޤާނޫނާ ދެކޮޅު ކަމެއް ހިންގަވާފައިނުވާނެ ކަމުގައެވެ.
އޭނާގެ އަނބިކަނބަލުން އަންރީވެސް ވަނީ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ. އަދި އޭނާ ވިދާޅުވީ މައްސަލައާ ގުޅޭ ގޮތުން އިތުރު ވާހަކަތައް ނުދެއްކެވުމަށް އޭނާގެ ވަކީލުން ލަފާ އަރުވާފައިވާ ކަމުގައެވެ.
މި ލިއުމާއި ގުޅޭ