ފުލުހުން ކަޅު ނަސްލުގެ މީހެއް ޤަތުލުކުރުމާއެކު އެމެރިކާގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރަނީ

ޙުސައިން އަފްޝަން 29 މޭ 2020 12:27
Flowers
ކަޅު ނަސްލުގެ މީހެއް ކަމުގައިވާ ޖޯޖް ފްލޯއިޑްގެ ޤަތުލާ ވިދިގެން އެމެރިކާގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން

އަތުގައި ހަތިޔާރެއް ނެތް ކަޅު ނަސްލުގެ މީހެއް ކަމުގައިވާ ޖޯޖް ފްލޯއިޑުގެ މަރާ ގުޅިގެން އެމެރިކާގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރަން ފަށައިފިއެވެ. އެގޮތުން ބައެއް މުޒާހަރާވެރިންވަނީ މިނެސޯޓާގެ މިނިއަޕޯލިސް ޝަހަރުގެ ފުލުހުންގެ އިދާރާއަކަށް ވަދެ އެޢިމާރާތުގެ ބައެއްގައި ހުޅުޖަހައި ރޯކޮށްފައެވެ.

ހޯމަދުވަހު ފްލޯއިޑް މަރުވީ ދޮން ނަސްލުގެ މީހެއް އޭނާގެ ކަކުލުން ފްލޮއިޑްގެ ކަނދުރާ ބިންމަތީގައި ވިއްދައި އެތައް މިނިޓަކަށް ފިއްތުމުގެ ސަބަބުން ނޭވާ ނުލެވިގެންނެވެ. އެޙާދިސާ ހިނގައިދިޔަ ގޮތް ފެންނަ ވީޑިޔޯއެއް މީސް މީޑިޔާގައި ޢާންމުވެފައިވެއެވެ. އެވީޑިޔޯގައި ފްލޯއިޑް އޭނާގެ ކަނދުރައިން ދޫކުރުމަށް އާދޭސްކޮށް އޭނާއަށް ނޭވާ ނުލެވޭ ކަމުގައި ބުނާ އަޑު ސާފުކޮށް އިވެއެވެ.

މިމައްސަލާގައި ބައިވެރިވާ ހަތަރު އޮފިސަރުންވަނީ މަޤާމުން ވަކޮކޮށްފައެވެ. ނަމަވެސް ފްލޯއިޑްގެ ޢާއިލާއާއި ޖަމާޢަތުގެ އިސްވެރިންނާއި އެސަރަހައްދުގެ ރައްޔިތުން ގޮވައިލަމުންދަނީ އެހަތަރު މީހުން ވީހާވެސް އަވަހަށް ހައްޔަރުކުރުމަށެވެ. ފްލޯއިޑްގެ އަޚު ފިލޯނެސް ފްލޯއީޑް ސީއެންއެންއާ ވާހަކަދައްކަމުން ބުރާސްފަތިދުވަހު ބުނެފައިވަނީ މިވަގުތު އެއޮފިސަރުން ހައްޔަރުކުރަން ޖެހޭ ކަމުގައެވެ. އަދި ރައްޔިތުން ޢަދުލާއި އިންސާފު ބޭނުންވަނީ ހަމަ މިވަގުތު ކަމުގައިވެސް އޭނާ ބުންޏެވެ. "އެމީހުން މައްޗަށް މަރުގެ ޙުކުމް އިއްވަންޖެހޭ" އޭނާ ބުނެފައިވެއެވެ.

ބުރާސްފަތިދުވަހު ޖެހިޖެހިގެން ތިންވަނަ ރޭ އެތައް ސަތޭކަ މުޒާހަރާވެރިންނެއްވަނީ މިނިއަޕޯލިސްގެ މަގުތަކަށް މުޒާހަރާކުރަން ނުކުމެވެ. މުޒާހަރާވެރިން ގޮވަމުންދިޔައީ ފުލުހުންގެ ކުޝޫނަތްތެރި (ވައަލެންޓް) ޢަމަލުތަކަށް ނިމުން ގެންނާށެވެ. އަދި ޢަދުލު ޤާއިމުކުރުމަށެވެ.

އިރުއެރި ވަގުތު މިނިއަޕޯލިސް ޕޮލިސް ޑިޕާޓްމެންޓުގެ ތިންވަނަ އޮފީހުގެ ގާތުން ބޮޑު އަލިފާން ގަޑެއް ފެނެއެވެ. ޔުނިކޯން ރައޮޓް ނަމަކަށް ކިޔާ މިނިވަން މީޑިޔާއަކުން ވަގުތުން މަންޒަރު ދުރަށް ދައްކާފައިވެއެވެ. އެމަންޒަރުތަކުން ފެންނަ ގޮތުގައި އެތަނަށް މުޒާހަރާވެރިންވަދެ ބައެއް ކޮޓަރިތަކުގައި ރޯކުރިއެވެ. އެޢިމާރާތުގެ ތެރެއިން އެއްވެސް ފުލުހެއް ފެނިފައިނުވެއެވެ.

މިނެސޯޓާގެ ގަވަރުނަރު ޓިމް ވޯލްޒްވަނީ އެމެރިކާގެ ނޭޝަނަލް ގާޑުގެ އެހީތެރިކަމަށް ބުރާސްފަތި ދުވަހު އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު