ޖަޕާނުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

މަރިޔަމް ލީނާ 25 މޭ 2020 19:44
Flowers
ޖަޕާނުގެ ބޮޑުވަޒީރު

ކޮވިޑު-19 އާއި ގުޅިގެން ޖަޕާނުގައި އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 7 ހަފްތާ ފަހުން އުވާލާއިފިއެވެ.

މިގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ ޖަޕާނުން ކޮވިޑު-19 އާއި ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބު ކުރިކަން އިއުލާން ކުރައްވާފައެވެ.

އަބޭ ވިދާޅުވި ގޮތުގައި ޔުރަޕާއި އެހެން ބައެއް ޤައުމުތައް ފަދައިން މުޅި ޤައުމު އެކީ ފުރަބަންދު ނުކޮށް ޖަޕާނުން ކާމިޔާބު ހޯދާފައިވާކަމަށެވެ. ޖަޕާނުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން، މިހާރު ވިޔަފާރިތައް ވެސް ހުޅުވުމުގެ ހުއްދަ ވަނީ ލިބިފައެވެ.

ޖަޕާނުގައި މުޅި އެކު 16581 މީހުންނަށް ކޮވިޑު-19 ޖެހުނު އިރު 830 މީހަކު ވަނީ މަރުވެފައެވ. މިއީ ޖަޕާނު ފަދަ ބޮޑު އާބާދީ އަކާއި އަޅާ ބަލާއިރު ވަރަށް މަދު އަދަދެކެވެ.

ޖާޕާނުގެ ޤާނޫނު އަސާސީ އޮންނަ ގޮތުން ލޮކްޑައުން މަޖުބޫރު ކުރުން ހުއްދަ އެއް ނޫނެވެ. އެހެން ކަމުން ފާއިތުވި 7 ހަފްތާގައި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ވިޔަފާރިތައް ބަންދުކޮށް ގައިދުރު ކުރުމުގެ ފިޔަވަޅުތައް އެޅީ ޖަޕާނު ރައްޔިތުންގެ އަމިއްލަ އިސްނެގުމުގެ މަތިންނެވެ. އަދި އެ 7 ހަފްތާގައިވެސް ބައެއް ރެސްޓޯރެންޓު އަދި ކެފޭ ފަދަ ތަންތަނުން ހިދުމަތް ދެމުން ގެންދިޔައެވެ.

އެންމެ ފުރަތަމަ ޖަޕާނުގައި ދުވާލަކު 600-700 ކޭސް ފެންނަމުން ދިޔަ ނަމަވެސް ފަހުން އެ އަދަދު ވަނީ 20-30 އަށް ތިރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު