ޗައިނާއާ ކުރިމަތިލަން ބޭނުންވާ ޤާބިލުކަމެއް އެމެރިކާގެ ސްޕެޝަލް ފޯސަސްގައި ނެތް: މާހިރުން

ޙުސައިން އަފްޝަން 17 މޭ 2020 14:16
Flowers
ނަޖަފު ބޭރުގައި އެއްގަމު އުޅަނދެއްގައި އެމެރިކާގެ ސްޕެޝަލް ފޯސަސް

ޗައިނާއާ ދެކޮޅަށް ފިނި ހަނގުރާމައެއް ހިންގުމަށް ބޭނުންވާ ޤާބިލުކަމެއް އެމެރިކާގެ ސްޕެޝަލް ފޯސަސް ކިިބާގައި ނެތް ކަމަށް އެމެރިކާގެ މާހިރުން އިންޒާރުކުރައްވައިފިއެވެ. 

ސްޕެޝަލް ފޯސަސްއަކީ އެންމެ ޚުޠޫރަތްތެރި ޢަސްކަރީ އޮޕަރޭޝަންތައް ތަންފީޒުކުރާ ލަޝްކަރެވެ. އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ފޯސްއަކީ ދޮރުތައް ވައްޓައި މުހިއްމު އަމާޒުތައް ޤަތުލުކުރުމަށް މަޝްހޫރު ފޯސްއެކެވެ. އެލަޝްކަރުގައި 70،000 ސިފައިން ޙަރަކާތްތެރިވެއެވެ. ނަމަވެސް މިލަޝްކަރުން ކުރިއަށް އޮތްތަނުގައި އަދާކުރާނެ ދައުރެއް ސާފުނުވެއެވެ. އެއީ އެމެރިކާގެ ލަޝްކަރުތައް އަފްޣާނިސްތާނުން ބޭރުކޮށް އިންޑޯޕެސިފިކް ސަރަހައްދަށް ފޮނުވުމަށް ޕެންޓަގަނުން ތައްޔާރުވަމުންދާތީއެވެ. އެގޮތަށް ސިފައިން އެސަރަހައްދަށް ފޮނުވަނީ ޗައިނާގެ ސަރަހައްދީ އުންމީދުތަކަށް ހުރަސްއެޅުމުގެ ބޭނުމުގައެވެ. 

ޢަސްކަރީ ޞިނާޢާތުގެ ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ސްޕެޝަލް ފޯސަސްސްގެ ކޮމާންޑަރުންގެ ތެރެއިން ޖެނެރަލް ރިޗާޑް ކްލާކު ވިދާޅުވެފައިވަނީ ޗައިނާއާއި ރަޝިޔާގެ މައްޗަށް އެމެރިކާއަށް ކާމިޔާބު ހޯދޭނީ މިހާރު ނެތް އައު ޤާބިލުކަން ހޯދައިގެން ކަމަށެވެ. އަދި ސްޕެޝަލް ފޯސްތަކުންވެސް ސައިބާ ޓެކްނޮލޮޖީއަށް ސަމާލުކަންދީ ނުފޫޒު ފޯރުވުމުގެ އުކުޅުތައް ބޭނުންކުރަން ދަސްކުރަންޖެހޭ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާގެ ޢަސްކަރިއްޔާގައި ހުރި ބަލިކަށި ނުކުތާތައް ދެނެގަނެ އެކަންކަމުގެ ފައިދާ ހޯދުމުގެ ގޮތުން ޗައިނާއިންވަނީ އެޤައުމުގެ ޢަސްކަރިއްޔާއަށް ކުރާ ހޭދަ އިތުރުކޮށްފައެވެ. އަދި ސޫރިޔާ ހަނގުރާމައިގެ ތެރޭގައި ރަޝިޔާއިންވަނީ މުޅިން އައު ޢަސްކަރީ ޓެކްނޮލޮޖީ ބޭނުންކޮށް ޓެސްޓުކޮށްފައެވެ. 

ކޮންމެ އަހަރަކު އެއްފަހަރު އޮންނަ ސްޕެޝަލް އޮޕަރޭޝަންސް އިންޑަސްޓްރީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ސްޕެޝަލް އޮޕަރޭޝަންސްގެ ހަނގުރާމަ އުކުޅުތައް ތަރައްޤީކުރުމާ ބެހޭ ޑިޕާޓުމެންޓުގެ ވެރިޔާ ކާނަލް މައިކަލް މެގުއަރ ވިދާޅުވީ އެމެރިކާއިން ހީކުރާވަރަށްވުރެ އަދިވެސް އެމެރިކާ އޮތީ ފަހަތުގައި ކަމަށްވުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމުގައެވެ. އަދި އެމެރިކާއިން ހީކުރި ވަރަށްވުރެ މާއަވަހަށް ކަންކަން ކުރިއަރައިގެން ހިނގައްޖެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު
ނުރަބޯ
އަދި އެމެރިކާއިން އެހެން ގައުމުތައް ކުރިއަރައިގެން ދިޔުމަށް ހުރަސް ނާޅާ ނަމަ، އެހެން ގައުމުތައް މިހާރު އުޅުނީހީ ހުރިހާ ރޮނގަކުންވެސް އެމެރިކާ އަށް ވުރެ ކުރީގަ އެވެ.
ޒިއާފް
އެމެރިކާމީހުން ޖެހޭނީ ފަރުމަހަށްދާން ޗައިނާމީހުން ގޮދާބާނާތަން ބަލައިފަ ޖެހޭނީ ހިންދިރުވަން ނަމަނަމަ ބޮނޑިއެއްބޯންނޫނިއްޔާ ޗައިނާޔާ ކުޅެން ނޫޅޭތި