Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޗައިނާ ހެކަރުންގެ އަމާޒުފަތްގަނޑަކަށް ކޮރޯނާވައިރަހާ ގުޅޭ ދިރާސާތައް ހަދައިފި: އެމެރިކާ

ޗައިނާގެ ހެކަރުން އެމެރިކާގައި ކޮރޯނާ ވައިރަހާ ގުޅޭ މުހިއްމު ދިރާސާތައް ހިންގާ މަރުކަޒުތައް ފަޅާ އެތަންތަނުގައި ހުރި މަޢުލޫމާތުތައް ހޯދުމަށް މަސައްކަތްކުރާ ކަމުގެ އިންޒާރު އެމެރިކާގެ ރަސްމީ އިދާރާތަކުން ދީފިއެވެ.
އެމެރިކާގެ ސަލާމަތީ ދެއިދާރާ ކަމުގައިވާ އެފްބީއައިއާއި، ސައިބަރ ސެކިއުރިޓީ އެންޑް އިންފްރަސްޓްރަކްޗަރ ސެކިއުރިޓީ އެޖެންސީ (ސިސާ)އިން ބުނެފައިވަނީ ޗައިނާއާއި ޗައިނާއާ ގުޅުންހުރި ފަރާތްތަކުން އެމެރިކާގައި ކޮރޯނާ ވައިރަހާ ގުޅޭ ދިރާސާކުރާ މަރުކަޒުތަކަށް ހަމަލާދޭ މައްސަލަތަކެއް ތަޙުޤީޤުކުރަމުންދާ ކަމުގައެވެ. އަދި މިފަދަ ހަމަލާތަކުގެ ސަބަބުން ކޮރޯނާ ވައިރަހަށް ފަރުވާ ފޯރުކޮށްދިނުން ލަސްވެދާނެ ކަމުގައިވެސް އެއިދާރާތަކުން އިންޒާރުކުރިއެވެ.
އަދި މިހަމަލާތައް ދޭ ފަރާތްތަކުން ވެކްސިނާއި ފަރުވާއާ ގުޅޭ މުހިއްމު އަދި އެހާމެ ޚުޠޫރަތްތެރި މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރާ ކަމުގައިވެސް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް އެމަޢުލޫމާތު ހޯދުމަށް ހަމަލާދެނީ ކޮން ޖަމާޢަތެއް ނުވަތަ އިދާރާއަކުން ކަމެއް ނުވަތަ އެދިން ހަމަލާ ކާމިޔާބުވިނަމަ އެކަމެއްވެސް މިބަޔާނުގައި ހާމަކޮށްފައިނުވެއެވެ.
ކޮވިޑް-19 ވަބާ ބަލާވެރިކަމާ ގުޅިގެން އެމެރިކާއާއި ޗައިނާއިންވަނީ އެކި ތުހުމަތުތައް ބަދަލުކޮށްފައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އެމެރިކާ ރައީސް ޑޮނާލްޑް ޓްރަމްޕު ގެންގުޅުއްވާ ޗައިނާއާމެދު ނަފުރަތާއި ރުޅިވެރިކަން އިސްކުރާ ސިޔާސަތުގެ ސަބަބުން އައު ބާވަތެއްގެ ފިނި ހަނގުރާމައެއް ފެށުމަކީ އެކަށީގެންވާ ކަމެކެވެ.
އެމެރިކާގެ ޚާރިޖީވަޒީރު މައިކް ޕޮމްޕެއޯ ތުހުމަތުކުރައްވާ ގޮތުގައި ޗައިނާއިން ކޮރޯނާ ވައިރަހާ ގުޅޭ ގޮތުން އެކަށީގެންވާ ޞައްޙަ މަޢުލޫމާތު ބަލި ފެތުރެން ފެށިތާ ކައިރީ ފޯރުކޮށްދީފައިނުވެއެވެ. އަދި އެކަމުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުވި ކަމުގައިވެސް އޭނާ ތުހުމަތުކުރައްވައެވެ. އަދި އޭނާވަނީ ކޮރޯނާ ވައިރަސް ފެތުރެން ފެށީ ޗައިނާގެ ލެބޯޓަރީއަކުން ކަމުގައިވެސް ވިދާޅުވެފައެވެ.
އެމެރިކާގެ ދެއެޖެންސީ ނެރުނު އިންޒާރީ ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި ހެކަރުން ދިން ހަމަލާތަކާ ގުޅޭ ފަންނީ މަޢުލޫމާތު ޢާންމުކުރާނެ ކަމުގައެވެ.
މި ލިއުމާއި ގުޅޭ