ބޮޑުވަޒީރު ކަމުގައި ނަތަންޔާހޫގެ ދައުރާ ގުޅޭ އަޑުއެހުންތައް އިސްރާއީލުގެ ސުޕްރީމް ކޯޓުގައި ފަށައިފި

ޙުސައިން އަފްޝަން 3 މޭ 2020 19:26
Flowers
ފޮޓޯ: ގެޓީ އިމޭޖްސް

އިސްރާއީލުގެ ބޮޑުވަޒީރުގެ މަޤާމުގައި މިހާރުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ހުރެވިދާނެތޯ ނިންމުމަށް އެޤައުމުގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ އަޑުއެހުންތައް އެކޯޓުގައި ފަށައިފިއެވެ.

ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާތަކެއްވަނީ އުފުލިފައެވެ. އޭނާއަށް ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުރެވިދާނެތޯ ސުވާލު އުފެއްދުމުގެ އިތުރަށް އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ބެނީ ގާންޓްޒާއި ދެމީހުން އެކުވެގެން ކޯލިޝަނެއް އުފެއްދުމާ ގުޅިގެން އެކޯލިޝަނަށްވެސް ގޮންޖަހައި މައްސަލައެއް ކޯޓަށް ހުށަހަޅާފައިވެއެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ފައްޓަވައިދެއްވަމުން ފަނޑިޔާރު އެސްތަރ ހަޔުޓް ވިދާޅުވެފައިވަނީ އެމީހެއްގެ މައްޗަށް ދަޢުވާއެއް އުފުލިފައިވާ ބަރުލަމާނުގެ މެންބަރެއްގެ ވަށައިގެން ސަރުކާރެއް ބިނާކުރެވިދާނެތޯ ކުރާ ސުވާލުގައި ދެފަރާތުން ދޭ ޒުވާބުތައް މިއަދު ކޯޓުން އަޑު އަހާނެ ކަމަށެވެ.

އަދި މާދަމާ ކޯލިޝަން އެއްބަސްވުމާ ގުޅޭ މައްސަލައިގެ އަޑުއެހުންތައްވެސް ބާއްވާނެ ކަމަށް އެސްތަރ ވިދާޅުވިއެވެ. ކޮރޯނާ ވައިރަހާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކުން މޫނު ނިވާކުރައްވައިގެން ތިއްބެވި 11 ފަނޑިޔާރުންގެ ބެންޗުގައި އިސްކޮށް އިންނަވާނީ އެސްތަރއެވެ.

އާދީއްތަދުވަހުގެ އަޑުއެހުންތައް އައިސްފައިވަނީ ނަތަންޔާހޫއާއި ގާންޓްޒް އެކުވެގެން އެކުލަވައިލި އިއްތިޙާދާ ދެކޮޅަށް ގިނަ ބަޔަކު ތަލްއަވީވުގެ މަގުތަކުގައި މުޒާހަރާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކޯޓުން ނަތަންޔާހޫއަށް ސަރުކާރު އެކުލަވައިނުލެވޭނެ ކަމަށް ނިންމައިފިނަމަ އަނެއްކާވެސް އަވަސް އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ. އެއީ ފާއިތުވި އަހަރުގެ އޭޕްރީލު މަހުން ފެށިގެން މިހާތަނަށް ބާއްވާ ހަތަރުވަނަ އިންތިޚާބަށް ވާނެއެވެ. އަދި މިއިންތިޚާބު ބާއްވަންޖެހޭނީ ކޮރޯނާ ވައިރަސްގެ ސަބަބުން އިސްރާއީލުގެ އިޤުތިޞާދަށް މެދުވެރިވެފައިވާ ހީނަރުކަމުގެ ތެރޭގައެވެ.

އެންމެ ފަހުން ބޭއްވި އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ސަރުކާރު އެކުލަވައިލަން ބޭނުންވާ މިންވަރުގެ އަޣުލަބިއްޔަތެއް ނުލިބުނެވެ. އެހެންކަމުން ނަތަންޔާހޫއާއި ގާންޓްޒްވަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމަށް އެއްބަސްވެފައެވެ. އެއެއްބަސްވުމުގެ ދަށުން އެދެމީހުން އިސްރާއީލުގެ ވެރިކަންކުރާނީ ބަަހާލައިގެންނެވެ.

މިއެއްބަސްވުމުގެ ދަށުން ފުރަތަމަ 18 މަސް ވެރިކަމުގައި ހުންނާނީ ނަތަންޔާހޫއެވެ. އަދި އެމުއްދަތު ފުރިހަމަކޮށް ވެރިކަމުގެ ބާރުތައް އޭނާ ހަވާލުކުރާނީ ބެނީ ގާންޓްޒާއެވެ. ނަތަންޔާހޫ އިސްރާއީލުގެ ވެރިކަމުގައި ހުންނަތާ ދިހަސް އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެއްޖެއެވެ.

ނަމަވެސް މިކޯލިޝަން އެއްބަސްވުން އުވައިލުމަށް އިދިކޮޅު ޕާޓީތަކުންނާއި އަމިއްލަ ޖަމްޢިއްޔާތަކުން ސުޕްރީމް ކޯޓުގައި ޝަކުވާ އުފުލާފައިވެއެވެ. އަދި ނަތަންޔާހޫއާ ދެކޮޅަށް ދަޢުވާތަކެއް އުފުލާފައިވާތީ އޭނާއަށް ވެރިކަން ނުކުރެވޭ ގޮތް ހެދުމަށްވެސް އެފަރާތްތަކުން އެދިފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު