Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ބޮރިސް ޖޯންސަން އަވަހާރަވިނަމަ ކަންކުރާނެ ގޮތްތައް އިނގިރޭސިވިލާތުން ރޭވި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވުމާއެކު، އާލާސްކަންފުޅުގައި އޭނާ ނިޔާވެއްޖެނަމަ، ކަންތައް ކުރާނެ ގޮތް އިނގިރޭސި ސަރުކާރުން ރޭވިކަން ބޮރިސް ހާމަކުރައްވައިފިއެވެ. އެފަދަ ރޭވުމެއް ސަރުކާރުން ތައްޔާރުކުރީ އާލާސްކަންފުޅުގައި ހަސްފަތާލުގައި އޮންނެވިއިރު އޭނާ ޞިއްޙީ ޙާލުކޮޅު ގޯސްވުމާ ގުޅިގެންނެވެ.
ދަ ސަން ނޫހަށް އާދީއްތަދުވަހު ދެއްވި ބަސްދީގަތުމެއްގައި ބޮރިސް ވިދާޅުވި ގޮތުގައި އޭނާގެ ފުރާނަ ސަލާމަތްކުރުމަށް ޑޮކްޓަރުން އެތައް ލީޓަރެއްގެ އޮކްސިޖަން ދީފައިވެއެވެ.
ބޮޑުވަޒީރު ބޮރިސް ކިބައިން ކޮވިޑް-19ގެ ޢަލާމާތްތައް ފެނި އޭނާ ބައްޔަށް ޕޮޒިޓިވްވެވަޑައިގަތުމާއެކު، ޑައުނިން ސްޓްރީޓުގައި އެކަހެރިވެވަޑައިގެންނެވީ މާޗު މަހުގެ ފަހުކޮޅުގައެވެ. ނަމަވެސް ޙާލުކޮޅު ދެރަވުމުގެ ސަބަބުން ލަންޑަނުގެ ސެއިންޓް ތޮމާސް ހަސްފަތާލަށް ގެންދެވި އޮކްސިޖަން ފަރުވާ އޭނާއަށް ދޭންޖެހުނެވެ. އަދި ތިން ރޭ އައިސީޔޫގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އޭނާ ނިޔާވެއްޖެ ޙާލަތަކަށް "ސްޓާލިންގެ މަރު" ބާވަތުގެ ރޭވުންތަކެއް ތައްޔާރުކޮށްފައިވާ ކަމުގައެވެ. އަދި އެޙާލަތަކީ ވަރަށް އުދަގޫ ވަރަށް ދަތި ޙާލަތެއް ކަމުގައިވެސް ބޮރިސް އެއްބަސްވެވަޑައިގެންނެވިއެވެ. އަދި އެއިރު އޭނާ ހުންނެވީ މާ ރަނގަޅު ޙާލެއްގައި ނޫންކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ސެއިންޓު ތޯމާސް ހަސްފަތާލުން ބޮރިސް ވީއްލިވަޑައިގަތުމަށްފަހު އެހަސްފަތާލުން ބުނެފައިވަނީ ބޮޑުވަޒީރަށް ފަރުވާކުރުމަކީ އުފަލެއް ކަމުގައެވެ. ނަމަވެސް އޭނާގެ އާލާސްކަންފުޅުގެ ބޮޑުކަމުގެ އެއްވެސް މަޢުލޫމާތެއް އެހަސްފަތާލުން ހާމަކޮށްފައިނުވެއެވެ. ހަމައެކަނި ބުނެފައިވަނީ ބޮޑުވަޒީރަށް އައިސީޔޫގައި ފަރުވާކުރި ކަމަށެވެ.
ޖޯންސަންއާއި އޭނާގެ ޚާޠީބާ (ފިއާންސޭ) ކެރީ ސައިމަންޑްސްގެ ދަރިކަލުންގެ ނަންފުޅު ހޮނިހިރު ދުވަހު އިޢުލާނުކުރައްވާފައިވެއެވެ. ދަރިކަލުންނަށް ދެއްވި ނަންފުޅަކީ ވިލްފްރެޑް ލައުރީ ނިކޮލަސްއެވެ. އެއީ އައިސީޔޫގައި ޖޯންސަންއަށް ފަރުވާކުރި ޑޮކްޓަރުންގެ ޝަރަފުގައި ދެއްވި ނަންފުޅެކެވެ.
ޖޯންސަންގެ ބަސްދީގަތުމުގައި އޭނާ ވިދާޅުވެފައިވަނީ އޭނާގެ ޙާލުކޮޅު ރަނގަޅުވެ، އާލާސްކަންފުޅު ފަސޭހަވެ އަނބުރައި މަސައްކަތަށް ވަޑައިގެންނެވުނީ ހަސްފަތާލުގައި އޭނާ ބެލެހެއްޓި ޞިއްޙީ ޚިދުމަތްތެރިންގެ ބުރަ މަސައްކަތުންނެވެ. އަދި އެމީހުންގެ އޯގާތެރި ބެލެހެއްޓުންތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ބޮރިސްވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިޓަލީ ފިޔަވައި ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޮވިޑް-19 ބަލީގައި އެންމެ ގިނަ މީހުން ދުނިޔެ ދޫކުރި ޤައުމަކީ އިނގިރޭސިވިލާތެވެ. އެގޮތުން މިހާތަނަށް އެޤައުމުގައި 28،131 މީހުން މަރުވެފައިވެއެވެ.
މި ލިއުމާއި ގުޅޭ