ޗައިނާއިން ބޭނުންވަނީ ރިޔާސީ އިންތިޚާބުގައި ޓުރަމްޕަށް ނާކާމިޔާބުވުން ކަމުގައ އޭނާ ވިދާޅުވެއްޖެ

ޙުސައިން އަފްޝަން 30 އޭޕްރީލު 2020 13:40
Flowers
އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު

ކުރިއަށް އޮތް ނޮވެންބަރު މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓުރަމްޕަށް ނާކާމިޔާބުވާން ޗައިނާއިން ބޭނުންވާ ކަމުގައި ޓުރަމްޕު ވިދާޅުވެއްޖެއެވެ. 

ބުދަދުވަހު ޓުރަމްޕު ވިދާޅުވެފައިވަނީ ޗައިނާއިން އޭނާއަށް ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވުމަށް އެދިގެން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަމުގައެވެ. މިފަދައިން އޭނާ ވިދާޅުވެފައިވަނީ ރޮއިޓަރސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ. އަދި އޭނާ ވިދާޅުވީ ކޮރޯނާ ވައިރަސް ކަންތަކުގައި ޗައިނާއާމެދު އަޅުއްވާނެ ފިޔަވަޅަކާ މެދު ވިސްނަވަމުން ލިބިވަޑައިގެންފައިވާ ޚިޔާރުތައް ބައްލަވަމުން ގެންދަވާ ކަމުގައެވެ. 

މުޅި ދުނިޔޭގައި ހަލުއިކޮށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ވަބާގެ ކަންތަކުގައި ޗައިނާއަށް ގިނަ އަދި ބޮޑު ތުހުމަތުތަކެއް ޓުރަމްޕު އަމާޒުކުރައްވާފައިވެއެވެ. ރޮއިޓަރސްގެ ހިސާބުތަކަށް ބަލާއިރު މިހާތަނަށް އެމެރިކާގައި މިވަބާގެ ސަބަބުން 60،000 މީހުން މަރުވެފައިވެއެވެ. އަދި އެމެރިކާގެ އިޤުތިޞާދުވަނީ ވަރަށް ބޮޑު ހީނަރުކަމެއްގެ ތެރެއަށް ވެއްޓިފައެވެ. 

ޓުރަމްޕު ވިދާޅުވެފައިވަނީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަމާއި އެވައިރަހާ ބެހޭ މަޢުލުމާތު ފޯރުކޮށްދިނުމުގައި ޗައިނާއިން ކަންކުރި މިންވަރަށްވުރެ ހަލުއިކޮށް އަވަހަށް ކަންކުރަންޖެހެއެވެ. ކޮރޯނާ ވައިރަސް ފެތުރޭ ޙާލަތަށް އެމެރިކާ ތައްޔާރުކުރުމުގައި ޓުރަމްޕު ފިޔަވަޅުތައް އެޅުއްވީ މާ ލަހުން ކަމުގައި ބުނެ ގިނަ ބަޔަކު އޭނާއަށް ފާޑުކިޔައެވެ. 

ޗައިނާއިންވަނީ ޓުރަމްޕުގެ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށް، އެމެރިކާގެ ދާޚިލީ އިންތިޚާބަކާ ބެހުމުގެ އެއްވެސް ޝައުޤުވެރިކަމެއް އެޤައުމުގެ ނެތް ކަމުގައި ބުނެފައެވެ. ޗައިނާގެ ޚާރިޖީވުޒާރާގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިޚާބަކީ އެޤައުމުގެ ދާޚިލީ ކަމެއް ކަމުގައެވެ. އަދި ޗައިނާ އެކަމުގެ ތެރެއަށް ވައްދަން އެމެރިކާނުން ނޫޅޭނެ ކަމުގައި އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ޓުރަމްޕު ވިދާޅުވެފައިވަނީ ވިޔަފާރިއާއި އިތުރު އެހެން ކަންކަމާ ގުޅިގެން ޗައިނާއާ ދެކޮޅަށް އޭނާ އަޅުއްވާފައިވާ ފިޔަވަޅުތައް ލުއިކުރުމުގެ ގޮތުން އޭނާގެ ބަދަލުގައި، އޭނާއާ އިންތިޚާބުގައި ވާދަކުރައްވާ ޑިމޮކްރެޓިކް ކެނޑިޑޭޓު ޖޯ ބައިޑެންއަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ޗައިނާއިން ބޭނުންވާ ކަމުގައެވެ. 

އަދި ޗައިނާއިން ޕަބްލިކް ރިލޭޝަންސް އުކުޅުތައް ބޭނުންކޮށްގެން ޗައިނާއަކީ މަޢުޞޫމު ކުށެއް ނެތް ޤައުމެއްގެ ގޮތުގައި ދައްކަން މަސައްކަތްކުރާ ކަމުގައި ޓުރަމްޕު ތުހުމަތުކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު