ފައިސާގެ އަގު ހިފަހައްޓައި މުޒާހަރާތައް މައިތިރިކުރުމަށް ލުބުނާނު ސަރުކާރުން މަސައްކަތްކުރަނީ

ޙުސައިން އަފްޝަން 28 އޭޕްރީލު 2020 12:29
Flowers
ފޮޓޯ: އަލްޖަޒީރާ

ހަލުއި ދުވެލީގައި އަގު ދަށަށް ވެއްޓެމުންދާ އެޤައުމުގެ ފައިސާގެ އަގު ހިފަހައްޓައި މަގުތައް ބަންދުކޮށް ބޭންކުތަކަށް ހަމަލާދެމުންދާ ޢާންމުންގެ ރުޅިވެރިކަން ހަންމަތަކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ލުބުނާނުގެ ސަރުކާރުން ނިންމައިފިއެވެ. 

ކޮވިޑް-19 ވަބާއާ ގުޅިގެން ސަރުކާރުން އިޢުލާނުކޮށްފައިވާ ހުރިހާ ހިފަހެއްޓުންތަކެއް ފޫއަޅުވައިލުމަށްފަހު ޢާންމުން މުޒާހަރާކުރަން ފަށާފައިވަނީ ފައިސާގެ އަގު ދަށަށް ގޮސް އެމީހުންގެ ދިރިއުޅުން ދަތިވުމުގެ ސަބަބުންނެވެ. މުޒާހަރާވެރިއެއް ވެރިރަށް ބެއިރޫތުގެ މަގެއް ބަންދުކުރަން މަސައްކަތްކުރަމުން ގޮވި ކަމަށް އަލްޖަޒީރާގައި ބުނެފައިވަނީ އަހަރެންގެ މުސާރައިގެ އަގަކީ މިހާރު ޖުމްލަ 100 ޑޮލަރު މިފަދައިންނެވެ. މާޗު މަހުގެ މެދު ތެރޭގައި ސަރުކާރުން ޤައުމީ ފެންވަރުގައި ފުރަބަންދު އިޢުލާނުކުރި ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓައި ޢާންމުންގެ ގިނަ ބަޔަކު މުޒާހަރާއަށް ނުކުމެފައިވެއެވެ. 

ފާއިތުވި ހޫނު މޫސުމާ އަޅާބަލާއިރު، ލުބުނާނު ޕައުންޑު ނުވަތަ ލުބުނާނު ލީރާގެ އަގު 50 އިންސައްތަ ދަށަަށް ގޮސްފައިވެއެވެ. ފާއިތުވި އެތައް ދިހަސް އަހަރެއްގައި ސަރުކާރުން ތަންފީޒުކުރި ދެމެހެއްޓެނެވި ކަމެއް ނެތް ސިޔާސަތުތަކާއި އާދަޔާ ޚިލާފު ފަސާދައިގެ އަސަރު މިހާރުވަނީ އެޤައުމުގެ އިޤުތިޞާދަށް ފުރިހަމައަށް ފޯރާފައި ކަމުގައި މުޒާހަރާވެރިން ބުނެއެވެ. 

ޑޯލަރަށްވުރެ އެޤައުމުގެ ފައިސާ ގިނަވުމުގެ ސަބަބުން، 90 ގެ އަހަރުތަކުން ފެށިގެން ޕައުންޑުގެ ރަސްމީ އަގެއްގެ ގޮތުގައި ހިފަހައްޓަމުން އައި އަގު ކަމުގައިވާ 1،500 ޕައުންޑަކީ 1 ޑޮލަރު ކަމުގައިވާ އަގު، ކަޅު ބާޒާރުގައި މިހާރު ހުރީ 1 ޑޮލަރަށް 3،000 ޕައުންޑުގެ ގޮތުގައެވެ. މިކަމުގެ ސަބަބުން މުސާރަތަކާއި މީހުން ޖަމާކޮށްފައި ހުރި ފައިސާގެ އަގު ދެބައިކުޅަ އެއްބައި ވެއްޓިއްޖެއެވެ. އަދި އެތައް މިލިއަން ބައެއްގެ މާލީ ދިރިއުޅުން ނޭނގުމެއްގެ ތެރެއަށް ހުށަހެޅިފައިވެއެވެ. 

ފާއިތުވި ހަފުތާ ތެރޭގައި އަނެއްކާވެސް ފައިސާގެ އަގު ވެއްޓޭ ވެއްޓުން އިތުރުވާން ފެށިއެވެ. ހުކުރު ދުވަހު ބާޒާރުތަކުގައި ޕައުންޑުގެ އަގުހުރީ ޑޮލަރަކަށް 3،4000 ޕައުންޑުގައެވެ. ބާޒާރު ބަންދުކުރި އިރު ލުބުނާނު ޕައުންޑުގެ އަގު އިތުރަށް ވެއްޓި 1 ޑޮލަރަށް 3،800 ޕައުންޑާ ހަމައަށް ވެއްޓުނެވެ. 

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ހުކުރު ދުވަހު ލުބުނާނު ޕައުންޑުގެ އަގުވަނީ ޑޮލަރަކަށް 4،000 ޕައުންޑާ ހަމައަށް ވެއްޓިފައެވެ. އެއީ އެންމެ ދުވަހެއްގައި 17 އިންސައްތައިގެ ވެއްޓުމެކެވެ. ފައިސާގެ އަގު މިފަދައިން ވެއްޓެން ފެށުމުން ޤާނޫނަށް ބަދަލުގެނެސް ލުބުނާނު ފައިސާގެ ރަސްމީ އަގެއްގެ ގޮތުގައި ޑޮލަރަކަށް 3،2000 ޕައުންޑު ހަފުތާ ބަންދުގައި މަރުކަޒީ ބޭންކުން ކަނޑައެޅިއެވެ. 

ޤާނޫނުން ޑޮލަރުގެ އަގު މިވަރަށް ހިފަހެއްޓި ނަމަވެސް ހޯމަދުވަހު މީހުން ކަޅު ބާޒާރުގައި ޑޮލަރު ގަންނަމުންދިޔައީ ޑޮލަރަކަށް 4،000 ޕައުންޑު ދީގެން ކަމުގައި އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. 

ފައިސާގެ އަގު މިހާ ބޮޑަށް ވެއްޓެން މެދުވެރިވި ސަބަބެއް ކަމުގައި އެޤައުމުގެ ބޮޑުވަޒީރު ޙަސަން ދިއާބު ވިދާޅުވަނީ މަރުކަޒީ ބޭންކުގެ ދޯހަޅި ސިޔާސަތުތަކެވެ. އެގޮތުން ބޭންކުގެ ގަވަރުނަރު ރިއާދު ސަލާމާއަށް އޭނާވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

މިދިޔަ ހަފުތާގައި މަރުކަޒީ ބޭންކުން ބޭރު ފައިސާ އެކައުންޓުތައް ގެންގުޅޭ ހުރިހާ ފަރާތްތަކުން ލުބުނާނު ފައިސާއިން ފައިސާ ނެގުމަށް ހުއްދަ ދިނެވެ. އެކަމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބޭރު ފައިސާ އެކައުންޓުތަކުން ފައިސާ ނަގާފައިވަނީ ލުބުނާނު ފައިސާއިންނެވެ. މިފަދައިން ފައިސާ ނެގުމުގެ ސަބަބުން ބާޒާރުގައި ޑޮލަރު ހުރި މިންވަރާ ނުބައްދަލު މިންވަރަކަށް ލުބުނާނު ފައިސާ ބާޒާރަށް އިތުރުވިއެވެ. އެކަމުގެ ސަބަބުން ފައިސާގެ އަގުވެއްޓި ތަކެތީގެ އަގު މައްޗަށް އަރައިގެންދިޔައެވެ. 

މިސިޔާސަތު ތަންފީޒުކުރަން ފެށުމުގެ ކުރިން އިޤުތިޞާދީ މާހިރުންވަނީ މިކަމުގެ ސަބަބުން ޑޮަލަރު އެކްސްޗޭންޖު ރޭޓަށް ބަދަލު އައިސް، ފައިސާގެ އަގު ވެއްޓިދާނެ ކަމުގެ އިންޒާރު ދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު