އިސްރާއީލުގެ އެތައް ހާސް ބަޔަކު ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާކޮށްފި

ޙުސައިން އަފްޝަން 20 އޭޕްރީލު 2020 20:35
Flowers
އިސްރާއީލުގެ މުޒާހަރާއެއްގެ ތެރެއިން

އިސްރާއީލުގެ އެތައް ހާސްބައެއް ތަލްއަވީވުގައި އެޤައުމުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖުކޮށް މުޒާހަރާކުރައްވާފައިވެއެވެ. އެރައްޔިތުން ބުނެފައިވަނީ ނަތަންޔާހޫއާއި އޭނާގެ ކުރީގެ ވާދަވެރިޔާ ބެނީ ގާންޓްޒްގެ މެދުގައި ކޯލިޝަނެއް އެކުލަވައިލުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަކީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް ކަމުގައެވެ. 

މީޑިޔާތަކުން އަންދާޒާކުރާ ގޮތުގައި ނަތަންޔާހޫއާ ދެކޮޅަށް ތަލްއަވީވުގައި ކުރި މުޒާހަރާގައި 2،000 އެއްހައި މީހުން ބައިވެރިވެފައިވެއެވެ. މިމުޒާހަރާތަކަށް މީހުން ނުކުމެފައިވަނީ ބްލެކް ފްލެގް މޫވްމެންޓު ނަމަކަށް ކިޔުނު ޖަމާޢަތަކުން ފޭސްބުކް މެދުވެރިކޮށް ގޮވައިލި ގޮވައިލުމަކާ ގުޅިގެންނެވެ. އެގޮވައިލުމުގައި ދިގު ދެމިގެން ގޮސްފައިވާ ނަތަންޔާހޫގެ ވެރިކަން ކުށްވެރިކޮށްފައިވާކަމުގައި އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލުން ކޮރޯނާ ވައިރަހާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގައި އިހުތިޖާޖުކޮށް މުޒާހަރާކުރުމަށް އޮތީ ހުއްދަދީފައެވެ. ނަމަވެސް ރޮއިޓަރސްއިން ބުނެފައިވާ ގޮތުން މުޒާހަރާކުރުމުގައި ޝަރުޠުކޮށްފައިވަނީ އެކަށީގެންވާ މިންވަރުގެ ދުރުމިނެއް މުޒާހަރާގެ ބައިވެރިންގެ މެދުގައި ބެހެއްޓުމެވެ. 

ގާންޓްޒާއި ނަތަންޔާހޫއަށް ސަރުކާރު އެކުލަވައިލުމަށް ދެވިފައި އޮތް މުއްދަތެއް ފާއިތުވެގެން ދިޔައިރުވެސް އެކަން ނުކުރެއްވުމާ ގުޅިގެން މިދިޔަ ބުރާސްފަތިދުވަހު އެޤައުމުގެ ބަރުލަމާނަށް ސަރުކާރު އެކުލަވައިލުމުގެ މަސައްކަތް މަތިކުރެވިފައިވެއެވެ. އަނެއްކާވެސް ބެނީ ގާންޓްޒާއި ނަތަންޔާހޫގެ މެދުގައި މަޝްވަރާތައް ފެށިފައިވެއެވެ. 

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤައުމީ އެކުވެރިކަމުގެ ސަރުކާރެއް އެކުލަވައިލުމުގެ ފުރުޞަތު އޮތުމުން މުޒާހަރާވެރިންވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. މާސްކާއެކު ކަޅުހެދުމުގައި ތިބި މުޒާހަރާވެރިން މުޒާހަރާގައިވެސް ގައިދުރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަފައިވެއެވެ. 

މުޒާހަރާވެރިން އުފުލަމުންދިޔަ ބޯޑުތަކުގެ ތެރެއިން އެއް ބޯޑެއްގައި ޑިމޮކްރަސީއަށް ކާމިޔާބު ދިނުމަށް އެދިފައިވެއެވެ. އަނެއް ބޯޑުގައި ނަތަންޔާހޫއާ މުޚާޠަބުކޮށްފައިވަނީ "ޖަރީމާ ވަޒީރު" މިލަޤަބުންނެވެ. 

ކިޔުންތެރިންގެ ހިޔާލު