Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކަޝްމީރުގެ އާބާދީގެ އެކުލެވުން ބަދަލުކުރަން އިންޑިޔާއިން ކުރާ މަސައްކަތް ކުށްވެރިކުރަން: ޢިމްރާން ޚާން

އިންޑިޔާގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ސަރަހައްދުގެ އާބާދީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހަރުކަށި ހިންދޫ ފިކުރުގެ އިންޑިޔާ ސަރުކާރުން ކުރަމުންދާ މަސައްކަތް ކުށްވެރިކުރައްވާ ކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ކަޝްމީރުގައި ދިރިއުޅޭ ކަޝްމީރުން ބޭރު ފަރާތްތަކަށް ކަޝްމީރުގެ ރަށްވެހިކަން ލިބޭ ގޮތަށް ޤާނޫނަށް އިންޑިޔާ ސަރުކާރުން ބަދަލުގެނައުމާ ގުޅިގެންނެވެ. އައު ޤާނޫނުގެ ދަށުން ވަކި މުއްދަތެއް ވަންދެން ކަޝްމީރުގައި ދިރިއުޅޭ ކޮންމެ ފަރާތަކަށްވެސް ކަޝްމީރުގެ ރައްޔިތުކަން ލިބޭނެއެވެ. އެކަމުގެ ސަބަބުން ކަޝްމީރަކީ އިންޑިޔާގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮތް ހަމައެކަނި ސްޓޭޓުގެ ގޮތުގައި އޮތް އޮތުމަށް ނިމުން އަންނާނެއެވެ.
އެކަމާ ގުޅޭ ގޮތުން ޢިމްރާން ޚާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިޔާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަރުކަށި ހިންދޫ ފިކުރުގެ ސަރުކާރުން އިންޑިޔާ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ސަރަހައްދުގެ އާބާދީ ބަދަލުކުރުމަށް ނިންމި ނިންމުމަކީ އިންސާނީ ޙައްޤުތަކާ ޚިލާފު ނިންމުމެއް ކަމުގައެވެ. އެގޮތުން އެއީ ހަތަރުވަނަ ޖެނީވާ ކޮންވެންޝަނާ ޚިލާފު ނިންމުމެއް ކަމުގައި ވިދާޅުވިއެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކާއި މުޢާހަދާތަކާ ޚިލާފު ކަމެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަދި ޚާއްޞަކޮށް ޤާނޫނަށް ބަދަލުގެނައި ވަގުތަކީ ވަރަށް އިހާނަތްތެރި ވަގުތެއްގެ ގޮތުގައި ޢިމްރާން ޞިފަކުރެއްވިއެވެ. މުޅި ދުނިޔެ ކޮވިޑް-19ގެ ބިރުވެރިކަމުގައި އޮތް ވަގުތުގެ ނާޖާއިޒު ފައިދާ ނަގައިގެން މިފަދަ ކަމެއް ކުރުމަަކީ ވަރަށް ނުރަނގަޅު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އިންޑިޔާއިން ކުރަމުންދާ ކަންކަން ހުއްޓުވައިދިނުމަށް ޢިމްރާންވަނީ އދގެ ކިބައިން އެދިވަޑައިގެންފައެވެ.
އަދި ކަޝްމީރުގެ އާބާދީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ކުރާ މަސައްކަތް ކުށްވެރިކުރައްވާ ކަމުގައިވެސް ޢިމްރާން ޚާން ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ