Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ރައްކާތެރިކަމަށް ބޭނުންވާ ވަސީލަތްތައް ނެތުމުން އިންޑިއާގައި ޑޮކްޓަރުން ވާރޭ ކޯޓާއި ހެލްމެޓު ބޭނުންކުރަނީ

ޑޮކްޓަރުންނާއި ސިއްހީ މަސައްކަތްތެރިންގެ ސަލާމަތަށް ބޭނުންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން އެ ޤައުމުގައި ޑޮކްޓަރުން ވާރޭ ކޯޓާއި ހެލްމެޓު ފަދަ ތަކެތި ބޭނުންކުރަން މަޖުބޫރުވެއްޖެއެވެ.
އިންޑިއާގައި މިހާރު 1000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު އެ ޤައުމުގައި އެތައް ހާސް ބަޔަކަށް އެބަލި ޖެހޭނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އެ ޤައުމުގެ ސަރުކާރުން ދަނީ މިހާރު ޑޮކްޓަރުންގެ ސަލާމަތަށް ބޭނުންވާ ވަސީލަތްތައް ޗައިނާ އަދި ދެކުނު ކޮރެއާއިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ޤައުމުގެ ޑޮކްޓަރުން ސަލާމަތީ ވަސީލަތްނެތި ހަރަކާތްތެރި ވުމުގެ ސަބަބުން ޑޮކްޓަރުންވެސް އިންފެކްޓުވެ އެމީހުންގެ ފަރާތުން އެހެން މީހުންނަށް ވައިރަސް ޖެހުމުގެ ބިރުވެސް ވަރަށް ބޮޑުކަމަށް އިންޑިއާގެ ބައެއް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ 4700 އަށްވުރެ ގިނަ އެމްބިއުލާންސް ޑްރައިވަރުންވެސް ވަނީ ސަލާމަތީ ވަސީލަތްތައް ނުލިބޭތީ މަސައްކަތަށް ނިކުންނަން ދެކޮޅު ހަދާފައެވެ. އަދި އެމީހުންގެ ފުރާނަ ޤުރުބާން ނުކުރާނެކަމަށްވެސް އެ ޑްރައިވަރުންތައް ވަނީ ބުނެފައެވެ.
އިންޑިއާއިން މަދުވެގެން މިލިއަނެއްހާ މީހުން ކޮވިޑު-19 ޖެހިގެން މަރުވެދާނެކަމަށް މީގެ ކުރިން އެ ޤައުމުގެ ސިއްހީ މާހިރަކު ވަނީ ބުނެފައެވެ.ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އެއް އޮންނަ އިންޑިއާގައި ސިއްހީ ކަންކަމަށް ހޭދަކުރަނީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ ފައިސާއެކެވެ.
ކޮވިޑު-19 އާއި ގުޅިގެން މިވަގުތު އިންޑިއާ އޮތީ 21 ދުވަހުގެ ލޮކްޑައުން އެއްގައެވެ. ނަމަވެސް މަގުމަތީގައި ދިރިއުޅޭ މީހުންނާއި ބޮޑެތި ސިޓީތަކުގައި ދިރިއުޅޭ ކުޑަކުޑަ އަވަށްތަކަށް ނިސްބަތްވާ މީހުން ވަނީ ހިނގާފައި އެމީހުންގެ އަމިއްލަ އަވަށްތަކަށް ދާން ދަތުރުފަށާފައެވެ. އަދި މިއީވެސް މުޅި އިންޑިއާއަށް ވައިރަސް ފެތުރިދާނެ ކަމެއް ކަމުގައި ލަފާކުރެވޭ ކަމަށް އެ ޤައުމުގެ ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ.
މި ލިއުމާއި ގުޅޭ