Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކޮވިޑް-19ގެ އައު މަރުކަޒަކަށް އެމެރިކާ ވެއްޖެ

ކޮވިޑް-19 ވަބާ ދުނިޔޭގެ އެކި ޤައުމުތަކުގއި ފެތުރެމުންދާއިރު ދުނިޔޭގައި އެންމެ ހަލުއިކޮށް އެބަލި ފެތުރޭ ޤައުމު ނުވަތަ ބަލީގެ މައި މަރުކަޒަށް އެމެރިކާ ވާން ފަށައިފިއެވެ.
މިބަލި ދުނިޔެއަށް ފެތުރިގެން އައީ ޗައިނާގެ ވޫބޭ ޕްރޮވިންސްގެ ވެރިރަށް ވޫހާނުންނެވެ. އެންމެ ފުރަތަމަ މިބަލީގެ މައި މަރުކަޒު (އެޕިސެންޓަރ) އެއް ކަމުގައި ބެލުނީ ވޫހާނެވެ. އެއަށްފަހު އޫބޭ ޕްރޮވިންސެވެ. ދެން ޗައިނާއެވެ. ޗައިނާއިން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އެޤައުމުގައި ބަލި ކޮންޓުރޯލުކުރެވި ހަންމަތަކުރެވި ފެތުރުން މަދުކުރެވުނެވެ. ދެން ވިލާތުގައި އިޓަލީއާއި ސްޕެއިނުގައި މިބަލި ހަލުއިކޮށް ފެތުރި ދުނިޔޭގައި އެންމެ ގިނަ ބަޔަކަށް މިބަލި އެއް ދުވަސް މަތީ ޖެހޭ ޤައުމަކަށް އިޓަލީވެ، ބަލީގެ މައިމަރުކަޒަކަށް އިޓަލީ ބަދަލުވިއެވެ.
މިހާރު އިޓަލީގައި ބަލިޖެހޭ ޢަދަދަށްވުރެ އެމެރިކާގައި ބަލި ފެތުރެމުންދާ ދުވެލި ހަލުއިވުމާއެކު މިވަގުތު ބަލީގެ މައި މަރުކަޒު ކަމުގައި އެމެރިކާވަނީ ވެފައެވެ. މީގެ ދެ ދުވަސްކުރިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަރުޖަމާނު މާރގަރެޓް ހެރިސް ވިދާޅުވެފައިވަނީ އެމެރިކާއަކީ ދުނިޔޭގައި މިބަލި އެންމެ ގަދައަށް ފެތުރޭ ބަލީގެ މަރުކަޒު ކަމުގައިވުން އެކަށީގެންވާ ކަމުގައެވެ. ސަބަބެއް ކަމުގައި އޭނާ ފާހަގަކުރިއްވީ އެމެރިކާގައި ކޮވިޑް-19 ފެތުރެމުންދާ ހަލުއި ދުވެއްޔެވެ. އެގޮތުން މީގެ ހަފުތާއެއް ކުރިން އެމެރިކާގައި މިބަލި ޖެހިފައިވާ މީހުންގެ ޢަދަދަކީ 7،800 އެވެ. މިހާރު އެޢަދަދުވަނީ އެތައް ގުނައަކަށް އިތުރުވެ، ބުދަދުވަހާ ހަމައަށް 53،268 ކޭސް އިތުރުވެފައިވެއެވެ. އަދި ބުރާސްފަތިދުވަހުގެ ނިޔަލަށް އެމެރިކާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު 82،000 މީހުންނަށް އިތުރުވެފައިވެއެވެ. މިއީ ޗައިނާއާއި އިޓަލީގައި މިބަލި ޖެހިފައިވާ މީހުންގެ ޢަދަދަށްވުރެ އިތުރު ޢަދަދެކެވެ.
ޗައިނާއާ ތަފާތުކޮށް އެމެރިކާގައި މިބަލި ފެތުރުން ހުއްޓުވުމަށް އެކަށީގެންވާ މިންވަރުގެ ހަރުދަނާ ފިޔަވަޅުތައް އެޅިފައިނުވެއެވެ. އެންމެ ފުރަތަމަ ބަލި ފެނުނު ޝަހަރުތައް ބަންދުކުރުން ފަދަ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ބަލި އެމެރިކާ ތެރޭގައި ފެތުރުމުގެ ފުރުޞަތު ފުޅާވިއެވެ. އެމެރިކާއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް އެޤައުމުން 81،000 މީހުން ކޮވިޑް-19ގެ ޝިކާރައަށްވެ މަރުވާނެ ކަމުގައި ޔުނިވަރސިޓީ އޮފް ވޮޝިންޓަންގެ އިންސްޓިޓޫޓް ފޮރ ހެލްތް މެޓްރިކްސް އެންޑް އިވެލުއޭޝަނުން ތައްޔާރު ކުރި މެތެމެޓިކަލް މޮޑެލްއަކުން ފެނެއެވެ.
މިހާރުވެސް އެމެރިކާ ރައީސް ޑޮނާލްޑު ޓުރަމްޕު ވިދާޅުވަމުންދަނީ އެޤައުމުގެ އިޤުތިޞާދު އޭޕްރީލު މަހުގައި އީސްޓަރގެ ކުރިން ހުޅުއްވާނެ ކަމުގައެވެ. ނަމަވެސް ޞިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި މިވަބާ އެމެރިކާގައި އެއަށްވުރެ ހަލުއިކޮށް ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
މި ލިއުމާއި ގުޅޭ