Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކޮވިޑް-19އަށް ގިނަ މީހުން ޓެސްޓުކުރުމުގެ މުހިއްމުކަން އިޓަލީގެ އަވަށަކުން

ކޮވިޑް-19 ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާއިރު މިބަލި އެންމެ ގަދައަށް ފެތުރި، އެބަލީގެ ސަބަބުން އެންމެ ގިނަ ބައެއް މަރުވަމުންދާ އެއް ޤައުމަކީ އިޓަލީވިލާތެވެ. މިބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާ ފިޔަވައި ދުނިޔޭގައި މިބަލީގައި އެންމެ ގިނަ ބައެއް މަރުވީ އިޓަލީގައެވެ. ޗައިނާގައި ވަރުގަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅާ ބަލި ހަންމަތަކުރުމާއެކު، ބަލި ޖެހޭ މީހުން މިހާރު އެންމެ ގިނައީ އިޓަލީގައެވެ. ނަމަވެސް އިޓަލީގެ އަވަށަކުންވަނީ މިބަލި ފެތުރުނަނުދީ ހިފަހެއްޓުމުގައި ކާމިޔާބު ތަޖުރިބާއެއް ކޮށްފައެވެ.
ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ދުނިޔޭގެ ޤައުމުތަކަށް ވަރަށް ރަނގަޅު ފިލާވަޅުތަކެއް ލިބޭނެ ތަޖުރިބާއެއް އިޓަލީގެ އަވަށެއް ކަމުގައި ވޯ ނަމަކަށް ކިޔުނު އަވަށުގައި ކޮށްފައިވެއެވެ. ޔުނިވަރސިޓީ އޮފް ޕަޑޫއާއި ރެޑްކްރޮސް ގުޅިގެން ކުރި މިތަޖުރިބާގައި ވޯ އަވަށުގެ ހުރިހާ ރަށްވެހިން ކޮވިޑް-19އަށް ޓެސްޓުކުރިއެވެ. އޭގެ ތެރޭގައި ބަލީގެ ޢަލާމާތްތައް ނެތް މީހުންވެސް ހިމަނައިގެންނެވެ. 3،000 މީހުންގެ އާބާދީއެއް އޮތް މިއަވަށުގައި މިގޮތަށް ޢަމަލުކުރުމުން ނުކުތް ނަތީޖާއަކީ ބަލިޖެހި ބަލީގެ ޢަލާމާތްތައް ފައުޅުނުވާ މީހުން ކުރިއާލާ ދެނެގަނެވި އެކަހެރިކުރެވުމެވެ. ނަތީޖާއަކީ ބަލި ފެތުރުމުގެ ފުރުޞަތު ހަނިކުރެވުމެވެ.
ޔުނިވަރސިޓީ އޮފް ޕަޑޫއާގެ މައިކްރޯ ބައޮލޮޖީ ޕްރޮފެސަރެއް ކަމުގައިވާ އެންޑްރިއާ ކްރިސާންޓީ ދަ ގާޑިއަން ނޫހުގައި ލިޔުއްވާފައިވަނީ މިތަޖުރިބާއަށް ބަލައި މިބަލި ޢާންމުވުމުގެ ކުރިން ބަލިޖެހިފައިވާ މީހުން ދެނެގަތުމަށް އިނގެރޭސިވިލާތަށްވެސް މިއުސްލޫބު ބޭނުންކުރެވޭނެ ކަމުގައެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިބަލި ކޮންޓުރޯލުކުރުމަށް މިފިޔަވަޅަކީ މުހިއްމު ފިޔަވަޅަކަށްވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އިޓަލީގެ މިއަވަށުގެ މުޅި އާބާދީގެ 3% މީހުންނަކީ މިބަލި ޖެހި ބަލީގެ ޢަލާމާތްތައް އެމީހުން ކިބައިން ފާޅުނުވާ މީހުންނެވެ. އަދި އެޓެސްޓުކުރުމުގެ ފުރަތަމަ މަރުހަލާގައި ބައްޔަށް 89 މީހުން ޕޮޒިޓިވްވި ނަމަވެސް ދެވަނަ މަރުހަލާގައި ޓެސްޓުކުރިއިރު އެޢަދަދުވަނީ 6 މީހުންނަށް ތިރިވެފައެވެ. އަދި މިއުސްލޫބު ބޭނުންކޮށްގެން ކުރި މަސައްކަތުން ވޯއިން ކޮވިޑް-19 ނައްތާލައި، ބަލި ޖެހުނު އެންމެން ރަނގަޅުވެ، ބަލީގެ އައު ކޭހެއް ނުފެނި ސަލާމަތްވެވިއްޖެއެވެ.
އެންޑްރިއާ އޭނާގެ ލިޔުމުގައި ފާހަގަކުރެއްވި ގޮތުގައި ބަލީގެ ޢަލާމާތްތައް ހުންނަ މީހުން އެކަނި ޓެސްޓުކުރުމަށް އިޓަލީވިލާތުގެ މާހިރުން ނިންމީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ލަފާގެ މަތިންނެވެ. ނަމަވެސް އެނިންމުމުގެ ސަބަބުން ކޮވިޑް-19 ޖެހުނު މީހުންގެ ޙަޤީޤީ ޢަދަދަކީ ކޮބައިކަމެއް އަދި ބަލި ފެތުރުނީ ކިހިނެއްކަން ރަނގަޅަށް ދެނެގަނެވިފައިނުވާ ކަމުގައެވެ. އޭނާ ފާހަގަކުރި ގޮތުގައި މިބަލިޖެހޭ މީހުންގެ 70% އަކީ މިބަލީގެ ޢަލާމާތްތައް އެމީހުން ކިބައިން ނުފެންނަ މީހުންނެވެ. އަދި އޭގެ ތެރެއިން ކޮންމެވެސް މިންވަރެއްގެ މީހުން ކިބައިން އެހެން މީހުން ގައަށް ބަލިއެރުމުގެ އިހުތިމާލު އޮތްކަމާއި އަދި ބަލިއަރާ ގޮތާއި ފެތުރޭ ގޮތްތައް އެންމެ ރަނގަޅަށް އެނގޭނީ ބަލީގެ ޢަލާމާތްތައް ނުފެންނަ ބަލިޖެހިފައިވާ މީހުންވެސް ދެނެގަނެވިގެން ކަމުގައެވެ.
އެންޑްރިއާސްވެސް އެއްބަސްވެލެއްވި ގޮތުގައި ވޯގައި ސައިންސްވެރިން ހެދި ދިރާސާއަކީ ދުނިޔޭގެ ބޮޑެތި ޝަހަރުތަކުގައި ނަކަލުކުރެވޭނެ ކަމެއް ނޫނެވެ. ޚާއްޞަކޮށް ޓެސްޓުކުރުމުގެ ޤާބިލުކަން ކުޑަ ތަންތަނުގައެވެ. ނަމަވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ބައްދަލުވި އެންމެން ޓެސްޓުކުރުމުގެ މުހިއްމުކަން މިދިރާސާއިން ފެނިގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެންމެ ބޮޑު ބޭނުމަކަށްވަނީ ބަލިޖެހިފައިހުރި ކަން ނޭނގި ބަލި އެހެން މީހަކަށް ވާސިލުކުރުމުގެ ފުރުޞަތު ކުޑަކުރުމެވެ.
އެހެންކަމުން ޕްރޮފެސާ އެންޑިރިއާސް އިނގިރޭސިވިލާތުގެ ސިޔާސަތު އެކަށައަޅުއްވާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަތީ ބަލިޖެހިފައިވާ ހުރިހާ ފަރާތްތަކާ ބައްދަލުވި އެންމެން ޓެސްޓުކުރުމަށެވެ. ޓެސްޓުކޮށް އެންމެންގެ ނަތީޖާ ބެލުމަށެވެ.
މި ލިއުމާއި ގުޅޭ