Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އެލްސެލްވެޑޯރ: ކޮވިޑް-19 ނުފެންނަނީސް ޤައުމު ކަރަންޓީނަށް

ސެންޓްރަލް އެމެރިކާގެ ޤައުމެއް ކަމުގައިވާ އަލްސަލްވެޑޯރއިން އަދި ކޮވިޑް-19އިގެ އެންމެ ކޭސްއެއްވެސް ފެނިފައިނުވުމާއެކުވެސް މުޅި ޤައުމު އެކީ ކަރަންޓީނުގެ ޙާލަތަކަށް ގެންދެވުމަށް އެޤައުމުގެ ރައީސް ނަޔިބު ބުކެލޭ ނިންމަވައިފިއެވެ.
ރައީސް ނަޔިބު ބުކެލޭ އެންމެ ފުރަތަމަވެސް ނިންމެވި ނިންމެވުމަކީ ކޮވިޑް-19 ފެތުރެމުންދާ އެއްވެސް ޤައުމަކުން އެޤައުމަށް ނާދެވޭ ގޮތް ހެދުމެވެ. ކޮވިޑް-19 އެންމެ ހަލުއިކޮށް ފެތުރޭ ޗައިނާ އަދި އިޓަލީވިލާތުގެ އިތުރުން ސްޕެއިނާއި އީރާނާއި އަދި އެނޫންވެސް ގިނަ ޤައުމުތަކަކުން މީހުން އަލްސެލްވެޑޯއަށް އައުން މަނާކޮށްފައިވެއެވެ. އޭގެ އިތުރަށް އެޤައުމަށް އެތެރެވާ ފަރާތްތައް ސުކްރީންކުރުމަށް ބޭނުންވާ ގިނަ އާލާތްތަކެއް މިހާތަނަށް ހޯދާފައިވެއެވެ.
އަދި މިދިޔަ ހަފުތާ ބުދަދުވަހު އޭނާވަނީ އޮރެންޖު އެލާޓު ނެރުއްވައި ސުކޫލުތައް ބަންދުކުރައްވައި، 500 މީހުންނަށްވުރެ ގިނަ މީހުން އެއްތަންވެ އުޅުން މަނާކުރައްވައި، ބޭރު މީހުން ޤައުމަށް ވަނުން ވަގުތީ ގޮތުން ހުއްޓުމަކަށް ގެންނަވައި، ބޭރު ޤައުމެއްގައި އުޅުމަށްފަހު ޤައުމަށް އެތެރެވޭ އެޤައުމުގެ ރައްޔިތުންނަށް 30 ދުވަސް ކަރަންޓީނުގައި ހޭދަކުރުން ލާޒިމުކުރެއްވިއެވެ. މިފިޔަވަޅުތައް އެޤައުމުން އަޅާފައިވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވި އެންމެ ކޭހެއްވެސް އެޤައުމުން ފެނުމުގެ ކުރިންނެވެ.
މިފިޔަވަޅުތައް އެޅުއްވި ސަބަބު އެޤައުމުގެ ރައީސް ސާފުކޮށްދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އަލްސެލްވެޑޯގެ ޞިއްޙީ ވަސީލަތްތަކަކީ އިޓަލީވިލާތް ނުވަތަ ދެކުނު ކޮރެއާގެ ވަސީލަތްތަކާ ފައިހަމަކުރެވޭ މިންވަރުގެ ވަސީލަތްތަކެއް ނޫނެވެ. އަދި އިޓަލީންވެސް މިހާރު ބުނަމުންދަނީ ކުރިން ފިޔަވަޅުތަކެއް އެޅުނު ނަމަ މިހާރު ކޮވިޑް-19 އެޤައުމުގައި ފެތުރެމުންދާ ހަލުއި މިނުގައި ފެތުރިގެން ނުދިޔައިސް ކަމުގައެވެ. އެހެންކަމުން އިޓަލީއަށްވުރެ ވަސީލަތްމަދު އަލްސެލްވެޑޯއިން އެ ފިޔަވަޅުތައް ކުރިޔާލާ އަޅަންޖެހޭ ކަމުގައިވެސް އެޤައުމުގެ ރައީސް ފާހަގަކުރެއްވިއެވެ.
އެލްސެލްވެޑޯގެ ރައީސް ނިންމެވި ނިންމެވުންތަކާ ގުޅިގެން ހުޅަނގާއި އެމެރިކާއިން ފާޑުކިޔާފައިވެއެވެ. އެގޮތުން ބައެއް މުޙައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި މިފިޔަވަޅުތަކަކީ ކޮންމެހެން އެޅުން މުހިއްމު ފިޔަވަޅުތަކެއް ނޫނެވެ. ޚާއްޞަކޮށް ކޮވިޑް-19އިގެ އެންމެ ކޭސްއެއްވެސް ނުފެންނަނީސް މިފަދަ ފިޔަވަޅެއް އެޅުމުގެ ބޭނުންތެރިކަމެއް ނެތް ކަމުގައި އެބޭފުޅުން ފާހަގަކުރައްވައެވެ.
ނަމަވެސް ރައީސް ބުކެލޭ ދެކެވަޑައިގަންނަވާ ގޮތުގައި ވަސީލަތް މަދު ފަޤީރު އާބާދީ ބޮޑު ޤައުމެއްގައި ސަލާމަތީ ގޮތުން ރައްކާތެރިކަމަށްޓަކައި އެހެން ޤައުމުތަކުގައި އަޅާ ފިޔަވަޅުތަކާ ތަފާތު އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.
މި ލިއުމާއި ގުޅޭ