ޔޫރޭނިއަމް މުއްސަނދިކުރުމުގައި ވަކި އިމެއް ނުހިފަހައްޓަން އީރާނުން ނިންމައިފި

ޝިފްޒާން އަހްމަދު 6 ޖެނުއަރީ 2020 09:22
Flowers

ނިއުކުލިއަރ ހަކަތައާއި ހަތިޔާރު އުފެއްދުމަށް އެންމެ މުހިއްމުވާ ޔޫރޭނިއަމް މުއްސަނދިކުރުމުގައި ހިފަހައްޓަމުން އައި އިންތައް ދޫކޮށްލާނެ ކަން އާދީއްތަދުވަހު އީރާނުން އިޢުލާނުކޮށްފިއެވެ. 

އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގައި ހިފަހައްޓަމުން އައި އިމަކީ ދުނިޔޭގެ މައި ހަ ބާރެއް އެކުލެވޭ ގޮތަށް އީރާނުގެ ބައިވެރިވުމާއެކު އެކުލަވައިލެވުނު އެއްބަސްވުމުގެ ދަށުން ހިފަހެއްޓުން ލާޒިމުވެފައިވާ އިންތަކެވެ. އީރާނުގެ މިނިންމުމާއެކު އީރާނު ކުރިއަށްވުރެވެސް ބޮޑަށް މިއެއްބަސްވުމުން ބޭރުވެއްޖެއެވެ. 

އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ މިންވަރު އިތުރުކޮށް އެކަމުގައި ގެންގުޅުނު ހިފަހެއްޓުންތައް ދޫކޮށްލިނަމަވެސް، ނިއުކުލިއަރ ކަންކަން ބަލަހައްޓާ އދ.ގެ އިދާރާއާ އެކީގައި އީރާނުން މަސައްކަތްކުރާނެ ކަމުގައިވެސް އެޤައުމުން އިޢުލާނުކޮށްފައިވެއެވެ. 

އީރާނުން މިފަދައިން ނިންމައި އެކަން އިޢުލާނުކޮށްފައިވަނީ، އެމެރިކާއިން އީރާނުގެ އިންޤިލާބީ ފާރަވެރިންގެ ލަޝްކަރުގެ ޤުދުސް ބާރުގެ ކޮމާންޑަރު ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން ސަރަހައްދީ ނުތަނަވަސްކަން އިހުނަށްވުރެ ބޮޑުވެފައިވާ ދުވަސްވަރެއްގައެވެ. 

އީރާނުގެ ދައުލަތުގެ ޓީވީއިން ބުނެފައިވަނީ އީރާނަށް ޔުރޭނިއަމް މުއްސަނދިކުރެވޭނެ މިންވަރާ ގުޅޭ އެއްވެސް އިންކުރުމެއް އީރާނުން ޤަބޫލުނުކުރާނެ ކަމުގައެވެ. އެއީ ޔޫރޭނިއަމް ސެންޓްރިފިއުޖުތަކުގެ ޢަދަދު ނުވަތަ އީރާނަށް ލިބިފައިވާ ޔުރޭނިއަމް މުއްސަނދިކުރުމުގެ ޤާބިލުކަން ވަކި ވަރެއްގައި ހިފަހެއްޓުން ކަމުގައިވީނަމަވެސް އެއްވެސް ބާވަތެއްގެ އިންކުރުމެއް ހިފަހެއްޓުމެއް އީރާނުން ބަލައިނުގަންނާނެ ކަމުގައި އެޤައުމުންވަނީ ބުނެފައެވެ. 

2015ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ބެލެހެއްޓެވުމުގެ ދަށުގައި އެކުލަވައިލެވުނު އީރާނު ނިއުކުލިއަރ ހަތިޔާރު އެއްބަސްވުން ދޫކޮށް އެންމެ ފުރަތަމަ ނުކުމެފައިވަނީ އެމެރިކާއިންނެވެ. އަދި އީރާނަށް ފިއްތުންތައް އިތުރުކުރުމުގެ ސިޔާސަތެއް އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕުވަނީ އިޢުލާނުކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު