އަލިފާނުގެ ސަބަބުން އޮސްޓްރޭލިއާގެ އައްސޭރި އަވަށެއްގައި އެތައްހާސް ބަޔަކު ތާށިވެއްޖެ

ޝިފްޒާން އަހްމަދު 31 ޑިސެމްބަރު 2019 11:34
Flowers

އޮސްޓްރޭލިއާގެ އައްސޭރި އަވަށެއް ކަމުގައިވާ މަލަކޫޓާ ވަށައިގެން އަލިފާން ރޯވެ، އެރަށަށް ވަދެނުކުތުމަށް ބޭނުންކުރާ މަގު އަލިފާނުގެ ސަބަބުން ބަންދުވުމާ ގުޅިގެން އެރަށުގެ ރައްވެހިންނާއި ދަތުރުވަރީގައި އެރަށަށް އައިސްތިބި ފަރާތްތައް އެރަށުގައި ތާށިވެއްޖެއެވެ. 

މުޅި ރަށުގެ ތެރެއަށް އަލިފާނުގެ އަސަރުކޮށް މަގުތަކުގައި، ގަސް އަދައިގެން ހެދިފައިވާ ހޫނު އަޅި ފެތުރިފައިވާއިރު، ރަށުގެ ގިނަ ބައަކު އެތެރޭގައި ޖިމަކަށް ޖަމާވެފައިވެއެވެ. އަދި ވަރަށް ގިނަ ފަރާތްތައް މޫދު ކައިރިއަށް ޖަމާވެފައިވާ ކަމުގައިވެސް ރޮއިޓަރސްއިން ބުނެއެވެ. 

އެރަށުގެ އެންމެ ބޮޑު މާރުކޭޓުގެ ވެރިޔާ ރޮބާޓް ފިލިޕްސްއާ ހަވާލާދީ ރޮއިޓަރސްއިން ބުނެފައިވަނީ އޭނާގެ ސުޕަރ މާކެޓުގައި 45 މީހަކަށް ހިޔާވެހިކަން އޭނާ ފޯރުކޮށްދީފައިވާ ކަމުގައެވެ. އަދި ގިނަ ޢަދަދެއްގެ ބައެއް އެރަށުގެ އައްސޭރިއަށް ފާލަން ދޮށަށް ޖަމާވަމުންދާ ކަމުގައިވެސް އޭނާއާ ހަވާލާދީ ރޮއިޓަރސްއިން ބުނެފައިވެއެވެ. 

ރޮއިޓަރސްއަށް މަޢުލޫމާތުދެމުން ފިލިޕްސް ބުނި ގޮތުގައި ރަށުގެ އެކި ހިސާބުގައި އަލިފާން ގަނޑު ރޯވަމުންދާ ކަމުގައެވެ. އަދި ވަޔާއެކު ރަށު ތެރެއަށް ހޫނު އަޅި ޖަމާވަމުންދާ ކަމުގައިވެސް އޭނާ ބުންޏެވެ. އަދި އޭނާ ފިހާރަ ތެރޭގައިވެސް ނޭވާލުމަށް ދަތިވާ ވަރަށް ބައިވަރު ކުޑަކުދިން އެބަތިބި ކަމުގައި އޭނާ ބުންޏެވެ. 

ނިއު ސައުތުވޭލްސްގައި ރޯވި އަލިފާންގަނޑެއްގައި 3 މީހަކު މަރުވެފައިވާ ކަމުގައި އިދާރާތަކުން ބުނެފައިވެއެވެ. އަދި ވިކްޓޯރިއާގައި 4 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމުގައިވެސް އިދާރާތަކުން ބުނެފައިވެއެވެ. މިދެސްޓޭޓުގައި ވަރުގަދަ އަލިފާންގަނޑު ރޯވެ، ހުޅު ފެތުރިފައިވާ ކަމުގައި މަޢުލޫމާތު ލިބެއެވެ. 

އޮސްޓުރޭލިއާގައި ޖަންގަލީ ހުޅުހިފައި އަލިފާން ރޯވުމަކީ ކޮންމެ ހޫނު މޫސުމެއްގައިވެސް ޢާންމު ކަމެކެވެ. މިއަހަރު ރޯވި ހުޅުގަނޑުގައި ޖުމްލަ 10 މިލިއަން އޭކަރުގެ ބިން ހަލާކުވެ ހުލިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު