ރައްޔިތުކަމާ ބެހޭ ޤާނޫނާ ދެކޮޅަށް ކުރާ މުޒާހަރާތައް ރޫޅާލުމަށް އިންޑިޔާ ފުލުހުން ޔުނިވަރސިޓީތަކަށް ވަދެއްޖެ

ޝިފްޒާން އަހްމަދު 16 ޑިސެމްބަރު 2019 12:53
Flowers

އިންޑިޔާ ޤާނޫނު ހަދާ މަޖިލިހުގެ ތިރިގެއިން ފާސްކޮށްފައިވާ ރައްޔިތުކަމުގެ ޤާނޫނާ ގުޅިގެން އެޤައުމުގެ ވެރިރަށް ދިއްލީގެ ބައެއް ޔުނިވަރސިޓީތަކުގައި ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެޤައުމުގެ ސިފައިން ޔުނިވަރސިޓީތަކަށް ވަދެއްޖެއެވެ. 

ފުލުހުން ޔުނިވަރސިޓީތަކަށް ވަދެ މުޒާހަރާ ރޫޅާލުމުގައި އެކަށީގެންނުވާ މިންވަރުގެ ބާރު ބޭނުންކޮށްފައިވާ ކަމުގައި ދަރިވަރުންގެ ޔޫނިއަންތަކުން ތުހުމަތުކޮށްފައިވެއެވެ. އަދި ފުލުހުން މުޒާހަރާ ރުޅާލުމުގެ ތެރޭގައި 100 ދަރިވަރުންނަށްވުރެ ގިނަ ދަރިވަރުންނަށް އެކި މިންވަރުގެ އަނިޔާ ލިބިފައިވެއެވެ. 

މިޤާނޫނު ފާސްކުރުމާއެކު، އިންޑިޔާގެ ވެރިރަށް ދިއްލީގައި ހުންނަ ޖާމިއާ މިއްލިއާ އިސްލާމިޔާއާއި އިންޑިޔާގެ އެންމެ ބޮޑު އާބާދީ އޮންނަ ސްޓޭޓު ކަމުގައިވާ އުއްތަރަޕްރަދޭޝުގައި ހުންނަ އަލީގަޅު ޔުނިވަރސިޓީގެ ދަރިވަރުންވަނީ އިހުތިޖާޖުކޮށް މުޒާހަރާކުރަން ފަށާފައެވެ. 

މިޤާނޫނަކީ އަވައްޓެރި ޤައުމުތަކުން އިންޑިޔާއަށް ހިޖުރަކޮށް އެޤައުމުގައި ދިރިއުޅެމުންދާ މުހާޖިރުންގެ ތެރެއިން މުސްލިމުން އެކަހެރިކޮށް އިސްތިސްނާކޮށް އެހެން ދީނުތަކުގެ އަހުލުވެރިންނަށް އިންޑިޔާގެ ރައްޔިތުކަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ޤާނޫނެކެވެ. މިނިންމުމަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ މިއީ އިންޑިޔާގެ ޤާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމުގައެވެ. 

ޔުނިވަރސިޓީތަކަށް ފުލުހުން ވަދެ ހިންގާފައިވާ ކަންކަމުގެ ބައެއް ވީޑިޔޯތައްވަނީ ޢާންމުވެފައެވެ. އެގޮތުން ބިންމައްޗަށް ފިރިހެން ދަރިވަރަކު ވައްޓައި އޭނާ ގައިގައި ތަޅަން ފުލުހުން މަސައްކަތްކުރަނިކޮށް އަންހެން ދަރިވަރުން އޭނާ ވަށާލައި ހިމާޔަތްދޭ މަންޒަރު ފެންނަ ވީޑިޔޯއެއްވަނީ އިޖުތިމާޢީ ވިއުގަތަކުގައި ވައިގަހިފައި ޢާންމުވެފައެވެ. 



ހޮނިހިރުދުވަހު ދިއްލީގައި ޖާމިއާ މިއްލިއާގެ ދަރިވަރުން އެޤައުމުގެ ބަރުލަމާނު ކުރިމައްޗަށް ޖަމާވެ މުޒާހަރާކުރުމަށް ކުރި މަސައްކަތުގައި ދިއްލީގެ ރައްވެހިންވަނީ ބައިވެރިވެފައެވެ. ނަމަވެސް ވަކި ހިސާބަކުން ފުލުހުން މުޒާހަރާ ރޫޅާލުމަށް އެކަށީގެންނުވާ ބާރު ބޭނުންކުރުމުގެ ސަބަބުން ފުލުހުންނާއި މުޒާހަރާވެރިންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވެއެވެ. 

ފުލުހުންވަނީ ޖާމިޔާގެ ތެރެއަށް ވަދެ ކިލާސްތަކަށް ކަރުނަ ގޭސް ޖަހާފައެވެ. އަދި އިންޑިޔާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މިސްކިތެއްގައި ނަމާދުކުރަން ތިބި ދަރިވަރުންތަކަކަށްވެސް ފުލުހުންގެ ހަމަލާވަނީ އަމާޒުވެފައެވެ. އަދި މިކުޝޫނަތްތެރި (ވައަލެންޓް) ހަމަނުޖެހުންތަކުގެ ސަބަބުން ގާތްގަނޑަކަށް 100 ދަރިވަރުން ހައްޔަރުކޮށްފައިވާ ކަމުގައިވެސް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު