Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ވިޔަފާރި ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑައިލުމަށް ޗައިނާއާއި އެމެރިކާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލައިފި

ޗައިނާއާއި އެމެރިކާގެ މެދުގައި ހިނގަމުންދާ ވިޔަފާރި ހަނގުރާމަ ވަގުތީ ގޮތުން ހުއްޓައިލުމަށް ޗައިނާ އަދި އެމެރިކާގެ މެދުގައި ވިޔަފާރި އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
ޗައިނާއާއި އެމެރިކާގެ މެދުގައި ވިޔަފާރި ތިލަފަތް ހަމަކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕު ފައްޓަވާފައިވާ މަސައްކަތުގައި މިއެއްބަސްވުމަކީ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އޭނާގެ ޕާޓީއިން އަދި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ބުނެފައިވެއެވެ. ނަމަވެސް މިއެއްބަސްވުމުން އެމެރިކާގެ ވިޔަފާރިތަކަށް ލިބޭ ނަފާއާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވެއެވެ.
މިއެއްބަސްވުމުގެ ދަށުން އެމެރިކާއިން އުފައްދާ ދަނޑުވެރިކަމުގެ ބައެއް އުފެއްދުންތަކާއި އެނޫންވެސް ބައެއް އެމެރިކާގެ އުފެއްދުންތައް ގަތުމަށް ޗައިނާއަށް ގޮވައިލާނެއެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި އެމެރިކާއިން ޗައިނާގެ ބައެއް މުދަލުން ނަގަމުންދާ ޓެކުސް ކުޑަކޮށް އައު ޓެކުސް ނުވަތަ ޓެރިފުއެޅުން މަޑުޖައްސައިލާނެއެވެ.
ޓުރަމްޕު ވިދާޅުވެފައިވަނީ ޓެރިފާއި ޓެކުސް ބާރުއެޅުމަށް ބޭނުންކޮށްގެން ޗައިނާއާއެކު އިތުރު ވާހަކަތައް ކުރިއަށް ގެންގޮސް އިތުރަށް އެމެރިކާގެ ވިޔަފާރިތަކަށް ފައިދާވާނެ ގޮތަށް އެމެރިކާއާއި ޗައިނާގެ ވިޔަފާރި ބައްޓަންކުރައްވާނެ ކަމުގައެވެ. އަދި އޭގެ އިތުރުން އޭނާ ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން އެމެރިކާގެ ދަނޑުވެރިންނަށް އިތުރު ވިޔަފާރި ލިބޭނެ ކަމުގައެވެ. އަދި އެއީ ވަރަށް ބައިވަރު ވިޔަފާރި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މއިެއްބަސްވުމަށް ފާޑުވިދާޅުވަމުން ޓުރަމްޕު ސަރުކާރުގެ އިޤުތިޞާދީ އޮފިޝަލެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ކްލެޓް ވިލެމްސް، ވޯލްސްޓުރީޓު ޖާނަލަށްދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ، މިއެއްބަސްވުމަކުން އެމެރިކާގެ ވިޔަފާރިއަށް ޗައިނާ ބާޒާރުގައި ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުނުކުރެވޭ ކަމުގައެވެ. ނަމަވެސް އެމެރިކާއާއި ޗައިނާއަށް ކަންކަމުގައި އާ ބަސްބުނެވުމަކީ ރަނގަޅު ފާލެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މިއެއްބަސްވުމުގެ ދަށުން ޗައިނާއިން ގަންނަ އެމެރިކާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަގު 32 ބިލިއަން ޑޮލަރަށް ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި އިތުރުކުރާނެއެވެ. އެއިރުން ޖުމްލަކޮށް ޗައިނާއިން ގަންނަ އެމެރިކާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަގު އަހަރެއްގެ މައްޗަށް 40 ބިލިއަން ޑޮލަރަށް އުފުލިގެންދާނެއެވެ. އަދި އެޢަދަދު 50 ބިލިއަނަށް އިތުރުކުރުމަށް ޗައިނާއިން މަސައްކަތްކުރާނެއެވެ. އަދި މިއެއްބަސްވުމުގެ ދަށުން ޗައިނާއިން ފިކުރީ މުދަލާ ގުޅޭ ޚާއްޞަ އިލްތިޒާމުތަކެއް އުފުލުމަށް އެއްބަސްވެފައިވާ ކަމުގައިވެސް ވައިޓުހައުސްއިން ބުނެފައިވެއެވެ.
މިއެއްބަސްވުމުގައި ޗައިނާއާއި އެމެރިކާއިން ސޮއިކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ކުރީ ކޮޅުގައެވެ. އަދި އެެއްބަސްވުމުގައި ސޮއިކުރާ 30 ދުވަސް ތެރޭގައި އެއްބަސްވުމަށް ޢަމަލުކުރަން ފަށާނެއެވެ.
މި ލިއުމާއި ގުޅޭ