ކަޝްމީރު މައްސަލާގައި ނުތަނަވަސްކަން ކުޑަކުރުމަށް ޓްރަމްޕް ގޮވާލައްވައިފި

ޝިފްޒާން އަހްމަދު 20 އޯގަސްޓު 2019 09:40
Flowers
ފޮޓޯ: ސީ.އެން.އެން

ޖަމްމާއި ކަޝްމީރުގެ އިންޑިޔާގެ ބެލެހެއްޓުމުގެ ދަށުގައިވާ ސަރަހައްދުގައި ކަންތައްތައް ވަމުންދާ ގޮތާ ގުޅިގެން، އިންޑިޔާއާއި ޕާކިސްތާނުގެ މެދުގައި އުދާސްތައް އިތުރުވިޔަ ނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް ބާރުއަޅުއްވައިފިއެވެ. އިންޑިޔާ އަދި ޕާކިސްތާނުގެ ލީޑަރުންނަށް ވަކިވަކިން ގުޅުއްވައި ފޯނުން ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕު ނަޞޭޙަތްތެރިވެވަޑައިގަތީ ދެޤައުމުގެ މެދުގައި އިތުރު ހަމަނުޖެހުންތަކަކަށް ފުރުޞަތު ނުދެއްވުމަށެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާނު ޚާނާއެކު ފޯނުން ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭ، ކަޝްމީރު މައްސަލައިގެ އުދާކަން ހިމެނޭކަމުގައެވެ. އަދި އިތުރަށް އެބޭފުޅުންނާއެކު ފޯނުން ކުރިއަށް ގެންދެވި ވާހަކަފުޅުތައް ޞިފަކުރައްވާފައިވަނީ "ރަނގަޅު" ވާހަކަތަކެއް ކަމުގައެވެ.

ޓްރަމްޕުކުރެއްވި ޓުވީޓެއްގައި ލިޔުއްވާފައިވަނީ "އަޅުގަނޑުގެ ގާތް ދެއެކުވެރިން ކަމުގައިވާ ބޮޑުވަޒީރު މޯދީއާއި ބޮޑުވަޒީރު ޚާންއާ ދެބޭފުޅުންނާ ވިޔަފާރީގެ ގުޅުންތަކާއި އިސްތިރާޖީ ގުޅުންތަކާމެދު ވާހަކަދައްކަފީމެވެ. އަދި ޚާއްޞަކޮށް ކަޝްމީރުގެ މައްސަލައާ ގުޅިގެން ދެޤައުމުގެ މެދުގައި އުފެދެމުންދާ ނުތަނަވަސްކަން ކުޑަކުރުމަށްވެސް ވާހަކަދެއްކީމެވެ.”

ކަޝްމީރުގެ ސަރަހައްދަށް އިންޑިޔާގެ ޤާނޫނު އަސާސީއިން ލިބިދީފައިވާ އިމްތިޔާޒުތައް އިންޑިޔާއިން ނިގުޅައިގަތުމާ ގުޅިގެން ޕާކިސްތާނާ އިންޑިޔާގެ މެދުގައި އުދާސްތައް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އޮގަސްޓު 5ގެ ފަހުން ކަޝްމީރުގެ އިންޑިޔާ ފަޅިވަނީ ބަންދުކުރެވިފައެވެ. އަދި ހުރިހާ މުވާސަލާތީ ޚިދުމަތްތައް އެސަރަހައްދުގައިވަނީ ހުއްޓާލާފައެވެ. އެތައް ސަތޭކަ ބައަކުވަނީ ހައްޔަރުކުރެވިފައެވެ. އޭގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި ސިޔާސީ ޙަރަކާތްތެރިން ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު