ޢިރާޤު ބޮޑުވަޒީރުގެ އިސްތިއުފާ އެޤައުމުގެ ބަރުލަމާނުން ބަލައިގެންފި

ޢިރާޤުގައި ސަރުކާރާދެކޮޅު ކުޝޫނަތްތެރި (ވައޮލެންޓް) މުޒާހަރާތައް ކުރިއަށްދާތާ އެތައް ދުވަހެއް ފަހުން، އެޤައުމުގެ ބަރުލަމާނުން ބޮޑުވަޒީރު ޢާދިލް ޢަބްދުލް މަހުދީގެ އިސްތިއުފާ ބަލައިގަތުމަށް ނިންމައިފިއެވެ. ޢިރާޤު ރައްޔިތުން މުޒާހަރާކުރަމުންދަނީ ސަރުކާރުގެ ނުކުޅެދުންތެރިކަމާއި ކޮރަޕްޝަނުގެ ސަބަބުން ސަރުކާރުން ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއްގެ ފެންވަރުދަށްވެ، ރައްޔިތުންގެ މެދުގައި ދިރިއުޅުމުގެ ފެންވަރުގެ ތަފާތު ބޮޑުވެފައިވާތީއެވެ.
ޢާދިލް އޭނާގެ މަޤާމުން އިސްތިއުފާދެއްވުމަށް ނިންމަވައި އެކަން ހުކުރުދުވަހު އިޢުލާނުކުރައްވާފައިވަނީ ޢިރާޤުގެ އެންމެ ބޮޑު ޝިޢީ ޢިލްމުވެރިޔާ އާޔަތުﷲ ޢަލީ އައްސިސްތާނީ، ބަރުލަމާނުން ބޮޑުވަޒީރަށް ދެމުންދާ ތާއީދު އަނބުރައި ނެގުމަށް ވިސްނަންޖެހޭ ކަމުގައި ވިދާޅުވުމާ ވިދިގެންނެވެ.
ބަރުލަމާނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބަރުލަމާނުން ޢިރާޤުގެ ރައީސްގެ އަރިހުން އައު ބޮޑުވަޒީރެއްގެ ނަންފުޅު ހުށަހެޅުމަށް އެދޭނެ ކަމުގައެވެ. އެޤައުމުގެ ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުން އެޤައުމުގެ ރައީސް ބަރުހާމް ޞާލިޙަށް ޖެހިވަޑައިގަންނަވާނީ ބަރުލަމާނުގެ އެންމެ ގިނަ ގޮނޑި ލިބިފައިވާ ސިޔާސީ ޕާޓީ ނުވަތަ އިއްތިޙާދުގެ ކިބައިން ބޮޑުވަޒީރެއްގެ ނަންފުޅު ހުށަހެޅުމަށް އެދިވަޑައިގަންނަވާށެވެ. މިހާލަތުގައި އެޤައުމު ގިނަ ދުވަސްތަކަކަށް ދެމިގެންދާ ސިޔާސީ ޚިޔާލުތަފާތުވުންތަކަކަށް ވެއްޓިގެންދާނެ ކަމުގައި ރޮއިޓާރސްއިން ބުނެފައިވެއެވެ.
އޮކްޓޯބަރު 1ވަނަ ދުވަހުން ފެށިގެން ޢިރާޤުގައި ކުރިއަށްދާ މުޒާހަރާތަކުގައި އެޤައުމުގެ ސަލާމަތީ ބާރުތަކުން ހަތިޔާރު ނާޅާ 400 އެތައް މީހުންނެއް ޤަތުލުކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ޒުވާނުން ކަމުގައިވެސް ރޮއިޓަރސްއިން ބުނެފައިވެއެވެ. އަދި މިކުރިމަތިލުންތަކުގައި ސަލާމަތީ ބާރުތަކުގެ މެންބަރުންގެ ތެރެއިންވެސް ދިހަ މީހުންނަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ރޮއިޓަރސްއިން ކަށަވަރުކޮށްދެއެވެ.