ފަރަންސޭސި ރައީސް މެކްރޯން ހުންނަވަނީ ސިކުނޑި މަރުވެފައިވާ ހާލަތެއްގައި: އުރުދުޣާން

ޝިފްޒާން އަހްމަދު
Flowers

ފަރަންސޭސި ރައީސް މެކްރޯނު ތުރުކީއިން ސޫރިޔާގެ އުތުރުގައި ހިންގާ ޢަސްކަރީ ޙަރަކާތަށް ފާޑުވިދާޅުވުމުން ރައްދުގައި އޭނާއަށް ފާޑުވިދާޅުވެ ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާނު ވިދާޅުވެފައިވަނީ މެކުރޯނު ހުންނަވަނީ ސިކުނޑި މަރުވެފައިވާ ޙާލަތުގައި ކަމުގައެވެ.

އުރުދުޣާނު މެކުރޯނަށް ރައްދުދެއްވާފައިވަނީ މިމަހު 7ވަނަ ދުވަހުގައި މެކުރޯނުދެއްވި ބަސްދީގަތުމެއްގައި ނޭޓޯގެ ދައުލަތްތަކުގެ މެދުގައި އެކުލެވުމެއް ނެތުމުގެ ސަބަބުން އެޖަމާޢަތުގެ ސިކުނޑިވަނީ މަރުވެފައި ކަމުގައި ވިދާޅުވުމުން ކަމުގައި ރޮއިޓަރސްއިން ބުނެފައިވެއެވެ. އުރުދުޣާނު މެކުރޯނަށް ރައްދުދެއްވާފައިވަނީ ދެބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ނޭޓޯގެ ބައްދަލުވުމަކަށް ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ.

އުރުދުޣާނު ވިދާޅުވެފައިވަނީ އެމަނިކުފާނު މިވާހަކަފުޅު ނޭޓޯ ބައްދަލުވުމުގައި ތަކުރާރުކުރައްވާނެ ކަމުގައެވެ. އަދި މެކުރޯނަކީ ދެއްކުންތެރި ބޭފުޅެއް ކަމުގައާއި ރަނގަޅަށް ނޭޓޯއަށް ދައްކަންޖެހޭ ފައިސާވެސް ފަރަންސޭސިވިލާތަށް ނުދެއްކޭ ކަމުގައިވެސް އުރުދުޣާން ވިދާޅުވިއެވެ. އަދި މެކުރޯނު ދެއްކެވި ޒާތުގެ ވާހަކަދައްކަވާނީ ސިކުނޑީގެ ސެލްތައް މަރުވެފައިވާ މެކުރޯނު ކަހަލަ ބޭފުޅެއްކަމުގައެވެ.

އުރުދުޣާނު އެންމެ ބޮޑަށް ކޯފާވެވަޑައިގަތީ ތުރުކީއިން އުތުރު ސޫރިޔާގައި ހިންގާ ޢަސްކަރީ ހަރަކާތްތަކަށް ފާޑުވިދާޅުވެ މެކުރޯން ވާހަކަދެއްކެވީމައެވެ. އެހަރަކާތަކީ އެސަރަހައްދުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިން ފަހަތަށް ޖެއްސުމެވެ.

އުރުދުޣާނު ރައީސް މެކުރޯނަށް ފާޑުވިދާޅުވުމާ ގުޅިގެން ތުރުކީއިން ފަރަންސޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިސްމާޢީލް ހައިކީ މޫސާ އެޤައުމުގެ ޚާރިޖީވުޒާރާއަށް ހާޒިރުކޮށްފައިވާނެ ކަމުގައި ފަރަންސޭސި ޚާރިޖީވުޒާރާއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު