ލަންޑަނުގައި ވަޅިން ހަމަލާދީ ދެ މީހަކު މަރާލައިފި: ކުއްވެރިޔަކީ ކުރިން ޓެރަރިޒަމްގެ ތުހުމަތު ސާބިތުވި މީހެއް

ޝިފްޒާން އަހްމަދު
Flowers

ލަންޑަން ބްރިޖު ގާތުގައި އެކަނި ހަރަކާތްތެރިވި މީހަކު ވަޅިން ހަމަލާދީ ޢާންމުންގެ ދެ މީހުން މަރާލައި އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމުގައި އިނގެރޭސި ފުލުހުން ބުނެފައިވެއެވެ.

ލަންޑަން ފުލުހުންގެ އެންމެ އިސްވެރިޔާ ކެރެސިޑާ ޑިކް ބުނެފައިވަނީ ހަމަލާދިން މީހާ ހިމަނައިގެން ތިން މީހަކު ނިޔާވެފައިވާކަން ނޫސްވެރިންނާ ހިއްސާކުރަނީ ބަރު ހިތަކައިގެން ކަމުގައެވެ. ހަމަލާދިން މީހާ މަރުވެފައިވަނީ ފުލުހުން ބަޑިން ދިން ހަމަލާތަކުގައެވެ. ބާކީ ތިބި ދެމީހުން ނިޔާވެފައިވަނީ ހަމަލާދިން މީހާ ވަޅިން ދިން ހަމަލާތަކާ ގުޅިގެން ފަރުވާދެމުން ދަނިކޮށެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި ލަންޑަން ބުރިޖު ގާތުގައި ވަޅިން ހަމަލާދީ އެތައް ބަޔަކަށް އަނިޔާދީ ދެމީހަކު މަރާލާފައިވަނީ 28 އަހަރުގެ ޢުސްމާނު ޚާން ނަމަކަށް ކިޔުނު މީހެކެވެ. މީނާއަކީ ކުރިންވެސް ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ޝަރީޢަތްކުރެވި ބަންދުކުރެވިފައިވާ މީހެކެވެ. އޭނާ ބަންދުން ވީއްލިފައިވަނީ މިދިޔަ އަހަރުގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.


ޓެރަރިޒަމާ ގުޅޭ ކުށްތަކެއްގެ ތުހުމަތު އޭނާގެ މައްޗަށް ސާބިތުވެފައިވަނީ 2012ވަނަ އަހަރުގައެވެ. އަދި އޭނާ ޖަލުން މިނިވަންވެފައިވަނީ 2018ވަނަ އަހަރުގެ ޑިސެންބަރުގައެވެ. އިނގެރޭސި ފުލުހުންގެ ކައުންޓަރ ޓެރަރިޒަމް ޔުނިޓުގެ އިސްވެރިޔާ ވިދާޅުވެފައިވަނީ މިވަގުތު ކުރިއަށްދާ އެންމެ މުހިއްމު ތަޙުޤީޤަކީ މިހަމަލާ ޢުސްމާނު ކުރިއަށް ގެންދިޔަ ގޮތް ދެނެގަތުމުގެ ތަޙުޤީޤު ކަމުގައެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ޢުސްމާނު ޖަލުން ދޫކޮށްލާފައިވަނީ "އޮން ލައިސެންސް"އެވެ. އޮން ލައިސެންސަކީ ޕްރޮބޭޝަން ފަދަ ކަމެކެވެ.

އޮން ލައިސެންސްގައި ދޫކޮށްލާ މީހާ ޖަލުން ވީއްލޭތާ ވަކި މުއްދަތެއް ފާއިތުވުމާ ހަމައަށް ވަކި ޝަރުޠުތަކެއް ފުރިހަމަކުރުން ލާޒިމުވެއެވެ. ޓައިމްސް ނިއުސްޕޭޕަރުގައި ބުނެފައިވަނީ ޢުސްމާނު އޭނާގެ ހަށިގަނޑުގައި ވަޔަރު ހަރުކޮށްގެން އުޅުމަށް އެއްބަސްވެފައިވާ ކަމުގައެވެ.

ރޭގެ ވަގުތެއްގައި ޢުސްމާނުވަނީ ލަންޑަން ބްރިޖު ސަރަހައްދުގައި ވަޅިން ވަރުގަދައަށް ހަމަލާދީފައެވެ. އެހަމަލާތަކުގައި އެންހެނަކާއި ފިރިހެނެއް ނިޔާވެފައިވެއެވެ.

މިހަމަލާތަކާ ގުޅިގެން އިނގެރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެފައިވަނީ ޓެރަރިޒަމްގެ ތުހުމަތު ސާބިތުވާ ފަރާތްތަކުން ޙުކުމް ފުރިހަމައަށް ތަންފީޒުކުރަން ޖެހޭނެ ކަމުގައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ ނުރައްކާތެރި އަދި ކުޝޫނަތްތެރި ކުއްތައް ސާބިތުވާ ފަރާތްތައް އަވަހަށް ޖަލުން ނެރުމަކީ އެއީ ކުށެއް ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު