ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން ބޮލީވިއާ ނުކުޅެދުންތެރިވެފައި

ޝިފްޒާން އަހްމަދު 18 ނޮވެމްބަރު 2019 19:01
Flowers

ބޮލީވިއާ ރައްޔިތުންވަނީ އެޤައުމުގެ ޝަހަރުތަކުގައި ފިހާރަތަކުގައި ސަފުތައް ހަދައި، އެސަފުތަކުގައި ކުކުޅާއި ބިހާއި އެނޫންވެސް އަސާސީ ކާބޯތަކެތީގެ އިންތިޒާރުގައި މަޑުކުރަން މަޖުބޫރުވެފައެވެ. މިޙާލަތު މެދުވެރިވެފައިވަނީ ނިމިދިޔަ ހަފުތާގައި އެޤައުމުގެ ރައީސްކަމުން ވަކިކުރެވުނު މޯރާލޭސްއަށް ތާއީދުކުރާ ފަރާތްތަކުން ނުކުމެ، ބޮޑެތި ޝަހަރުތަކާއި ދަނޑުވެރި ސަރަހައްދުތަކާ އޮތް ގުޅުން ކަނޑުވައި، ދަނޑުތަކުން ކާބޯތަކެތި ޝަހަރުތަކަށް ގެނައުމަށް ދަތިކޮށްފައިވާތީއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެމުން ބޮލީވިޔާގެ ރިޔާސީ ވަޒީރު، ޖާރޖެސް ޖަސްޓިނިއާނޯ ވިދާޅުވެފައިވަނީ އެޤައުމުގެ ވެރިރަށް ކަމުގައިވާ ލަ ޕާޒަށް ކާބޯތަކެތި އުފުލުމަށްޓަކައި ވައިގެ މަގެއް، އިންތިޤާލީ ރައީސާ ޖީނައިން އާނޭޒް ޤާއިމުކުރައްވާފައިވާ ކަމުގައެވެ. އަދި ކާބޯތަކެތި އެއްގަމު މަގުން ފޯރުކޮށްދިނުމުގައި ދަތިކަން މެދުވެރިވެފައިވާ ހުރިހާ ޝަހަރުތަކަށްވެސް ކުރިއަށް އޮތްތަނުގައި މިފަދައިން ވައިގެ މަގުން ކާބޯތަކެތި އުފުލޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އިންތިޚާބާ ކުޅެ، ވޯޓު އޮޅުވައިލުމުގެ ތުހުމަތުތަކާ ގުޅިގެން ބޮލީވިއާގެ ރައީސްކަމުން އެޤައުމުގެ ކުރީގެ ރައީސް މޮރާލޭސް އިސްތިއުފާދެއްވުމާ ގުޅިގެން، އެޤައުމުގެ ހަފުތާއެއްގެ ހުސްކަމެއް އުފެދުނެވެ. އަދިވެސް އައު އިންތިޚާބެއް ބާއްވާނެ ދުވަހަކާމެދު އެޤައުމުގެ ބަރުލަމާނުގެ މެންބަރުންނަށް އެއްބަސްވެވިފައިނުވެއެވެ. މޮރާލޭސްއަކީ ލެޓިން އެމެރިކާގެ ޤައުމުތަކުގެ ވެރިކަމަށް ގާތްގަނޑަކަށް އެކުއެކީ ކަހަލަ ގޮތަކަށް ވަޑައިގެންނެވި ވާތު ފިޔައިގެ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ލީޑަރެކެވެ. އޭނާއަކީ ރައީސްކަމަށް ވަޑައިގެންނެވުމުގެ ކުރިން ކޮކޯ ދަނޑުވެރިއެކެވެ. 
މޮރާލޭސް މަޤާމުން އިސްތިއުފާދެއްވުމަށްފަހު ވަޑައިގެންނެވީ މެކްސިކޯއަށެވެ. ނަމަވެސް އޭނާއަށް ތާއީދުކުރާ ފަރާތްތަކުން މަގުތަކަށްނުކުމެ، ބޮޑެތި ހައިވޭތައް ބަންދުކޮށް ކާބޯތަކެތި ޝަހަރުތަކަށް އުފުލުމަށް ދަތިކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު