ޗައިނާގެ އިޤުތިޞާދު މަޑުޖެހުމުގެ ސަބަބުން ޓައިވާނަށް ޢަސްކަރީ ހަމަލާއެއް ދިނުމުގެ ނުރައްކާ އެބައޮތް: ޓައިވާން

ޝިފްޒާން އަހްމަދު 7 ނޮވެމްބަރު 2019 13:48
Flowers

އެމެރިކާއާއި ޗައިނާގެ ދެމެދުގައި ކުރެވެމުންދާ ވިޔަފާރި ހަނގުރާމައިގެ ސަބަބުން، ޗައިނާގެ އިޤުތިޞާދު ހީނަރުވުން ހުއްޓުމަކަށް ނައިސް، ޗައިނާގެ އެތެރޭގައި ފިއްތުން ބޮޑުވެއްޖެނަމަ، ޗައިނާއިން ޓައިވާނަށް ޢަސްކަރީ ހަމަލާއެއް ދިނުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ޓައިވާނުގެ ޚާރިޖީވަޒީރު ވިދާޅުވެއްޖެއެވެ. އެއީ އިޤުތިޞާދީ ހީނަރުކަމުގެ ސަބަބުން ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓު ޕާޓީގެ ޝަރުޢިއްޔަތަށް ނުރައްކާވެދާނެތީ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ޓައިވާނުގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، ޗައިނާއިންދަނީ ޓައިވާނަކީ ޗައިނާގެ ބައެއް ކަމުގައި ދަޢުވާކޮށް، މުޅި ޗައިނާ އެއްކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ޓައިވާނުގެ ބައިނަލްއަޤުވާމީ އެކުވެރިންނާ ޓައިވާނާ ދެމެދަށް ޗައިނާއިން ހުރަސްތަކެއް ކުރިމަތިކުރަމުންދެއެވެ. އަދި ޓައިވާނު މަތިން ޢަސްކަރީ އުޅަނދުފަހަރު އުދުއްސާފައިވެއެވެ.

ރޮއިޓަރސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓައިވާނުގެ ޚާރިޖީވަޒީރު ޖޯސެފް ވޫ ވިދާޅުވެފައިވަނީ ޗައިނާގެ އިޤުތިޞާދު މަޑުޖެހެމުންދިއުމާއި ޗައިނާއާއި އެމެރިކާގެ މެދުގައި ހިނގަމުން އަންނަ އިޤުތިޞާދީ ހަނގުރާމައިގެ ސަބަބުން ޓައިވާނުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމުގައެވެ. އަދި ޗައިނާގެ މަތީ ފަންތީގެ ލީޑަރުންނަށް އިޤުތިޞާދީ މަޑުޖެހުމާއި ދާޚިލީ ފިއްތުންތަކަކީ ބޮޑުކަމަކަށްވެއްޖެނަމަ، އެދަނޑިވަޅަކީ ވަރަށް ވިސްނުންތެރިކަން އިސްކުރަން ޖެހޭ ޙާލަތަކަށްވާނެ ކަމުގައިވެސް ޓައިވާނުގެ ޚާރިޖީވަޒީރު ވިދާޅުވިއެވެ.

ޗައިނާގެ އިޤުތިޞާދު ބޮޑުވަމުން ދިޔަ ނަމަވެސް ޗައިނާގެ އިޤުތިޞާދީ ކުރިއެރުން ފާއިތުވި 30 އަހަރުތެރޭ މަޑުޖެހިފައި ނެތް މިންވަރަށް މަޑު ޖެހޭނެ ކަމުގައި އިޤުތިޞާދީ މާހިރުން އަންދާޒާކުރައްވައެވެ. އިޤުތިޞާދީ ކުރިއެރުން ހިފަހެއްޓުމަކީ ޗައިނާގައި ވެރިކަންކުރަމުން އަންނަ ކޮމިއުނިސްޓު ޕާޓީގެ ޝަރުޢިއްޔަތު (ލެޖިޓިމިސީ) ދެމެހެއްޓުމަށް މުހިއްމު ކަމެއްގެ ގޮތުގައި މުހައްލިލުން ޞިފަކުރައްވައެވެ.

އަދި ޗައިނާއިން އެސަރަހައްދުގައި ހިންގާ ޢަސްކަރީ ހަރަކާތްތަކަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަމުގައިވެސް ޓައިވާނުގެ ޚާރިޖީވަޒީރު ފާހަގަކުރެއްވިއެވެ. ޓައިވާނުގެ އިތުރަށް ސަރަހައްދުގެ އެހެން ޤައުމުތަކުންވެސް އެކަންބޮޑުވުން ހިއްސާކުރާ ކަމުގައިވެސް ވޫ ވިދާޅުވިއެވެ. ނަމަވެސް ސަރަހައްދީ ޞުލްޙައަށްޓަކައި ޓައިވާނުން ކެނޑިނޭޅި މަސައްކަތްކުރާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު