އުރުދުޣާނު އަންނަ ހަފުތާގައި ޓުރަމްޕާ ބައްދަލުކުރައްވަނީ

ޝިފްޒާން އަހްމަދު 7 ނޮވެމްބަރު 2019 10:37
Flowers

ނޮވެންބަރު 13ވަނަ ދުވަހު އެމެރިކާގެ ރައީސް ޓްރަމްޕުގެ ދަޢުވަތަކަށް އެމެރިކާއަށް ވަޑައިގެން ތުރުކީ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ޓްރަމްޕާ ބައްދަލުކުރައްވާނެ ކަމުގައި ތުރުކީގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. ބުދަދުވަހު ފޯނުން ދެލީޑަރުން ވާހަކަދައްކަވައި އެއްބަސްވެވިފައިވާ ދުވަހު ބައްދަލުކުރެއްވުން ބޭއްވުމަށް ނިންމަވާފައިވާ ކަމުގައިވެސް ތުރުކީ އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަޤުވާމީ ޚަބަރުފަތުރާ ވަސީލަތްތަކުގައި ބުނެފައިވެއެވެ.

ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށާއި މީގެ ޤަރުނެއް ކުރިން ތުރުކީގެ ސިފައިން އަރުމޭނިޔާގައި ހިންގި ޢަމަލަކީ ޤަތުލު ޢާންމެއްގެ ގޮތުގައި ކަނޑައެޅުމަށް އެމެރިކާގެ ބަރުލަމާނުގެ ތިރިގޭގައި ނެގުނު ވޯޓާ ގުޅިގެން އުރުދުޣާނުގެ ދަތުރުފުޅު ފަސްކުރެއްވުން އެކަށީގެންވާ ކަމުގައި ތުރުކީގެ އޮފިޝަލުންތަކެއް ކުރިން ބުނެފައިވެއެވެ.

ނަމަވެސް ބުދަ ދުވަހު އޮފިޝަލުން ވިދާޅުވެފައިވަނީ އުރުދުޣާނުގެ ދަތުރުފުޅު ކުރިއަށްދާނެ ކަމުގައެވެ. އަދި ދެލީޑަރުން ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ދޭދޭގުޅުމާއި ސަރަހައްދީ ކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމުގައިވެސް އޮފިޝަލުން މަޢުލޫމާތުދެއެވެ.

އަދި ތުރުކީގެ އޮފިޝަލުން ވިދާޅުވެފައިވާކަމަށް އަލްޖަޒީރާއިން ބުނެފައިވަނީ އުރުދުޣާނާއި ޓުރަމްޕުގެ މެދުގައިވާ ގުޅުން ވަރަށް ރަނގަޅު ކަމުގައެވެ. އެއީ ރަޝިޔާގެ ދިފާޢީ ހަތިޔާރު ގަތުމާއި، ސޫރިޔާގައި ތުރުކީއިން ހިންގާ ޢަސްކަރީ ހަރަކާތްތަކާއި، ތުރުކީއާމެދު ބައެއް ފަހަރު އެމެރިކާގެ ރައީސް ދައްކަވާ ވާހަކަފުޅުތަކާ ގުޅިގެން ދެޤައުމުގެ ގުޅުން ނުތަނަސްވެފައިވީނަމަވެސް، ދެލީޑަރުންގެ ގުޅުން ބަދަހި ކަމުގައި ތުރުކީގެ އޮފިޝަލުން އަލްޖަޒީރާއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވެފައިވެއެވެ.

ތުރުކީ ނޭޓޯގެ މެންބަރު ޤައުމެއްގެ ގޮތުގައި އޮވެ، ރަޝިޔާގެ މިސައިލުތަކުން ދިފާޢުކޮށްދޭ ނިޒާމު އެސް-400 ގަތުމަކީ އެކަމުގެ ސަބަބުން އެމެރިކާގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދަތިކުރުމުގެ ފިޔަވަޅު އެޅޭނެ ސަބަބެކެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި ދެލީޑަރުންގެ މެދުގައި އޮންނަ ގާތްކަމަކީވެސް މުހިއްމު ކަމެކެވެ. އަދި 6 އޮކްޓޯބަރުގައި އުތުރު ސީރިޔާގައި ތުރުކީއިން ފަށާފައިވާ ޢަސްކަރީ ހަރަކާތްތަކަކީ އެމެރިކާއާއި އެޤައުމުގެ ގުޅުން އިތުރަށް ހީނަރުވާނެ ސަބަބެކެވެ. 

ކިޔުންތެރިންގެ ހިޔާލު