އީރާނުން ފޯރޑައުވް ޔޫރޭނިއަމް މުއްސަނދިކުރަން ފަށައިފި

ޝިފްޒާން އަހްމަދު
Flowers

2015ވަނަ އަހަރު އީރާނުގެ ނިއުކުލިއަރ ޕްރޮގުރާމާ ގުޅޭ ގޮތުން އެކުލަވައިލެވުނު އެއްބަސްވުމުން އެމެރިކާ ނުކުތުމާއެކު، އެއެއްބަސްވުން ބަލިކަށިވެފައިވަނިކޮށް، އެއެއްބަސްވުމާ އިތުރަށް ދުރަށް ގޮސް، އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ ޕްރޮގުރާމެއް ފަށައިފިއެވެ. ބިމުގެ އަޑީގައި ހުންނަ ފޯރޑޯވް ނަމަކަށް ކިޔުނު ނިއުކްލިއަރ މަރުކަޒުގައި ޔުރޭނިއަމް މުއްސަނދިކުރަން ފަށާފައިވާކަން އީރާނުގެ ނިއުކުލިއަރ ހަކަތައާ ގުޅޭ އިދާރާއިން ކަށަވަރުކޮށްދީފައިވެއެވެ.

2015ވަނަ އަހަރުގައި އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތައް ބައިވެރިވާ ގޮތަށް އެކުލަވައިލެވުނު އެއްބަސްވުމުގެ ދަށުން ފޯރޑޯވް މަރުކަޒުގައި ނިއުކުލިއަރ މާއްދާތައް މުއަސަނދިކުރުން މަނާކޮށްފައިވެއެވެ. ނަމަވެސް އެމަރުކަޒުގެ ސެންޓްރިފިއުޖު ހަރަކާތްކުރަން ފެށުމާއެކު، އެއްބަސްވުމުން ހުއްދަދީފައިވާ ދިރާސީ މަރުކަޒެއްގެ ހައިސިއްޔަތުން ޢަމަލީ ނިއުކުލިއަރ މަރުކަޒަކަށް ފޯރޑޯވް ބަދަލުވާނެއެވެ. މިމަޒުކަޒު ބިނާކޮށްފައިވަނީ ފަރުބަދައެއްގެ އެތެރޭގައެވެ.

އީރާނުގެ މީޑިޔާތަކުން ޢާންމުކޮށްފައިވާ ބަޔާނެއްގައި އެޤައުމުގެ ނިއުކުލިއަރ ހަކަތައާ ގުޅޭ އިދާރާއިން ބުނެފައިވަނީ، ކާމިޔާބު ތައްޔާރީތަކަށް ފަހު، ފޯރޑޯވްގެ ސެންޓަރފިއުޖުތަކަށް ޔުރޭނިއަމް ގޭސް ފޯރުކޮށްދެވިފައިވާ ކަމުގައެވެ. އަދި އެކަމުގައި ހިންގި ހުރިހާ އިޖުރާއާތުތަކެއް އދގެ ނިއުކިލިއަރ ކަންކަމާ ގުޅޭ އިދާރާގެ އިންސްޕެކްޓަރުން ބެއްލެވި ކަމުގައިވެސް މިބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާއިން އެއްބަސްވުން ދޫކޮށް ނުކުތުމާއެކު، މަޑުމަޑުން އީރާނުން އެއެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރުން ހުއްޓައިލާން ފަށާފައިވެއެވެ. އީރާނުންވަނީ އެޤައުމުގެ ނިއުކުލިއަރ ޕްރޮގުރާމު ބޮޑުތަނުން މަޑުޖައްސައި ކުޑަކުރުމަށް އެއްބަސްވެފައެވެ. ނަމަވެސް އެއީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމުގެ ބަދަލުގައެވެ. އެމެރިކާގެ އެއްބަސްވުމުން ނުކުތުމާއެކު، އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އީރާނާ ދެކޮޅަށް އަޅާފައިވެއެވެ.

އީރާނުގެ ރަސްމީ ޓީވީގައި ވާހަކަދައްކަވަމުން އެޤައުމުގެ ނިއުކުލިއަރ އިދާރާގެ ތަރުޖަމާނު ބެހެރޫޒު ކަމާލްވަންދީ ވިދާޅުވެފައިވަނީ 4.5%ގެ ޔުރޭނިއަމް މުއްސަނދިކުރުމެއް ޙާޞިލުކުރެއްވޭނެ ކަމުގައެވެ. އަދި އެއިޖުރާއާތު ނިމުމާއެކު، އެތަނަށް ބައިނަލްއަޤުވާމީ ނިއުކުލިއަރ ހަކަތައާ ބެހޭ އިދާރާގެ އޮބްޒަރވަރުން ވަޑައިގެން އެތަން ބައްލަވާނެ ކަމުގައެވެ.

އީރާނުގެ މިފިޔަވަޅަކީ ނުރަނގަޅު މިސްރާބުގައި އެޅި ބޮޑު ފިޔަވަޅެއްގެ ގޮތުގައި އެމެރިކާއިން ޞިފަކޮށްފައިވެއެވެ. އަދި އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ ޕްރޮގުރާމު އިތުރަށް ފުޅާކުރަންވީ ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ނެތް ކަމުގައިވެސް އެމެރިކާގެ ޚާރިޖީވުޒާރާއިން ބުނެފައިވެއެވެ. އަދި އީރާނުން އެޤައުމުގެ ސުލޫކު ބަދަލުކުރަންދެން އެޤައުމާމެދު އިޤުތިޞާދީ ފިޔަވަޅު އެޅުމުގެ ސިޔާސަތު ކުރިއަށް ގެންދަވާނެ ކަމުގައިވެސް ޚާރިޖީވުޒާރާއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު