ދޮންނަ މެޝިނެއްގެ ހިއްކާ ބައަށް ބުޅަލެއް ލައި މެރިމީހަކު މެލޭޝިޔާގައި ޖަލަށް

ޙުސައިން އަފްޝަން
Flowers

ދޮންނަ މެޝިނެއްގެ ހިއްކާ ބައަށް ބުޅަލެއް ލައި އެބުޅާ މެރި މީހާ މެލޭޝިޔާގެ ކޯޓަކުން 34 މަހަށް ޖަލަށް ލުމަށާއި، ޖޫރިމައިނާ ކުރުމަށް ހުކުމްކޮށްފިއެވެ. މިހުކުމަކީ މިބާވަތުގެ ފުރަތަމަ ހުކުމްކަމުގައާއި އަދި މިހުކުމަކީ މެލޭޝިޔާގައި އަލަށް ތަޞްދީޤުކުރެވި ތަންފީޒުކުރާން ފެށި ޖަނަވާރުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ޤާނޫނުގެ ދަށުން ކުރެވުނު ފުރަތަމަ ހުކުމް ކަމުގައި މެލޭޝިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބަޔާންކޮށްފައިވެއެވެ.

އިއްޔެ ކޯޓުން ކޮށްފައިވާ ހުކުމުގައި، މިކުށް ކުރި މީހާ ކޭ. ގަނޭޝްގެ މައްޗަށް ހުކުމްކޮށްފައިވަނީ 40،000 ރިންގިޓުން ޖޫރިމައިނާ ކުރުމަށެވެ. އެއީ ގާތްގަނޑަކަށް 9700 އެމެރިކާ ޑޮލަރެވެ. ގަނޭޝް ބުޅާ މަރައިލާ މަންޒަރު މަގުމަތީގައި ހުރި ކެމެރާއަކުން ރެކޯޑު ކުރެވިފައިވެއެވެ. އަދި އެވީޑިޔޯ އިޖުތިމާޢީ ވިއުގަތަކުގައި ޢާންމުވެ ފެތުރިފައިވެއެވެ.

އެވީޑިއޯގައި ފެންނަނީ އެކަކު ހިއްކާ މެޝިނުގެ މަތި ހުޅުވާ ހިފަހައްޓާ ތަނެވެ. ދެން ފެންނަނީ އެހެންމީހަކު ބުޅާ އެމެޝިނުގެ ތެރެއަށް ލާ މަންޒަރެވެ. އެއާއެކު، އެދެމީހުންވެސް އެތަނުން ދެއެވެ. މިމައްސަލަ ބެއްލެވި ފަނޑިޔާރު ރަޒިއްޔާ ޣަޒާލީ ވިދާޅުވިކަމަށް ނޫސްތަކުގައިވަނީ މިހުކުމަކީ ކުށްކުރި މީހާގެ އިތުރުން މުޖުތަމަޢުވެސް ޖަނަވާރަށް އަނިޔާވެރިވުމާމެދު ބިރުގަންނަވަނިވި ހުކުމެއް ކަމުގައިވުމަށް އުންމީދުކުރައްވާ ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު