ޗިލީގެ މުޒާހަރާތައް: ޗިލީ ރައްޔިތުން ބޭނުންވަނީ އައު ޤާނޫނު އަސާސީއެއް

ޝިފްޒާން އަހްމަދު 5 ނޮވެމްބަރު 2019 12:47
Flowers

ޗިލީގެ ޤާނޫނު އަސާސީއަށ ފާއިތުވި ދިހަސް އަހަރު ތެރޭގައި އެކިހަލަ އިޞްލާޙީ ބަދަލުތައް އައިސްފައިވީ ނަމަވެސް، އެޤާނޫނު އަސާސީއަކީ ޗިލީގެ އަނިޔާވެރި ޚުދުމުޚުތާރު ވެރިޔާ ޕިނޯޗޭގެ ވެރިކަމުގައި ފަރުމާކުރެވި ލިޔެވިފައިވާ ޤާނޫނު އަސާސީއެކެވެ. ޕިނޯޗޭ ޗިލީގެ ވެރިކަމަށް އައީ ޢަސްކަރީ ބަޣާވަތަކުން އެޤައުމުގެ ވެރިކަން އިންޤިލާބުކުރުމަށް ފަހު 1973ވަނަ އަހަރުއެވެ. މިބަޣާވަތުގައި ޕިނޯޗޭއަށް މަދަދުވެރިވީ އެމެރިކާއިންނެވެ. 1990ގައި ނިމުމަކަށް އައި ޕިނޯޗޭގެ ވެރިކަމުގައި އެތައް ހާސް ބައަކު ޤަތުލުކޮށް، ވީނުވީއެއް ނޭނގެ ގެއްލުވައިލާފައިވެއެވެ.

މިހާރު މިވަގުތު ޗިލީގައި ކުރިއަށްދާ މުޒާހަރާތަކަކީ ޗިލީގައި އިޤުތިޞާދީ ތަފާތުތައް އިތުރުވެ، ފަޤީރުންނާއި މުއްސަނދިންގެ ފަރަޤު ބޮޑުވަމުންދާތީ ކުރާ މުޒާހަރާއެކެވެ. މިމުޒާހަރާގައި އެތައް ހާސް ބައަކު މަގުމައްޗަށް ނުކުމެ ގޮވައިލަމުންދަނީ އައު ޤާނޫނު އަސާސީއެއް ލިއްބައިދިނުމަށެވެ. ޗިލީ ރައްޔިތުން ބޭނުންވަނީ ނިޔާބީ މުއައްސަސާއަކުން (ރިޕްރެޒެންޓޭޓިވް ބޮޑީ) އައު ޤާނޫނު އަސާސީ ފަރުމާކޮށް ރައްޔިތުންގެ ބައިވެރިވުން އޮންނަ ޤާނޫނީ ނިޒާމެއް އެކުލަވައިލުމެވެ. އެޤާނޫނު އަސާސީއިން ބިންގާ އެޅޭ ދައުލަތް ވާންވާނީ ޗިލީގެ ހުރިހާ ރައްޔިތުންނާއި އެރައްޔިތުންގެ އުންމީދުތައް ތަމްސީލުކުރާ ދައުލަތެއް ކަމުގައިވެސް ޗިލީ ރައްޔިތުން ދެކެއެވެ.

ޗިލީގައި ފަހުގެ ތާރީޚެއްގައި ކުރިއަށް ގެންދެވުނު ޚިޔާލު ހޯދުމުގެ ވޯޓުން ފެންނަ ގޮތުގައި ޗިލީގެ 80% ރައްޔިތުން އައު ޤާނޫނު އަސާސީއެއް އެކުލަވައިލުމަށް ތާއީދުކުރެއެވެ. ކާޑެމް ނަމަކަށް ކިޔުނު ޚިޔާލު ހޯދުމާއި ސަރވޭ ހިންގާ މަޝްހޫރު ކުންފުންޏަކުން ހާމަކޮށްފައިވާ ގޮތުގައި ޗިލީގެ ރައީސް ސަބެޝިއަން ޕިނޭރާގެ މަޤުބޫލުކަން 15% އަށްވުރެ ދަށަށް ގޮސްފައިވެއެވެ. ގިނަ ޢަދަދެއްގެ ރައްޔިތުން ރައީސް ޕިނޭރާގެ އިސްތިއުފާއަށް ގޮވައިލަމުންދެއެވެ. 

ކިޔުންތެރިންގެ ހިޔާލު