ޗައިނާއާއި އެމެރިކާގެ ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކުރުން އައޮވާގައި؟

ޝިފްޒާން އަހްމަދު 2 ނޮވެމްބަރު 2019 09:58
Flowers
ފޮޓޯ: ރޮއިޓާރސް

އެމެރިކާގެ ރައީސް ޑޮނާލްޑު ޓްރަމްޕު ހުކުރުދުވަހު ވިދާޅުވެފައިވަނީ ޗައިނާއާއި އެމެރިކާގެ މެދުގައި ވިޔަފާރީގެ އެއްބަސްވުމެއްގައި އައޮވާ ނަމަކަށް ކިޔުނު އެމެރިކާގެ ދަނޑުވެރި ސްޓޭޓުގައި ސޮއިކުރެއްވުން އެކަށީގެންވާ ކަމުގައެވެ. އެމެރިކާއާއި ޗައިނާގެ މެދުގައި ކުރިއަށްދާ ވިޔަފާރި ހަނގުރާމައިގައި އެންމެ ބޮޑެތި ގެއްލުންކުރިމަތިވި ސްޓޭޓުތަކުގެ ތެރޭގައި އައޮވާ ހިމެނެއެވެ. މިހަނގުރާމަ 16 މަހަށް ދެމިގެން ގޮސްފައިވާއިރު، ދުނިޔޭގެ އެންމެ ބޮޑު ދެއިޤުތިޞާދުގެ މެދުގައި ހިނގާ މިހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދުނިޔޭގެ އިޤުތިޞާދަށް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އިޤުތިޞާދީ މާހިރުން ރިޕޯޓުކުރެއެވެ.

ހުކުރުދުވަހު އެމެރިކާގެ ރައީސް ޓްރަމްޕު ވިދާޅުވެފައިވަނީ ވިޔަފާރި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ވާހަކަތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމުގައެވެ. އަދި އެވާހަކަތައް ނިމުނުހާ އަވަހަކަށް އެމެރިކާގެ ކޮންމެވެސް ސަރަހައްދެއްގައި އެއެއްބަސްވުމުގައި ސޮއިކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައިވެސް ޓްރަމްޕު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމަށް ތަފާތު ތަންތަން ބައްލަވަމުން ރިޢާޔަތްކުރައްވަމުން ގެންދަވާ ކަމުގައެވެ. އަދި ސޮއިކުރާ ތަނަކީ އައޮވާ ކަމުގައިވުންވެސް އެކަށީގެންވާ ކަމުގައި ވިދާޅުވިއެވެ. އަދި ސޮއިކުރާނެ ތަނަކާ ގުޅޭ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައާއި އޭނާ ބޮޑަށް އެދިވަޑައިގަންނަވަނީ ވީހާވެސް އަވަހަކަށް އެއްބަސްވުން ނިންމަވައިލެއްވުން ކަމުގައިވެސް ޓްރަމްޕު ވިދާޅުވިއެވެ.

ޗިލީގެ ސަންޓިއާގޯގައި ނޮވެންބަރު 16 އަދި 17ގައި ކުރިއަށް ގެންދިއުމަށް ރޭވިފައި އޮތް އޭޝިޔާ ޕެސިފިކް އެކޮނޮމިކް ކޯރޕަރޭޝަންގެ ބައްދަލުވުމުގައި ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން އެއްބަސްވުން ދެލިކުރައްވަން ތާވަލުކުރެވިފައި އޮތެވެ. ނަމަވެސް ޗިލީއިން އެޤައުމުގައި އެބައްދަލުވުން ބޭއްވުމަށް ޢުޒުރުވެރިވާކަން ހާމަކުރުމާއެކު، އެރޭވުންތައް މިހާރުވަނީ މަޑުޖެހިފައެވެ.

ޓްރަމްޕު ވިދާޅުވެފައިވަނީ އޭނާ އެއްބަސްވުމުގައި ސޮއިކުރައްވަން ބޮޑަށް އެދިވަޑައިގަންނަވަނީ އެމެރިކާގައި ކަމުގައެވެ. އަދި ނޫސްވެރިން ޝީވެސް އެގޮތަށް އެދިވަޑައިގަންނަވާތޯ ސުވާލު ދެންނެވުމުން ޖަވާބުގައި ޓްރަމްޕު ވިދާޅުވެފައިވަނީ އޭނާވެސް އެދިވަޑައިގަންނަވަނީ އެގޮތް ކަމުގައެވެ. އަދި އައޮވާއަކީ 2020ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މުހިއްމު ސްޓޭޓަކަށްވުމާއެކު މިއެއްބަސްވުމުގައި ސޮއިކުރުމަށް އެއީ ރަނގަޅު ތަނެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިންއަށް ބަލާއިރު އައޮވާއަކީ އޭނާވެސް ދެނެވަޑައިގަންނަވާނެ ސްޓޭޓެކެވެ. އެންމެ ފުރަތަމަ އެސްޓޭޓަށް ޝީ ދަތުރުކުރެއްވީ 1985ވަނަ އަހަރުގައެވެ. އަދި 2012ވަނަ އަހަރުގައިވެސް އެސްޓޭޓަށް އޭނާ ޒިޔާރަތްކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު