ޖަޕާނުގެ އައު އެމްޕަރަރ ތަޚުތާ ހަވާލުވެވަޑައިގަތުން އަންނަ ހަފުތާގައި

ޝިފްޒާން އަހްމަދު 16 އޮކްޓޯބަރު 2019 11:37
Flowers
ފޮޓޯ: ރޮއިޓަރސް

ޖަޕާނުގެ އައު އެމްޕަރަރ ނަރުހީޓޯ ރަސްމީ ޞިފައެއްގައި ތަޚުތާ ހަވާލުވެވަޑައިގަތުމުގެ ގޮތުން ބާއްވާ އެތައް ޤަރުނުވީ ތާރީޚީ ހަފުލާ އަންނަ ހަފުތާގައި އޮންނާނެއެވެ. މިހަފުލާގައި 200 ޤައުމަކުން މަންދޫބުން ވަޑައިގަންނަވާއިރު އޭގެ ތެރޭގައި ދައުލަތްތަކުގެ އެންމެ އިސްވެރިންވެސް ހިމެނިވަޑައިގަންނަވާނެއެވެ. އަދި ޖުމްލަ 2500 މީހުން މިހަފުލާގައި ބައިވެރިވާނެ ކަމުގައި ރޮއިޓަރސްއިން ބުނެފައިވެއެވެ.

ޢުމުރުން 59 އަހަރުގެ ނަރުހީޓޯ ތަޚުތަށް އިސްވެވަޑައިގެންނެވީ އޭނާގެ ބައްޕާފުޅު އަކިހިޓޯ އެމަޤާމު ދޫކުރެއްވުމުން މޭ މަހުގައެވެ. އެމްޕަރަރގެ މަޤާމު ފާއިތުވި 200 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ދޫކުރެއްވި ބޭފުޅަކީ އަކިހީޓޯއެވެ. ނަރުހީޓޯ ތަޚުތަށް އިސްވެވަޑައިގަތުމުގެ ރަސްމީ ހަފުލާތައް އޮންނަ ދުވަސް ކަމުގައިވާ 22 އޮކްޓޯބަރަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވެއެވެ.

ޖަޕާނުގެ އިމްޕީރިއަލް ގަނޑުވަރުގެ އެންމެ ޤަދަރުވެރި މަޤާމު ކަމުގައި ބެލެވޭ މަސޫ ނޯ މާގައި ނަރުހީޓޯ ތަޚުތައް އިސްވެވަޑައިގެންނެވުމުގެ ހަފުލާ ފެށޭނީ 22 އޮކްޓޯބަރުވާ ދުވަހުގެ 1 ޖަހާއިރުއެވެ. އޭނާ ތަޚުތަށް އިސްވެވަޑައިގެންނެވުން އިޢުލާނު ކުރައްވާނީ ޓަކަމިކުރާ ނަމަކަށް ކިޔުނު މަންސައިންނެވެ. އެމަންސައިގެ ބަރުދަނުގައި 8 ޓަނު ހުންނަ ކަމުގައި ރޮއިޓަރސްގެ ރިޕޯޓުގައިވެއެވެ.

ނަރުހީޓޯ ތަޚުތަށް އިސްވެވަޑައިގެންނެވުމުގެ ހަފުލާ ނިމުމަކަށް އަންނާނީ އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ދެއްވާ މަރުހަބާގެ ތަޤުރީރަކަށްފަހު، މަރުހަބާގެ ތިން ބުރު ޝިންޒޯ އަބޭ އިސްކޮށް ހުންނަވައި ކުރިއަށް ގެންދެވުމުންނެވެ. މުޅި ހަފުލާ ދެމިގެންދާނީ 30 މިނުޓަށެވެ.

ނަރުހީޓޯ ތަޚުތަށް އަރާވަޑައިގެންނެވުމާ ގުޅޭ ގޮތުން އަހަރުތެރޭގައި ކުރިއަށް ގެންދާ އެކި ކަންކަމަށް 16.1 ބިލިއަން ޔެންގެ ބަޖެޓެއް ހަމަޖައްސާފައިވެއެވެ. އެއީ 148 މިލިއަން ޑޮލަރުގެ ބަޖެޓެކެވެ. ރަސްމީކޮށް ތަޚުތާ ހަވާލުވެވަޑައިގަތުމުގެ ހަފުލާގެ ޚަރަދުތައްވެސް މިބަޖެޓުގެ ތެރޭގައި ހިމެނޭނެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވެފައިވަނީ މިހަފުލާގައި 190 ޤައުމުގެ މަންދޫބުންނާއި، ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމުގައެވެ. މިބޭފުޅުންގެ ތެރޭގައި އިނގެރޭސި ވަލީ ޢަހުދު ޕްރިންސް ޗާލްސާއި އެމެރިކާގެ ދަތުރުފަތުރާ ބެހޭ ވަޒީރު އެލައިން ޗާއޯއާއި ޗައިނާގެ ނައިބު ރައީސް ވާން ގިޝާންގެ އިތުރުން ދެކުނު ކޮރެއާގެ ބޮޑުވަޒީރު ލީ-ނަކް ޔޮން ހިމެނިވަޑައިގަންނަވައެވެ.

އަދި އޭގެ އިތުރުން ސަޢޫދީގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާނާއި ތުރުކީގެ ރައީސް ޠައްޔިބު ރަޖަބު އުރުދުޣާންވެސް ބައިވެރިވެވަޑައިގަތުން އެކަށީގެންވާ ކަމުގައި ރޮއިޓަރސްއިން ބުނެފައިވެއެވެ. އަދި މިހަފުލާގެ ހަވާސާގައި ބޮޑުވަޒީރު އަބޭ 50 ޤައުމެއްގެ ލީޑަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުތައް ކުރިއަށް ގެންދަވާނެ ކަމުގައިވެސް ބައިނަލްއަޤުވާމީ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު