Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޕެންސިލްވޭނިއާގެ ވޯޓާ ގުޅޭ ގޮތުން ޓުރަމްޕު ހުށަހެޅުއްވި މައްސަލަ ކޯޓުން ބޭރުކޮށްފި

ޕެންސިލްވޭނިއާގެ ވޯޓާ ގުޅޭ ގޮތުން ރައީސް ޑޮނާލްޑް ޓުރަމްޕުގެ ކެމްޕޭނު ޓީމުން ހުށަހަޅާފައިވާ މައްސަލައެއް އެމެރިކާގެ ފެޑެރަލް ކޯޓުން ބޭރުކޮށްލައިފިއެވެ. މި މައްސަލަ ބޭރުކޮށްލާފައިވަނީ އެ މައްސަލާގައި އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށާއި އެ މައްސަލައަކީ އެމެރިކާގެ ޤާނޫނު އަސާސީއާ ފުށުއަރާ މައްސަލައެއް ކަމުގައި ކަނޑައަޅައެވެ.
އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތުމަށްފަހު އިންތިޚާބުގައި ވާދަކުރެއްވި ޖޯ ބައިޑެންއަށް އިންތިޚާބު ކާމިޔާބުވިކަން ޤަބޫލުކުރެއްވުމުގެ ބަދަލުގައި އިންތިޚާބުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި އެ މައްސަލަތަކާއިގެން ޓުރަމްޕުވަނީ ކޯޓަށް ވަޑައިގަންނަވަން ނިންމަވާފައެވެ. އެގޮތުްނ ޕެންސެލްވީނިއާގެ ނަތީޖާ ތަޞްދީޤުވިޔަނުދިނުމަށް ޓުރަމްޕުގެ ޓީމުން ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލުމަކީ މި މަސައްކަތުގައި ޓުރަމްޕަށް ކުރިމަތިވެވަޑައިގެންނެވި އިތުރު ބައްޔެކެވެ.
ޓުރަމްޕުގެ އަމިއްލަ ޕާޓީ ކަމުގައިވާ ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވާ ޕެންސަލްވީނިއާގެ ސެނެޓާ ޕެޓް ޓޫމޭވަނީ ޓުރަމްޕު ބަލި ޤަބޫލުކުރެއްވުމަށް ގޮވާލައްވާފައެވެ. ޕެންސެލްވޭނިއާގެ އިންތިޚާބީ ނަތީޖާއަށް ގޮންޖެއްސެވުމަށް އޮތް ހުރިހާ ޤާނޫނީ މަގުތަކެއް ޓުރަމްޕު މިހާރު ބޭނުންކުރައްވާފައިވާ ކަމަށާއި، އެހެންނަމަވެސް އެއިން މަގަކުން ނަތީޖާއެއް ޙާޞިލުނުކުރެއްވުނުކަން ފާހަގަކުރައްވައި ބައިޑެން އިންތިޚާބު ކާމިޔާބުކުރައްވާފައިވާކަން ޤަބޫލުކުރެއްވުމަށް ޓޫމޭ ޓުރަމްޕުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
މި މައްސަލަ ކޯޓުން ބޭރުކޮށްލެއްވި ފަނޑިޔާރަކީ ޓޫމޭގެ ވިދާޅުވުމަކަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ކޯޓަށް ޢައްޔަންކުރެއްވި ކޮންޒަވޭޓިވް ފިކުރުގެ ފަނޑިޔާރު މެތިވް ބްރަންއެވެ. ފަނޑިޔާރު ބްރަން ލިޔުއްވި 37 ޞަފްޙާގެ ހުކުމުގައި ވިދާޅުވެފައިވަނީ ޕެންސެލްވީނިއާގައި ވޯޓުލި 7 މިލިއަނެއްހައި މީހުންގެ ވޯޓު ބާޠިލުކުރުމަށް ޓުރަމްޕުގެ ޓީމުން ހުށަހަޅާފައިވަނީ ވަރަށް ނިކަމެތި ޤާނޫނީ ޒުވާބުތައް ކަމަށާއި، އެ ޒުވާބުތަކަށް ބާރުދޭނެ އެއްވެސް ހެއްކެއް ނެތް ކަމުގައެވެ. އަދި އެމެރިކާގައި މިއީ އެންމެ ވޯޓެއްވެސް ބާޠިލުކުރުމަށް އެކަށީގެންވާ މިންވަރުގެ ވާހަކަތަކެއް ނޫން ކަމަށާއި، އަދި އެމެރިކާ ރައްޔިތުންނާއި އެ ޤައުމުގެ ޤާނޫނުތަކާއި މުއައްސަސާތަކުން މިއަށްވުރެ ބާރުހުރި ހެއްކަކަށް އެދޭ ކަމުގައިވެސް ފަނޑިޔާރު ލިޔުއްވިއެވެ.
މި މައްސަލަ ބޭރުކޮށްލެއްވުމުގައި ދެވަނަ ފަހަށް މި މައްސަލަ އެ މަރުހަލާގެ ކޯޓަކަށް ހުށަނުޅެއްވޭ ގޮތަށް ފަނޑިޔާރު ބަރަން އަމަލުކުރައްވާފައިވެއެވެ. އެހެންނަމަވެސް ފަނޑިޔާރުގެ ނިންމުން ވީހާވެސް އަވަހަށް ތާޑް ސާކަޓް ކޯޓުގައި އިސްތިއުނާފުކޮށް، ވީހާވެސް އަވަހަކަށް މި މައްސަލަތައް ސުޕްރީމް ކޯޓާ ހަމައަށް ގެންދަން އުންމީދުކުރާ ކަމުގައި ޓުރަމްޕުގެ އެމެރިކާ ޓީމުން ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ