އޮސަސޫނާ ބަލިކޮށް ތާވަލުގެ އެއްވަނައަށް ރެއާލް މެޑްރިޑު

ޝިފްޒާން އަހްމަދު 26 ސެޕްޓެމްބަރު 2019 10:17
Flowers

ލަލީގާގެ ފެށުން ރަނގަޅުކޮށްފައިވާ ރެއާލް މެޑްރިޑުން 2-0ގެ ނަތީޖާއަކުން އޮސަސޫނާ ބަލިކޮށް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ޒައިނުއްދީން ޒިދާނުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރެއާލަށް މިސީޒަނުގައި އަދި ލަލީގާގެ މެޗެއްގައި ބައްޔަކާ ކުރިމަތިލާން ޖެހިފައި ނުވެއެވެ.

ހޮނިހިރުދުވަހު މެޑްރިޑުގެ ދެ ޓީމު ކަމުގައިވާ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑުރިޑު ބައްދަލުކުރާ މެޗަށް ތައްޔާރުވުމުގެ ގޮތުން އެސަސޫނާ ދެކޮޅަށް ކުޅުނު މެޗުގައި ޒިދާނުގެ ފުރަތަމަ 11ގައި ހިމެނޭ ވަރަށް ގިނަ ކުޅުންތެރިން ބެންޗުގައި ބޭތިއްބެވެ. އެގޮތުން ގެރެތު ބޭލު ފަދަ މުހިއްމު ކުޅުންތެރިން ރޭގެ މެޗުގައި ފެނުނީ ބެންޗުންނެވެ.

ރޭގެ މެޗުގައި ރަނގަޅު ފެށުމަކުން އަސަސޫނާއިން ފެއްޓި ނަމަވެސް ފުރަތަމަ ލަނޑު ކާމިޔާބުކުރީ ރެއާލުގެ ކުރިއަށް ކުޅޭ ޒުވާން ކުޅުންތެރިޔާ ވިނިޝިއަސް ޖޫނިއަރއެވެ. އެހިސާބުން ރެއާލުގެ ކުޅުން ރަނގަޅުކޮށް އިތުރަށް ވަރުގަދަކުރިއެވެ. ދެވަނަ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރީގޯއެވެ. ރޭގައި ވިނިޝިއަސްގެ ގޯލަކީ މިސީޒަނުގައި އޭނާގެ ފުރަތަމަ ގޯލެވެ. މިދިޔަ ސީޒަނުގައި ރެއާލަށް އޭނާ ދެގޯލު ކާމިޔާބުކޮށްދިނެވެ.

ލަލީގާގެ އެއްވަނަ ޖާގަ ރެއާލަށް ލިބިފައިވަނީ ކުޅުނު މެޗުތަކުގެ ތެރެއިން 4 މެޗުން މޮޅުވެ ދެމެޗުން އެއްވަރުވެ 14 ނުކުތާ ޙާޞިލުކޮށްގެންނެވެ. ދެވަނަ ޓީމަކަށް މިވަގުތު އޮތީ އެތުލެޓިކޯ މެޑްރިޑެވެ. އެޓީމަށް ލިބިފައިވަނީ 13 ނުކުތާއެވެ. 

ކިޔުންތެރިންގެ ހިޔާލު