ބާސެލޯނާ ދޫކޮށް އެހެން ޓީމަކަށް ބަދަލުވުމަށް މެސީ އެދިއްޖެ

އިބްރާހިމް އާދަމް 26 އޯގަސްޓު 2020 07:51
Flowers
ބާސެލޯނާގެ ތަރި ލައަނަލް މެސީ

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިން ތެރޭގައި ހިމެނޭ ބާސެލޯނާގެ ތަރި ލައަނަލް މެސީ ބާސެލޯނާ ދޫކޮށް އެހެން ޓީމަކަށް ބަދަލުވުމަށް ބާސާ ކިބައިން އެދިއްޖެއެވެ. 

ޢުމުރުން 33 އަހަރުގެ އާޖެންޓީނާ ތަރި އެކަމަށް އެދި އަންގާރަދުވަހު ކުލަބަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ އޭނާއާއި ކުލަބާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ މާއްދާއަކަށް އަމަލުކުރުމަށް އެދޭ ކަމުގައެވެ. އެއީ ހިލޭ ކުލަބު ދޫކޮށް ދެވޭ ގޮތަށް އޮންނަ މާއްދާއެކެވެ. އޯގަސްޓު 16 ވަނަ ދުވަހުގައި ބަޔާން މިއުނިކާއެކު ކުޅެ 8-2 ގެ ނަތީޖާއަކުން ބާސެލޯނާވަނީ ބަލިވެފައެވެ. 

މެސީ ބާސެލޯނާ ޖާޒީގައި ދަނޑު މައްޗަށް ނުކުތީ 2004 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާވަނީ 6 ފަހަރެއްގެ މަތިން ބެލަން ޑިއޯރ ކާމިޔާބުކޮށްފައެވެ. އަދި ވިލާތުގެ ޗެމްޕިއަންސް ލީގު 4 ފަހަރެއްގެ މަތިން ބާސެލޯނާއާއެކު އޭނާ ކާމިޔާބުކުރިއެވެ. 

ބާސެލޯނާއިން ޤަބޫލުކުރާ ގޮތުގައި މެސީ ތަންފީޒުކުރަން ބޭނުންވާ މާއްދާއަކީ މިހާރު މުއްދަތު ހަމަވެފައިވާ މާއްދާއެކެވެ. އެހެންކަމުން 2021 ވަނަ އަހަރާ ހަމައަށް މެސީ ދެމިހުންނާނީ އެކުލަބުގައި ކަމަށްވެސް ބާސެލޯނާއިން ދެކެއެވެ. ނުވަތަ ވަކިވެގެން ދާނަމަ 700 މިލިއަން ޔޫރޯ ދައްކަން މަޖުބޫރުވާނެ ކަމުގައިވެސް ދެކެއެވެ. 

ބާސެލޯނާގެ ކުލަބު ބޯޑުން ވަރަަށް އަވަސް ބައްދަލުވުމެއް ބާއްވައި މެސީ ޓީމުގައި ބެހެއްޓޭނެ ގޮތެއް ހޯދަން މަސައްކަތްކުރާނެއެވެ. އެގޮތުން ކުލަބުގެ ރައީސް އިސްތިއުފާދެއްވައި އަވަސް އިންތިޚާބެއް ބޭއްވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މެސީ ހުރީ ކުލަބު ދޫކޮށް ދިއުމަށް އަޒުމް ކަނޑައަޅައިގެންނެވެ. 

މެސީ ޓީމު ދޫކޮށް ދިއުމަށް އެދުނު ކަމުގެ ޚަބަރު ޢާންމުވުމާއެކު ބާސާގެ ދަނޑު ނޯ ކޭމްޕް ކައިރިއަށް އެޓީމުގެ ސަޕޯޓަރުންވަނީ އެއްވެ ބޯޑާ ދެކޮޅަށް އަދި މެސީއަށް ތާއީދުކޮށް މުޒާހަރާކޮށް އަޑުއުފުލާފައެވެ. 

ކިޔުންތެރިންގެ ހިޔާލު