ފީފާގެ ރައީސް އިންފަންޓީނޯގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަން ފަށައިފި

ޖާއިޝް ތައުފީޤް 31 ޖުލައި 2020 11:40
Flowers
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަން ފަށައިފިއެވެ.

ސްވިޒަލޭންޑުގެ މީޑިއާތަކުން ހާމަކޮށްފައިވާގޮތުގައި ސްވިޒަލޭންޑުގެ ހާއްްސަ ޕްރޮސެކިއުޓަރ އަކު ވަނީ އިންފަންޓީނޯ އާއި ސްވިޒަލޭންޑުގެ އެޓާނީ ޖެނެރަލް މައިކަލް ލައުބަރ އާއި ދެމީހުން ގުޅިގެން ހިންގި ކޮރަޕްޝަންގެ އަމަލަކާއި ގުޅޭ ތަހުގީގެއް ފަށާފައެވެ. 

އެ މައްސަލަ ތަހުގީގު ކުރާ ހާއްސް ޕްރޮސެކިއުޓަރ ސްޓެފަން ކެލަރ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، އިންފަންޓީނޯ އާއި ލައުބަރ އަދި ރިނަލްޑޯ އާނޯލްޑް ނަމަކަށް ކިޔާ މީހަކު ބައްދަލުވެ ކުރެވުނު މުއާމަލާތްތަކުގައި ޖިނާއީ ކަންތައްތަކެއް އެކުލެވޭކަމަށް ނިންމިފައިވާކަމަށެވެ. މިގޮތުން، ސަރުކާރުގެ ރަސްމީ މަޤާމެއްގައި ހުރެ ހާމަ ކުރަން ނުޖެހޭ މައުލޫމާތު ހާމަކުރުމާއި، ކުށްވެރިންތަކަކަށް އެހީވުމާއި އެފަދަ ކަންކަން ކުރުމަށް ހިތްވަރު ދިނުން ހިމެނޭކަމަށް ކެލަރގެ ބަޔާނުގައި ބުނެފައިވެއެވެ. 

ސްވިޒަލޭންޑުގެ އެޓާނީ ޖެނެރަލް އާއި އެގޮތަށް ބައްދަލުކުރެއްވިކަމާއި މެދު އިންފާންޓީނޯ ދެކޮޅު ހަދާފައެއް ނުވެއެވެ. ނަމަވެސް އޭނާ ދަނީ އެ އަމަލު ދިފާއު ކުރައްވަމުންނެވެ. 

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްވިޒަލޭންޑުގެ އެޓާނީ ޖެނެރަލް އާއި ބައްދަލު ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ. އަދި އެއީ ފީފާގެ ރައީސް ގެ ޒިންމާއެއް ވެސް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު