މިއަހަރު ބެލަންޑުއަރ ނުދޭން ނިންމައިފި

ޙުސައިން އަފްޝަން 21 ޖުލައި 2020 09:14
Flowers
ބެލަންޑުއާއެކު އާޖެންޓީނާ ފޯވަޑު ލައަނަލް މެސީ

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލަންޑުއަރ އެވޯޑު މިއަހަރު ނުދިނުމަށް އެއެވޯޑު ދިނުމުގެ ހަފުލާ އިންތިޒާމުކުރާ ފްރާންސް ފުޓްބޯލް މެގެޒިނުން ހޯމަދުވަހު ބުނެފިއެވެ. އެމަޖައްލާއިން ބުނި ގޮތުގައި މިހަފުލާ މިއަހަރު ނުބޭއްވުމަށް ނިންމީ ކޮރޯނާ ވަބާގެ ސަބަބުން ފުޓުބޯޅަ ކަލަންޑަރަށް އައިސްފައިވާ ބޮޑު ބަދަލުތަކާ ގުޅިގެންނެވެ. 

މިއެވޯޑަކީ 1956 ވަނަ އަހަރުން ފެށީގެން ކޮންމެ އަހަރެއްގައިވެސް ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ހޮވައި އޭނާއަށް ދެމުން އައި އެވޯޑެކެވެ. މިއެވޯޑު ލިބޭ ކުޅުންތެރިޔާ ކަނޑައަޅަނީ ނޫސްވެރިންގެ ވޯޓަކުންނެވެ. އަންހެނުންނަށް ބެލަންޑުއަރ ދޭން ފަށާފައިވަނީ 2018 ވަނަ އަހަރުއެވެ. 

މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ވަރަށް ބޮޑެތި ދަތިތަކެއް ކޮރޯނާ ވައިރަސްގެ ސަބަބުން ކުރިމަތިވެފައިވެއެވެ. އެގޮތުން މާޗުން ފެށިގެން ޖޫނާ ހަމައަށް ވިލާތުގެ ބޮޑެތި ހުރިހާ ލީގެއްގެ މެޗުތައް ފަސްކޮށްފައިވެއެވެ. ހަމައެހެންމެ ބައިނަލްއަޤުވާމީ މުބާރާތަތްތަކުގެ ތެރެއިން ބޮޑެތި ގިނަ މުބާރާތްތަކެއް ފަސްކުރިއެވެ. އެގޮތުން ވިލާތުގެ ޗެމްޕިއަންސް ލީގާއި ލެޓިން އެމެރިކާގެ ކޮޕަ އެމެރިކާވަނީ 2021 ވަނަ އަހަރަށް ފަސްކޮށްފައެވެ. 

ފްރާންސް ފުޓްބޯލް މަޖައްލާގެ އެޑިޓަރު ޕަސްކަލް ފެއްރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެމަހަކީ ފުޓުބޯޅައިގައި ގޮތެއް ނިންމުމަށް އެކަށީގެންވާ މުހުލަތެއް ނޫން ކަމުގައެވެ. ކުރިން 11 މަސް ލިބޭއިރު މިފަހަރު ކުޅުންތެރިންގެ ފެންވަރު ވަޒަންކުރުމަށް ލިބިފައިވަނީ އެންމެ ދެ މަސް ކަމުގައި އޭނާ ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު